މެރިން ރިސާޗް ސެންޓަރުގެ ނަން މައިޒާން ހަސަންމަނިކުގެ ނަމާ ގުޅުވާލަދީ: ނަޝީދު

މެރިން ރިސާޗް ސެންޓަރު: އެތަނުގެ ނަން ވަނީ މޯލްޑިވަސް މެރިން ރިސާޗް އިންސްޓިޓިއުޓަށް ބަދަލު ކޮށްފައި ----

މެރިން ރިސާޗު ސެންޓަރުގެ ނަން މައިޒާން ހަސަން މަނިކުގެ ނަމާ ގުޅުވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

މެރިން ރިސާޗު ސެންޓަރުގެ ނަން މެރިން ރިސާޗު އިންސްޓިޓިއުޓަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވި ސިޓީފުޅާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލިސް ރައީސް ވިދާޅުވީ މެރިން ރިސާޗު ސެންޓަރަކީ މައިޒާން ހަސަން މަނިކު އުފެއްދެވި ސެންޓަރެއް ކަމަށެވެ.

"މެރިން ބަޔޮލަޖީ ކިޔަވާ ވިދާޅުވެގެން ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ބޭފުޅާ އެއީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ސައިންޓިސްޓެއް އަދި އާޓިސްޓެއްގެ ގޮތުގައި މައިޒާން ހަސަން މަނިކު ފާހަގަކުރައްވާ މަޖިލިސް ރައީސް ވިދާޅުވީ މެރިން ރިސާޗު އިންސްޓިޓިއުޓްގެ ނަމާ ގުޅޭގޮތުން މަޖިލީހުން ގޮތެއް ނިންމާއިރު މައިޒާން ހަސަން މަނިކުގެ ނަމާ ގުޅުވައިގެން ނަމެއް ފާސްކުރައްވަން އެދިލައްވާ ކަމަށެވެ.

މި މައްސަލަ ދިރާސާކުރަން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އަށް ވަނީ ފޮނުވައިފަ އެވެ.

މެރިން ރިސާޗު ސެންޓަރުގެ ނަން މެރިން ރިސާޗު އިންސްޓިޓިއުޓަށް ބަދަލު ކުރީ، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު އެވެ.

އެ ސެންޓަރުގެ ނަން ބަދަލުކޮށް ސެންޓަރުގެ މަސައްކަތަށްވެސް ވަނީ ބައެއް ބަދަލުތައް ގެނެސްފަ އެވެ. އެގޮތުން ކަނޑާއި ކަނޑުގެ ދިރުންތަކާއި ގުޅޭ ސައިންޓިފިކް މައުލޫމާތު އެއްކޮށް ދިރާސާ ކުރުމުގެ އިތުރުން ކަނޑުގައި އުޅޭ ދިރުންތަކުގެ މައުލޫމާތު ހޯދައި ސްޕެސިމަން އެއްކޮށް ބެލެހެއްޓުމާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަދުވަމުންދާ ބާވަތްތަކާއި ނެތި ހިނގައިދާނެކަމުގެ ބިރުހީވެފައިވާ ބާވަތްތަކާއި ކަނޑުގެ މާހައުލުގެ ދުޅަހެޔޮކަމަށް މުހިންމު ބާވަތްތައް ދެނެގަނެ އެ ބާވަތްތައް ރައްކައުތެރިކޮށް ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކުގެ މައުލޫމާތާއި ލަފަޔާއި އިރުޝާދު ދިނުމަކީ އެ އިންސްޓިޓިއުޓުގެ މަސްއޫލިއްޔަތެކެވެ.

މަސްވެރިކަން ކުރަނީ ތިމާވެއްޓާ ރަށްޓެހި ގޮތެއްގައި ތޯ ބަލައި ދިރާސާ ކުރުމައި އެކަނަށް ބޭނުން ފަންނީ ލަފާ ފިޝަރީޒް މިނިސްޓްރީއަށް ދިނުން ވެސް އެތަނުގެ މެންޑޭޓަށް ވަނީ އިތުރުކޮށްފަ އެވެ. އަދި މަސްވެރިކަމުގެ ތަފާސްހިސާބުތަކަކީ އެ ކަންކަމަށް އެކަށޭނަ ހިސާބުތަކަކަށް ހެދުމަށް ބޭނުންވާ ލަފާދިނުމާއި ކަނޑުތަކުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ކުރެވޭކަން ކަށަވަރު ކުރުމާއި މެރިކަލްޗާގެ ސިނާއަތެއް ގާއިމުކުރުމަށް ބޭނުންވާ ދިރާސާތައް ކުރުމާއި، މެރިކަލްޗާގެ ދާއިރާ ތަރައްގީ ކުރާނެ ގޮތުގެ ފަންނީ ލަފާ ވެސް އެ އިންސިޓިޓިއުޓުން ދޭން ޖެހެ އެވެ.

މަސްވެރިކަމާއި މެރިކަލްޗަރާއި ފަރުތަކާ ގުޅޭ ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ މަސައްކަތްތަކުގައި ބައިވެރިވެ އެ ދާއިރާއިން ސައިންސް ކުރިއަރުވައި މިފަދަ ޖަމްއިއްޔާތަކަށް ބޭނުންވާ މައުލޫމާތު ވެސް އެތަނުން ފޯރުކޮށްދޭން ޖެހެ އެވެ.

ރާއްޖޭގައި އަމިއްލަ ފަރާތްތަކުން ކުރާ ކަނޑުގެ މާހައުލާ ގުޅޭ ދިރާސާތަކުން އެއްކުރާ މައުލޫމާތާއި ޑޭޓާތައް ޖަމާކޮށް، އެ ތަކެތި ބެލެހެއްޓުމަކީ ވެސް މެރިން ރިސާޗް އިންސްޓިޓިއުޓްގެ މަސްއޫލިއްޔަތެކެވެ.

comment ކޮމެންޓް