މެލޭޝިޔާގައި "މެރަނަ" ސްކީމް ފަށައިފި

ހުސްނުވާ އާސަންދަ އިފްތިތާހު ކުރި ހަފްލާގެ ތެރެއިން -- ސަން ފައިލް ފޮޓޯ

އިންޑިއާ އާއި ސްރީ ލަންކާ އަދި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ދައުލަތުގެ ހަރަދުގައި ސިއްހީ ހިދުމަތް ދިނުމަށް ތައާރަފްކުރި ހެލްތު އިންޝުއަރެންސް ސްކީމް، "މެރަނަ" ގެ ހިދުމަތް މެލޭޝިޔާގައި ވެސް ފަށައިފިއެވެ.

"މެރަނާ" ސްކީމުގެ ހިދުމަތް މެލޭޝިޔާގައި ފަށާފައި ވަނީ މިއަދުއެވެ. މީގެ ކުރިން އެ ސްކީމުގެ ހިދުމަތް ލިބެމުން އައީ އިންޑިއާ އަދި ލަންކާގައެވެ.

މި ސްކީމުގެ ކޮންމެ ބައިވެރިޔަކަށް އަހަރަކު 1،50000 ރުފިޔާ ކަނޑައަޅާފައިވާއިރު އައުޓް ޕޭޝަންޓް ހިދުމަތްތަކަށް އަހަރަކު ކަނޑައަޅާފައިވަނީ 10،000 ރުފިޔާ އެވެ. އެނދުމަތިކޮށްގެން ހޯދާ ހިދުމަތްތަކަށް ކަނޑައަޅާފައިވަނީ ޖުމްލަ ކަވަރޭޖާ އެއްވަރު އަދަދެކެވެ.

އާސަންދައިން ބުނީ މެލޭޝިޔާގައި "މެރަނާ" ސްކީމުގެ ހިދުމަތް ފަށާފައި ވަނީ ރަނގަޅު ބަދަލުތަކާއެކު ކަމަށެވެ.

އެގޮތުން ހުށަހެޅޭ ބޭސްފަރުވާގެ ބިލްތަކުގެ ޖުމްލަ އަދަދުގެ ތެރެއިން ސްކީމުން ހަރަދުކުރާ މިންވަރު 65 ޕަސެންޓު އަށް އިތުރުކޮށްފައިވާނެ ކަމަށާއި، މީގެ ތެރޭގައި އިންޑިއާ އަދި ލަންކާގައި ވެސް ހިމެނޭނެ ކަމަށް އާސަންދަ އިން ބުންޏެވެ.

އާސަންދައިން ބުނީ ސްކީމުގެ ދަށުން މެލޭޝިޔާގައި "ކޭޝްލެސް" ހިދުމަތް ހަމަޖެހިފައި ނުވާކަމަށެވެ. އެހެންކަމުން މެރަނާ ސްކީމުގައި ރަޖިސްޓްރީވެފައިވާ އެގައުމުގައި ދިރިއުޅޭ ދިވެހިން ހިދުމަތް ލިބިގަތުމަށްފަހު "ރީއިމްބާސްމަންޓް" ފޯމު ފުރިހަމަ ކުރުމަށްފަހު، ހިދުމަތް ހޯދި ބިލްތަކުގެ ކޮޕީއާއެކު ފޯމު ހުށަހެޅުމުން ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ފައިސާ ހަމަޖެހިގެން ދާނެ ކަމަށެވެ.

އާސަންދައިން ބުނީ ފަރުވާ ހޯދާ ދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި ފައިސާ ހޯދަން ރީއިމްބާސް ކުރަން ހުށަހަޅަން ވާނެ ކަމަށާއި، ބިލްތައް ބަލައިގަންނަތާ 20 ދުވަހުގެ ތެރޭގައި ރީއިމްބާސް ކޮށްދެވޭނެ ކަމަށެވެ.

އީމެއިލް ކޮށްގެން ރީއިމްބާސްމަންޓަށް ހުށަހެޅޭނެއެވެ. އަދި އެސްޓީއޯ ޓްރޭޑް ސެންޓަރުގެ ތިން ވަނަ ފަންގިފިލާގައި ހުންނަ އާސަންދަ ކަސްޓަމާ ސާވިސް ސެންޓަރަށް ހާޑް ކޮޕީ ފޮނުވައިގެން ވެސް ރީއިމްބާސްމަންޓަށް ހުށަހެޅޭނެއެވެ.

ރީއިމްބާސްމަންޓް ފޯމު އާސަންދަ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެ އެވެ. އަދި އެގައުމެއްގެ އެމްބަސީން ވެސް ލިބެން ހުންނާނެއެވެ.

މެރަނާ ސްކީމުގެ ދަށުން ގަބޫލުކުރާ ހޮސްޕިޓަލުތަކުގެ ފުރިހަމަ ލިސްޓު އާސަންދަ ވެބްސައިޓުން ފެންނަން ހުންނާނެއެވެ.

comment ކޮމެންޓް