މިނިމަމް ވޭޖަށް 8،000 ރުފިޔާ ދޭނަމަ ރާއްޖެ ހަލާކުވާނެ: ގާސިމް

ޖުމްހޫރީ ޕާޓީއަށް މެންބަރުންތަކެއް ސޮއިކުރުމަށް މިރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް

މިނިމަމް ވޭޖް ނުވަތަ މުވައްޒަފުންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 8،000 ނުވަތަ 10،000 ރުފިޔާ ދޭގޮތަށް ހަމަޖައްސައިފިނަމަ ރާއްޖެ ހަލާކުވާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީއަށް މެންބަރުންތަކެއް ސޮއިކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ މިނިމަމް ވޭޖަކީ ޕްރޮފެޝަނަލް ގޮތުގައި ކުރިއަށް ގެންދެވިއްޖެނަމަ ރަނގަޅު ކަމަކަށް ވެދާނެ ކަމަށާއި، އެހެން ނޫންނަމަ އެއީ ޒަހަރަކަށްވެސް ވެދާނެ ކަމަށެވެ.

މިނިމަމް ވޭޖުގެ ގޮތުގައި 8000 އާއި 10،000 ރުފިޔާ އާދެމެދުގެ އަދަދެއް ކަނޑައަޅަން ސަރުކާރުން ވިސްނަމުން އަންނަ ވާހަކަ އައްސަވާފައިވާ ކަމަށާއި، އެކަން އެގޮތަށް ކޮށްފިނަމަ އެއީ ރާއްޖޭގެ އިގްތިސޯދަށް ނުއުފުލޭ ވަރުގެ ބޮޑު ބުރައަކަށް ވެގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން އެބަ އަޑު އަހަން 8،000 ރުފިޔާ އޭ 10،000 ރުފިޔާ އޭ ކަނޑައަޅަނީ. އަޅުގަނޑު ދަންނަވާނީ 8،000 ރުފިޔާ 10،000 ރުފިޔާ ހަދައިފިއްޔާ އަޅުގަނޑުމެން ހަލާކުވާނެ،" ގާސިމް ވިދާޅުވިއެވެ.

ރާއްޖެއަށް ނުއުފުލޭ ވަރުގެ ބުރައެއް އުފުލަން އުޅެގެން އިގްތިސޯދުގެ އިތުރުން އިޖުތިމާއީ ކަންކަންވެސް ފުނޑުފުނޑުވެގެންދާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ކުރިއަކަށް ނުދެވޭނެ. ގައުމަށް ލިބޭ ހުރިހާ އާމްދަނީ ދާނީ ތަފާތު ގޮތް ގޮތަށް ބޭރުވެގެން،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ މިނިމަމް ވޭޖް ކަނޑައެޅުމަކީ ދުނިޔޭގެ ގިނަ ގައުމުތަކުން ކުރާ ކަމެއް ކަމަށާއި، އެހެންކަމުން އެ ގައުމުތަކުން އެކަން ކޮށްފައިވާ ގޮތް ބަލައި، ރާއްޖެއަށް އެންމެ ފައިދާވާނެ ގޮތަކަށް އެ މަސައްކަތް ރާވާލަން ޖެހޭ ކަމަށެވެ.

"އެހެން ނަމަވެސް، އެކަން ކުރެވޭ ގޮތަކުން، އެ ވެދާނެ ބޮޑު ޒަހަރަކަށް. އެހެންވީމަ ވަރަށް ވިސްނުންތެރިކަމާ އެކީގަ ރާއްޖޭގެ ރައްޔިތުންގެ މަޖިލިސްގެ މެމްބަރުން ހާއްސަގޮތެއްގައި އެކަން ކުރައްވަން ވާނީ،" ގާސިމް ވިދާޅުވިއެވެ.

ގާސިމް މިރޭ ވިދާޅުވީ މިނިމަމް ވޭޖެއް ކަނޑައަޅާނަމަ، ހުރިހާ އެއީ ހުރިހާ ސެކްޓަރަކަށް ވެސް އޮންނަން ވާނީ އެއް އުސޫލެއް ކަމަށެވެ.

"ވަކި ސެކްޓަރަކަށް، ނުވަތަ ވަކި ފަރާތަކަށް ނުވަތަ ވަކި މީހަކަށް، މާ ބޮޑު ބުރަދަން އަންނަ ގޮތަކަށް ވަކި ސެކްޓަރެއްގަ މަސައްކަތް ކުރާ މީހުންގެ މިނިމަމް ވޭޖަކީ މިއީ އެޔޭ ކިޔައިގެން ކަނޑައަޅަން ފަށައިފިއްޔާ އެއޮތީ ގޯސްވެފައި. އެހިސާބުން ދެން މުޅި އިންޑަސްޓްރީ ހަލާކުވެގެން ދާނީ. ތަފާތު އިންޑަސްޓްރީތަކުގެ ވާހަކަ އަޅުގަނޑު މި ދެންނެވީ. އެއީ ޓޫރިޒަމް އިންޑަސްޓްރީ ވިޔަސް، މަސްވެރިކަމުގެ ސިނާއަތު ކަމުގައި ވިޔަސް ގެދޮރު އިމާރާތްކުރުން ކަމަށް ވިޔަސް އަދި އެހެން ކަމެއް ކަމަށް ވިޔަސް. އެއް އުސޫލެއް އޮންނަން ވާނީ. މިނިމަމް ވޭޖް އޮންނަން ވާނީ މިނިމަމް ވޭޖުގެ ގޮތުގައި،" ގާސިމް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީއަށް މެންބަރުންތަކެއް ސޮއިކުރުމަށް މިރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް

މިނިމަމް ވޭޖް ކަނޑައެޅުމުގައި އިގްތިސޯދު ހިފަހައްޓައި ދެމެހެއްޓޭނެ ގޮތަށް އިސްކަން ދީގެން އެކަން ކުރިއަށް ގެންދަން ގާސިމް ވަނީ މަޖިލިސް މެމްބަރުންނަށް އިލްތިމާސްކުރައްވައިފައެވެ.

ސަރުކާރުން ނިންމާފައިވަނީ 2020 އަންނައިރު މިނިމަމް ވޭޖެއް ކަނޑައެޅުމަށެވެ. މިނިމަމް ވޭޖު ކަނޑައެޅުމުގެ މަސައްކަތް ލަސްކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާތީ، މިނިމަމް ވޭޖު ބޯޑުން ބުނީ އެ ބޯޑުގެ މަސައްކަތް ފަށަންޖެހުނީ ސުމަކުން ކަމަށާއި ރާއްޖޭގައި އެކަމަށް ބޭނުންވާ ދިރާސާތައްކުރެވި މައުލޫމާތު އެއްކުރެވިފައި ނުވާ ކަމަށެވެ.

"އާމްދަނީ ލިބޭ އެންމެން އަތުން އިންކަމް ޓެކްސް ނަގަން ޖެހޭ"

ހަމައެއާއެކު އިންކަމް ޓެކްސް ނެގުމާ ގުޅޭގޮތުން ވެސް ގާސިމް ވަނީ މިރޭ ވާހަކަދައްކަވައިފައެވެ. ގާސިމް ވިދާޅުވީ އާމްދަނީ ލިބޭ އެންމެންގެ އަތުން ތަފާތު ކުރުމެއް ނެތި އިންކަމް ޓެކްސް ނަގަން ޖެހޭނެ ކަމަށެވެ.

އެގޮތުން ކުޑަ މުސާރައެއް ލިބޭ މީހާގެ އަތުން ކުޑަ ޓެކްސް އެއް ނެގި ނަމަވެސް، ގައުމުގެ ތަރައްގީއަށް ކުރާ މަސައްކަތުގައި އޭނާގެ ބައިވެރިވުން ވެސް އޮންނަން ޖެހޭނެ ކަމަށާއި ވަކި ބަޔަކު ވަކި ކަމަކުން އިސްތިސްނާވާ ހާލަތެއް ނެތި ކަންކަން އެއް އުސޫލެއްގެ ދަށުން ކުރިއަށް ގެންދަން ޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ.

"އެއީ ގައުމުގެ ފަރުދެއްގެ ހައިސިއްޔަތުން އޭނާ އަދާކުރަންޖެހޭ ވާޖިބު އަދާކުރުމުގައި އޭނާ އާ އެންމެންވެސް ވާނީ އެއްވަރު. ލިބޭ މިންވަރު ކުޑަނަމަ ދައްކާ އެއްޗެއްވެސް ކުޑަވާނެ. އެހެން ނަމަވެސް އޭނާގެ ބައިވެރިވުން އޮންނަންވާނެ. އެއީ ގައުމިއްޔަތަށްޓަކައި، ގައުމު ކުރިއަށް ގެންދިއުމަށްޓަކައި،" އޭނާ ވިދާޅުވިއެވެ.

ސަރުކާރުން ހުށަހަޅަނީ 40،000 އިން މަތީގެ އާމްދަނީ ލިބޭ މީހުންގެ އަތުން ޓެކްސް ނެގުމަށެވެ. ސަރުކާރުން ހުށަހަޅަނީ ޕްރޮގްރެސިވް ޓެކްސް ނިޒާމެއް ރާއްޖޭގައި ގާއިމުކުރުމަށެވެ. ޕްރޮގްރެސިވް ޓެކްސް ނިޒާމަކީ އާމްދަނީގެ ނިސްބަތަށް ބަލައި ޓެކްސް ނަގާ މިންވަރު ކަނޑައަޅާ ނިޒާމެކެވެ.

އިންކަމް ޓެކުހުގެ ގޮތުގައި އަހަރެއްގެ މައްޗަށް 600 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީއިން ލަފާކުރެއެވެ. މި ޓެކްސް ދައްކާނީ 6،000 އެއްހައި މީހުން ކަމަށްވެސް އެ މިނިސްޓްރީ އިން ލަފާކުރެއެވެ.

އާމްދަނީއިން ޓެކްސް ނެގުމުގެ ބިލު މިހާރު ވަނީ މަޖިލީހަށް ހުށަހަޅައިފައެވެ. ފިނޭންސް މިނިސްޓްރީއިން ބުނީ އަންނަ އަހަރުން ފެށިގެން އާމްދަނީއިން ޓެކްސް ނަގަން ފެށުމަކީ އަމާޒު ކަމަށެވެ.

comment ކޮމެންޓް