މުއާގެ "ލީނާ" ލީކުވެއްޖެ

ލީނާގެ ޕްރެމިއާ ރެޑްކާޕެޓްގައި ޑިރެކްޓަރު އަބްދުﷲ މުއާޒް އަދި ލީޑު އެކްޓްރެސް މަރިޔަމް އައްޒަ -- ސަން ފޮޓޯ: އަހުމަދު އައުޝަން އިލްޔާސް

މީގެ އަހަރުތަކެއް ކުރިން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފާހާނާއެއްގެ ތެރޭގައި ރަހުމު ކުޑަ ގޮތަކަށް މަރާލާފައިވާ އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާއިން "އިންސްޕަޔާވެގެން" ތައްޔާރުކުރި ދިވެހި ފިލްމު "ލީނާ" ލީކުވެއްޖެއެވެ.

ފިލްމީ ތަރި އަބްދުﷲ މުއާޒްގެ ޑައިރެކްޓުކުރި ފުރަތަމަ ފީޗާ ފިލްމު "ލީނާ" ލީކުވީ މިދިޔަ ހަފްތާ ތެރޭ، ޔޫޓިއުބަށެވެ. ޔޫޓިއުބުން އެކަނިވެސް މިހާތަނަށް 18،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ފިލްމު ބަލާފައެވެ.

މިދިޔަ ޖުލައި މަހުގެ ފަހުކޮޅު ފިލްމު "ލީނާ" ޕްރިމިއާކުރި އިރު، މި ފިލްމު ނެރުމާ، އަޒްލީނާ ނަފީސްގެ އާއިލާއިން ވަރަށް ބޮޑަށް ދެކޮޅު ހަދައި، އަދި ފިލްމު ބޯއިކޮޓްކުރުމަށްވެސް ގޮވާލިއެވެ.

ފިލްމު ބޮއިކޮޓް ކުރަން ގޮވާލާ އަޑު ގަދަވެފައި ވަނިކޮށް، "ސަން"އާ ވާހަކަ ދައްކަމުން މުއާ މީގެ ކުރިން ބުނީ، ލީނާ ޝޫޓް ކުރަން ފެށީ އަޒްލީނާގެ އާއިލާއާ އެކު އަންޑަސްޓޭންޑިންއަކަށް އާދެވުމުން ކަމަށެވެ.

https://sun.mv/121619

އެކަމަކު އެ ވާހަކަތައް އަޒްލީނާގެ އާއިލާއިން ދޮގުކުރެއެވެ. އެ އާއިލާއިން "ސަން"އަށް މިއަދު ބުނީ އެންމެ ކުޑަމިނުން ފިލްމު ހަދަން އެއްބަސްވާ ފަދަ އިޝާރާތެއް ލިބޭ ގޮތަށް ބަހެއްވެސް ބުނެފައި ނޯންނާނެ ކަމަށެވެ.

"މިއީ ވަރަށް ބޮޑު ދޮގެއް. އަބަދުވެސް އާއިލާއިން ފިލްމު ހެދުމާ ދެކޮޅު. އާއިލާ އެއްވެސް މެމްބަރަކާ ދެކެވުނު އެއްވެސް ވާހަކައެއްގައި ފިލްމު ހަދަން އެއްބަސްވެފައެއް ނޯންނާނެ. އަދި އެފަދަ އިޝާރާތެއް ލިބޭ ގޮތަށް ބަހެއްވެސް ބުނެފައެއް ނޯންނާނެ،" އަޒްލީނާގެ އާއިލާއިން ބުންޏެވެ.

ލީޑު ކެރެކްޓާ "ލީނާ"ގެ ރޯލުން މަރިޔަމް އައްޒަ ފެނިގެންދާ މި ފިލްމާ ބެހޭގޮތުން އަޒްލީނާގެ އާއިލާއިން އޭރު ބުނީ އަޒްލީނާގެ ހަޔާތުގެ މައްޗަށް މިފަދައިން ފިލްމު ހެދީ އޭނާގެ ހަނދާންތަކަށް އިހުތިރާމްކުރުމަށް އާއިލާއިން ކުރާ އާދޭސްތަކަށް ބީރު ކަންފަތެއް ދީފައި ކަމަށެވެ.

މި ފިލްމުގައި ލީނާގެ ލޯބިވެރިޔާގެ ރޯލުން ފެންނަނީ އަލީ އާޒިމް (ދޮން އައްޔަ)އެވެ. އަދި ފިލްމުން ފެނިގެންދާ އިތުރު ތަރީންގެ ތެރޭގައި ނުޒުހަތު ޝުއައިބު (ނުޒޫ)، މަރިޔަމް ހަލީމް އަދި އަހްމަދު ސައީދު ހިމެނެއެވެ.

ފިލްމު ރިލީޒްކޮށްފައިވަނީ މި އަހަރުގެ ޖުލައިގެ 23 ގައެވެ. އެ ފިލްމު ވަނީ އަތޮޅުތެރޭގައިވެސް ދައްކާފައެވެ.

comment ކޮމެންޓް