ކޮޅުފުށީގައި 100 ހައުސިން ޔުނިޓް އަޅަން ކުންފުންޏަކާ ހަވާލުކޮށްފި

ކޮޅުފުށީގައި 100 ހައުސިން ޔުނިޓްއަޅަން ބަޔަކާ ހަވާލުކުރުމަށް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ހައުސިން މިނިސްޓްރީ

މ. ކޮޅުފުށީގައި 100 ހައުސިން ޔުނިޓްއަޅަން ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

އެ މަސައްކަތް ހަވާލުކޮށްފައިވަނީ ޕްރެސިޝަން އިންޖިނިއަރިން ސާވިސްއާއި ޕީއީއެސް މެރިން ސާވިސާސް ޖޮއިންޓް ވެންޗާ ކުންފުންޏާއެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އެކަމާ ގުޅޭ އެއްބަސްވުމެއްގައިވެސް ވަނީ ސޮއިކޮށްފައެެވެ. މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް އަހްމަދު ވިޝާން ނަސީމެވެ.

ޕްރިސިޝަން އިންޖިނިއަރިން ސާވިސަސްގެ ފަރާތުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޕީޑަބްލިއު ތިލަކަރަތުނަ އަދި ޕީއީއެސް މެރިން ސާވިސަސްގެ ފަރާތުން ޔޫސުފް ގާސިމް ވެސް އެ އެއްބަސްބުމުގައި ސޮއިކުރެއްވިއެވެ.

އެ މަސައްކަތް ހަވާލުކޮށްފައިވަނީ 75.8 މިލިއަން ރުފިޔާއަށް 350 ދުވަހުން ނިންމާގޮތަށެވެ.

އެ މަޝްރޫއުގެ ދަށުން އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ 1100 އަކަފޫޓުގެ 100 ގޯތީގައި ތިން ކޮަޓަރިއާއި ތިން ފާހާނާއާއި ސިޓިން ރޫމްއާއި ބަދިގެ އަދި ސްޓޯރޫމްއަކާއި ދޮންނަ މެޝިނެއް ބަހައްޓާނެ ތަނެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

ކޮޅުފުށީ ކައުންސިލްގެ ރައީސް ހުސައިން ޝާމިލް "ސަން" އަށް ވިދާޅުވީ ކޮޅުފުށީގައި 150 ހައުސިން ޔުނިޓް އަޅުއްވައިދެއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެއް ކަމަށެވެ.

"އެގޮތުން އަޅާ 150 ހައުސިން ޔުނިޓްގެ ތެރެއިން 100 ޔުނިޓްގެ މަސައްކަތް މިއީ. މިކަމުގައި އަޅުގަނޑުމެން ބޮޑަށް އިސްކަން ދޭނީ ގޯތި ހުރެފައި އިމާރާތް ނުކުރެވި ތިބި ފަރާތްތަކަށް. އެ ހުރިހާ ގެއެއްގައިވެސް ހައުސިން ޔުނިޓް އެޅޭނެ. ދެން ބާކީ ހުރި ހައުސިން ޔުނިޓްތައް ކައުންސިލުން ކަނޑައަޅާ ތަނެއްގައި ހެދުމަށްފަހު އެތަންތަނަށް ކުރިމަތިލާން ހުޅުވާލާނީ،" ޝާމިލް ވިދާޅުވިއެވެ.

ކޮޅުފުށީގެ އާބާދީގައި މިވަގުތު 1436 މީހުން ރަޖިސްޓްރީކޮށްފައިވާއިރު ރަށުގައި ދިރިއުޅެނީ 700 މީހުންނެވެ.

comment ކޮމެންޓް