މިނިމަމް ވޭޖު ކަނޑައަޅާނީ އިގުތިސޯދަށް އަސަރު ކުޑަވާނެހެން

މިނިމަމް ވޭޖު ކަނޑައެޅުމުގެ ބިލް ޑްރާފްޓު ކުރުމަށް އުފެއްދި ސަބް ކޮމެޓީގެ ބައްދަލުވުން --- ފޮޓޯ: މަޖިލިސް

ރާއްޖޭގައި މިނިމަމް ވޭޖެއް ކަނޑައަޅާނީ އޭގެ ސަބަބުން އިގްތިސޯދަށް ކުރާ އަސަރުތައް ކުޑަވާނެހެން ކަމަށް މިނިމަމް ވޭޖު ބޯޑުން ބުނެފިއެވެ.

މިނިމަމް ވޭޖު ކަނޑައެޅުމުގެ ބިލް ޑްރާފްޓު ކުރުމަށް އުފެއްދި ސަބް ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިމަމް ވޭޖު ބޯޑުގެ ޗެއާ، މަރިޔަމް ހާލިދާ ވިދާޅުވީ މިނިމަމް ވޭޖު ކަނޑައެޅުމުގެ މަސައްކަތް މިއަަހަރުގެ ނިޔަލަށް ނިންމާލުމަށް ސުންގަޑި ދީފައިވީނަމަވެސް އެ ބޯޑުގެ މަސައްކަތްތައް ނިންމައި ތަފްސީލީ ރިޕޯޓެއް މިއަންނަ މަހުގެ ނިޔަލަށް އިކޮނޮމިކް މިނިސްޓަރަށް އަރުވާނެ ކަމަށެވެ. މި ރިޕޯޓާއެކު މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅާނެ އަދަދުގެ ލަފާވެސް މިނިސްޓަރަށް އަރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިމަމް ބޭޖު ބޯޑުގެ މަސައްކަތާ ގުޅޭގޮތުން ބޯޑުގެ ޗެއާ ވިދާޅުވީ މިހާތަނަށް 300 އަށްވުރެ ގިނަ މީހުންގެ ހިޔާލާއި މަޝްވަރާ ހޯދާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކަމާ ގުޅުންހުރި ބޭރުގެ ތަޖުރިބާކާރުންނާއި ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތައްވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެންނަށް މެތަޑޮލޮޖީ ނިންމާލެވިފައި މިއޮތީ. އެހެން ގައުމުތަކުގައި އަމަލުކުރާ އުސޫލާއި އިންޓަނޭޝަަލީ ބެސްޓް ޕްރެކްޓިސް އަށް ބަލާއިރު މެތަޑޮލަޖީ ކުރިއަށްގެންދާނެ ގޮތަކީ ބެލެންސްޑް އެޕްރޯޗެއް ކަމަށް. އެއީ ވީހާވެސް އެވިޑެންސްޑް ބޭސްޑް އެޕްރޯޗަކަށް ހެދުމަށް،" ހާލިދާ ވިދާޅުވިއެވެ.

ހާލިދާ ވިދާޅުވީ މިނިމަމް ވޭޖު ކަނޑައަޅާއިރު ބަލާނީ މަސައްކަތްކުރާ މީހާ އާއި އޭނާގެ އާއިލާއަށް ޒަރޫރީ ބޭނުންތައް ފުދޭނީ ކިހާވަރެއްގެ އާމްދަނީ އެއް ލިބިގެންތޯ އާއި ރާއްޖޭގެ އިގްތިސޯދީ ހާލަތަށް ކަމަށެވެ.

"އަޅުގަނޑުމެން ބަލަމުން މިދަނީ ވޯކާއެއްގެ ނީޑަކީ ކޮބައިތޯ. އޭނާ އާއި އެނާގެ އާއިލާ އަށް ކިހާވަރެއްގެ ނިއުޓްރިޝަންއެއް ލިބިގެންތޯ މަސައްކަތް ކުރެވޭނީ. އެހާވަރަށް އެބަ ބަލަން،" ހާލިދާ ވިދާޅުވިއެވެ.

"ދެން އަޅުގަނޑުމެން ބަލަނީ އެހެން ނީޑްސް އަކީ ކޮބައިތޯ. ހައުސިން ނީޑްސް އަކީ ކޮބައިތޯ. ޔުޓިލިޓީސް އަށް ދަނީ ކިހާވަރެއްތޯ. އޭތި އައިޑެންޓިފައިކޮށްފައި ވެއިޓޭޖު މިދެނީ އެންމެ އެސެންޝިއަލް އައިޓަމްސް އަކީ ކޮބައިތޯ. މި ދިރާސާތައް މި ކުރަނީ،" ހާލިދާ ވިދާޅުވިއެވެ.

މީގެ އިތުރުން އިގްތިސޯދު މިހާރު ހުރީ ކިހާވަރެއްގައިތޯ އާއި މަސައްކަތްތެރިންގެ އުޖޫރަ ހުރީ ކިހާ ހިސާބެއްގައިތޯވެސް ބަލަމުންދާ ކަމަށް ހާލިދާ ވިދާޅުވިއެވެ.

ހާލިދާ ވިދާޅުވީ މިނިމަމްވޭޖުގެ ގޮތުގައި ކަނޑައަޅީނީ ކިހާ އަދަދެއްތޯ އާއި ކޮން އުސޫލަކުންތޯ ކަނޑައެޅޭނީ މިހާރު ކުރިއަށްގެންދާ ސާވޭއަށް ފަހުގައި ކަމަށެވެ.

"ސެކްޓޯރަލްތޯ ކުރާނީ، ނެޝަނަލް ލެވެލްގައިތޯ ކުރާނީ ދަންނަވާކަށް މިހާރަކު ނޭނގޭ، އެކަން ނޮވެމްބަރުގައި ކަނޑައެޅޭނެ،" ހާލިދާ ވިދާޅުވިއެވެ.

ބޯޑުގައި ހިމެނިވަޑައިގަންނަވާ މެންބަރު، މައުރޫފް ޒާކިރު ވިދާޅުވީ މިނިމަމް ވޭޖު ކަނޑައަޅާއި އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަނުގެ ދެ ކޮންވެންޝަނެއް އޮންނަ ކަމަށާއި ރާއްޖެއިން މި ކޮންވެންޝަންތައް ތަސްދީގުކޮށްފައި ނުވިނަމަވެސް، މިނިމަމް ވޭޖު ކަނޑައަޅާނީ އައިއެލްއޯގެ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.

މިނިމަމްވޭޖު ކަނޑައެޅުމުގެ މަސައްކަތް ކުރިއަށްގެންދަނީ ވެސް އައިއެލްއޯގެ އުސޫލުތަކާ އެއްގޮތަށް ކަމަށްވެސް މައުރޫފު ވިދާޅުވިއެވެ. މައުރޫފު ވިދާޅުވީ މިނިމަމްވޭޖު ކަނޑައެޅުމަށް މިހާރު ކުރިއަށްގެންދާ ދިރާސާތަކަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގެ ހާލަތު ދެނެގަނެ، ރާއްޖޭގެ އިގްތިސޯދުގެ ހާލަތާއެކު މިނިމަމް ވޭޖު ކަނޑައެޅުމަށް ކުރަމުންދާ މަސައްކަތްތައް ކަމަށެވެ.

މިނިމަމް ވޭޖެއް ކަނޑައެޅުމުން ކުއްޔާއި ތަކެތީގެ އަގު ބޮޑުވެދާނެތޯ ކޮމެޓީގެ މެންބަރުން ސުވާލު ދެންނެވުމުން މިނިމަމް ވޭޖު ބޯދުން ވަނީ އެކަން އެގޮތަށް ނުހިނގާނެ ކަމަށް ވިދާޅުވެފައެވެ. މިނިމަމް ވޭޖާއެކު އިގްތިސޯދަށް އަންނަ ލޮޅުމުގެ އަސަރު ބޮޑު ނުވާނެކަމަށް މިނިމަމް ވޭޖު ބޯޑުން ބުންޏެވެ.

ބޯޑުގެ މެންބަރުން ފާހަގަކުރެއްވި ގޮތުގައި މިނިމަމްވޭޖާ ގުޅޭ އާގާނޫނެއް އެކުލަވާލައިގެންވިޔަސް، މިހާރު އޮތް ވަޒީފާގެ ގާނޫނަށް ބަދަލު ގެނެސްގެންވިޔަސް މިނިމަމް ވޭޖެއް އެކަށައެޅިދާނެއެވެ. މިނިމަމް ވޭޖަށް އަމަލު ނުކުރާ މީހުންނާއި ފަރާތްތަކާމެދު އެޅިދާނެ ފިޔަވަޅުތައް ބަޔާންކުރަންޖެހޭ ކަމަށް މިނިމަމް ވޭޖު ބޯޑުގެ މެންބަރުން ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގައި އެކި ދާއިރާތަކުގެ މަސައްކަތްތައް ހުރިގޮތުން މުޅި ރާއްޖެއަށް މިނިމަމް ވޭޖެއް ކަނޑައެޅުމުގެ ބަދަލުގައި އެކި ދާއިރާތަކަށް ވަކި އަދަދެއް ކަނޑައެޅުމުގެ މުހިއްމުކަން ބޯޑުގެ ބައެއް މެންބަރުން ފާހަގަ ކުރެއްވިއެވެ.

"ޕްރައިވެޓު ސެކްޓާގެ މިނިމަމް ވޭޖެއް ކަނޑައެޅުމުގެ މަސައްކަތް މިކުރަނީ. ކޮންސިޑާ ކުރަންއެބަޖެހޭ އޭގެ ސަބަބުން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ކުރާނެ އަސަރު،" މިނިމަމް ވޭޖު ބޯޑުގެ މެންބަރު މަރިޔަމް ހާލިދާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިކުރާ ދިރާސާގައި ވޭޖަސް ތަކަށް އަންނާނެ ބަދަލުތަކާ އިންޑަސްޓްރީ ލެވެލް އަށް ކުރާނެ އަސަރުތަކާ އަޅުގަނޑުމެން ދިރާސާއެބަ ކުރަން. ހަމަ އެހެންމެ އިންފްލެޝަނަރީ އެފެކްޓްސް އުޅެދާނެތީ، އެކަމަށްވެސް ވިސްނަން. އެހެންވެ މި ދަންނަވަނީ ބެލެންސްޑް އެޕްރޯޗެކޭ ބޭނުން ކުރާނީ،" ހާލިދާ ވިދާޅުވިއެވެ.

ސަރުކާރުން ނިންމާފައިވަނީ 2020 އަންނައިރު މިނިމަމް ވޭޖެއް ކަނޑައެޅުމަށެވެ. މިނިމަމް ވޭޖު ކަނޑައެޅުމުގެ މަސައްކަތް ލަސްކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާތީ، މިނިމަމް ވޭޖު ބޯޑުން ބުނީ އެ ބޯޑުގެ މަސައްކަތް ފަށަންޖެހުނީ ސުމަކުން ކަމަށާއި ރާއްޖޭގައި އެކަމަށް ބޭނުންވާ ދިރާސާތައްކުރެވި މައުލޫމާތު އެއްކުރެވިފައި ނުވާ ކަމަށެވެ.

comment ކޮމެންޓް