ޔޫވޫއާއި ނިލަންދޫ އެއްވަރުވި އިރު، ވިކްޓަރީ މެޗު ދޫކޮށްލުމުން ފޯކައިދޫއަށް މޮޅެއް

ޔޫވީއާއި ނިލަންދޫ ދިވެހި ޕްރިމިއާ ލީގުގައި ބައްދަލު ކުރި މެޗެއްގެ ތެރެއިން ---ފޮޓޯ// އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ކުޅުންތެރިޔަކު މަދުކޮށް ކުޅެ ފ. ނިލަންދޫ އިން 2-2 އިން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)އާ އެެއްވަރުކުރި އިރު ވިކްޓަރީ ސްޕޯޓްސް ކުލަބު މެޗަށް ހާޒިރު ނުވުމުން ފޯކައިދޫއަށް ތިން ޕޮއިންޓް ލިބިއްޖެ އެވެ.

އިއްޔެ ހަވީރު ކުޅެން އޮތް މެޗަށް ވިކްޓަރީގެ ޓީމު ދަނޑަށް ހާޒިރު ވެފައި ނުވާތީ އެ މެޗު ވަނީ ކެންސަލް ކޮށްފަ އެވެ. އެހެން ކަމުން އިދިކޮޅު ޓީމަށް ތިން ޕޮއިންޓާއި ފައިދާ ދެ ގޯލު ދޭން އެފްއޭއެމް އިން ވަނީ ނިންމާފަ އެވެ. މިއީ ވިކްޓަރީ ސްޕޯޓްސް ކުލަބުން މިފަހަރުގެ ލީގުގައި މެޗަށް ހާޒިރު ނުވި ދެވަމަ ފަހަރެވެ.

އެ މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ފޯކައިދޫ މިވަގުތު އޮތީ ތާވަލުގެ ފަސް ވަނައިގައި 15 ޕޮއިންޓާ އެކު އެވެ. އެ ޓީމުގެ ކުރީގައި އޮތް އީގަލްސްއަށް ހަމަ އެ އަދަދަށް ޕޮއިންޓް ލިބިފައިވާ އިރު އެ ޓީމަށް ދަރަޖައިގެ ކުރިއެރުން ލިބެނީ ފައިދާ ގޯލުންނެވެ. މެޗު ދޫކޮށްލި ވިކްޓްރީ އޮތީ ތާވަލުގެ ފުލުގައި އެއްވެސް ޕޮއިންޓެއް ނުލިބި 38 ގޯލު ގެއްލުމުގަ އެވެ.

ލީގުގެ ފުރަތަމަ ބުރުގައި ވިކްޓަރީއާއި ފޯކައިދޫ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ// އެފްއޭއެމް

މާލީ މައްސަލަތަކާ ހުރެ ގަވައިދުން މުސާރަ ނުދޭތީ ވިކްޓަރީގެ ބައެއް ކުޅުންތެރިން ވަނީ ޕްރެކްޓިހަށް ނުކުތުން ހުއްޓާލައިފަ އެވެ. މިދިޔަ މަހު ނޭލްޕާގައި ބޭއްވި 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަ ކުރި ގައުމީ ޓީމުގައި ވިކްޓަރީގެ ހަތަރު ކުޅުންތެރިކު ހިމެނޭތީ ވިކްޓަރީން ވަނީ އޭރު، އެ ޓީމު މާލެ އަންނަން ދެން އެ ޓީމު ކުޅޭ މެޗުތައް ފަސް ކޮށްދިނުމަށް އެދިފަ އެވެ.

އަދި އެ ޓީމުގެ ބައެއް ކުޅުންތެރިން އަނބުރާ ޓީމާ ގުޅުމުން ޓީމަށް ކޮންމެސް ވަރެއްގެ ކުރި އެރުމެއް ލިބިއްޖެ ކަމަށް ކުލަބުން ބުނި ނަމަވެސް އިއްޔެގެ މެޗަށް އެ ޓީމު ހާޒިރު ނުވުމުން ޓީމުގެ ހާލަތު އަނެއްކާ ވެސް ސާފުވެ އެވެ. އެ ޓީމުން އެންމެ ފަހުން ކުޅުނު ދެ މެޗު ވެސް ކުޅުނީ އެއްވެސް ބަދަލެއް ބެންޗުގައި ނެތި ކިރިޔާ ޓީމު ހަމަވެގެންނެވެ. އަދި މެޗު ދޫކޮށްލުމާ ގުޅިގެން އަނެއްކާ ވެސް ބޮޑު އަދަބެއް ވިކްޓަރީއަށް އަންނާނެ އެވެ.

ތާވަލުގެ ހަތް ވަނައާއި އަށް ވަނައިގެ ވާދަވެރިކަން ވެސް ބޮޑުވެފައިވާ އިރު ރޭ ކުޅުނު މެޗުން ވެސް ވަނީ އެއްވަރުވެފަ އެވެ. މި މެޗުން މޮޅުވެގެން ތާވަލުގައި ކުރިއަށް ޖެހިލަން ލިބުނު ފުރުސަތު ނިލަންދޫ އަށް ގެއްލުނު އިރު ޔުނައިޓެޑް ވިކްޓްރީ އަށް މި މެޗުން މޮޅުވެގެން ހަތް ވަނާގައި ލީޑުފުޅާކުރަން ލިބުނު ފުރުސަތު ވަނީ ގެއްލިފަ އެވެ.

އެ މެޗުން ލިބުނު ޕޮއިންޓާ އެކު ޔުނައިޓެޑް ވިކްޓަރީ ތާވަލުގެ ހަތް ވަނާގައި އޮތީ އަށް ޕޮއިންޓާ އެކު 13 ގޯލު ގެއްލުމުގަ އެވެ. އަދި ނިލަންދޫ ތާވަލުގެ ފުލުން ދެވަނާގައި އޮތީ ހަތް ޕޮއިންޓާ އެކު 23 ގޯލު ގެއްލުމުގަ އެވެ.

ރޭގެ މެޗު ފެށިގެނެ ދެ ޓީމު ވެސް ވާދަވެރި ކުޅުމެއް ދެއްކި އިރު މެޗުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ ނިލަންދޫ އިންނެވެ. އެ ޓީމުގެ އަކްރަމް އިސްމާއިލް ޖަހައިދިން އެ ގޯލާ އެކު ޔޫވީ އިން ވަނީ ރައްދުގައި އޭގެ އިރަކޮޅެއް ފަހުން ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. އެ ގޯލު އެ ޓީމަށް ޖަހައިދިނީ އެ ޓީމުގެ ކެޕްޓަން އަހުމަދު ނާޝިދު (ނައްޓޭ) އެވެ.

ޔޫވީއާއި ނިލަންދޫ ދިވެހި ޕްރިމިއާ ލީގުގައި ބައްދަލު ކުރި މެޗެއްގެ ތެރެއިން ---ފޮޓޯ// އެފްއޭއެމް

އެ ހާފުގައި ދެ ޓީމަށް ވެސް ލީޑު ނެގުމަށް ގިނަ ފުރުސަތުތަކެއް ލިބުނު އިރު ފުރުސަތުތައް ދިޔައީ ބޭނުންނުކުރެވި އެވެ. ނަމަވެސް ދެވަނަ ހާފު ފެށިގެން ދެ ޓީމުން ވެސް ދިޔައީ ޓީމު ކުރިއަށް ޖައްސައި މެޗުން މޮޅުވުމަށް ޓަކައި ގޯލެއް ޖެހުމަށް މަސައްކަތް ކުރަމުންނެވެ. ވަރުގަދައަށް ކުޅެމުން ދަނިކޮށް ނިލަންދޫއަށް މައްސަލަ ޖެހުނީ، މެޗުގެ 65 ވަނަ މިނިޓްގައި އެ ޓީމުގެ ބިދޭސީ ޑިފެންޑަރު ކިންގްސްލީ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ.

ކިންގްސްލީގެ ރަތް ކާޑާ އެކު ކުޅުންތެރިޔަކު ނިލަންދޫ ޓީމުން މަދުވުމުގެ ފައިދާ ނަގައި ޔޫވީން ވަނީ އޭގެ އިރަކޮޅެއް ފަހުން މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިފަ އެވެ. އެ ގޯލު އެ ޓީމަށް ޖަހައިދިނީ ޔޫކްރޭނު ފޯވާޑް ކީރްލޯ ސިލިޗް އެވެ.

އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅުނު ނަމަވެސް ނިލަންދޫ އިން ވަނީ ހިތްވަރުކޮށް ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ނަތީޖާ ހަމަހަމަކުރަން ނިލަންދޫން ކުރަމުން ދިޔަ މަސައްކަތް ކާމިޔާބުވީ މެޗު ނިމެން ފަސް މިނިޓަށް ވެފައި ހުއްޓަ އެވެ. މެޗުގެ 85 ވަނަ މިނިޓްގައި މި ލަނޑު ޖެހީ ލޫކަސް އެވެ.

comment ކޮމެންޓް