ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

ހައިކޯޓު --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހާއެކު ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްކޮށް އޮތް ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައި ވަނީ ހައިކޯޓު އެކުލެވިގެންވަނީ ހައިކޯޓުގެ އިސް ފަނޑިޔާރާއި، އެކޯޓަށް އައްޔަންކުރެވޭ އިތުރު 10 ފަނޑިޔާރުންނާއެކު ޖުމްލަ 11 ފަނޑިޔާރުންގެ މައްޗައް ކަމަށެވެ.

ހައިކޯޓުގައި މިވަގުތު ތިބީ ނުވަ ފަނޑިޔާރުންނެވެ. އެހެންކަމުން ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ ހުސްކޮށް އޮތް ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 21 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެވޭނީ އިސްލާމީ ޝަރީއާގެ ރޮނގުން، ނުވަތަ ގާނޫނީ ރޮނގުން، ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށް، ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަމުގައި ނުވަތަ އެ ދެ ކަމުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ އުމުރުން 25 އަހަރު ފުރިފައިވާ ފަރާތްތަކަށެވެ.

ހައިކޯޓުގެ ފަނޑިޔާރަކަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި 54،300 ރުފިޔާ ލިބެއެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅައިފައިވާ ގޮތަށް ސިއްހީ އިންޝުއަރެންސް އަދި ފޯނު އެލަވަންސް ލިބޭނެ ކަމަށް އިއުލާނުގައިވެއެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިހާރު ތިއްބަވަނީ އިސްފަނޑިޔާރު ޝުޖާއު އުޘްމާން، ފަނޑިޔާރު އަބްދުﷲ ހަމީދު، ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ، ފަނޑިޔާރު އަބްދުލް ރައޫފް އިބްރާހީމް، ފަނޑިޔާރު އަލީ ސަމީރު، ފަނޑިޔާރު މުހައްމަދު ނިޔާޒް، ފަނޑިޔާރު ހަސަން އަލީ، ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ފަނޑިޔާރު ހުސައިން ޝަހީދެވެ.

comment ކޮމެންޓް