އިކޮނޮމިކްސްގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތަކާއެކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހުޅުވާލި ސްކޮޕަޝިޕްގެ ފުރުސަތު، މިދިޔަ އަހަރުގެ އޭ ލެވެލް އިމްތިހާނުން ދެ މާއްދާއަކުން ދުނިޔެއިން އެއްވަނަ ހޯދި އަބްދުﷲ ޔަޒާން ރަޝީދަށް ލިބިއްޖެއެވެ.
މިދިޔަ އޯގަސްޓް މަހު ހުޅުވާލި އެ ފުރުސަތަށް 15 ދަރިވަރަކު ކުރިމަތިލިކަމަށް އެމްއެމްއޭއިން ބުނެއެވެ.
ސްކޮލަޝިޕްގެ ފުރުސަތު ލިބުނު އަބްދުﷲ ޔަޒާން ރަޝީދަށް އެކަމުގެ ލިޔުން މިއަދު ހަވާލުކޮށްދެއްވީ، މިދިޔަ އާދިއްތަ ދުވަހު އެމްއެމްއޭގައި ބޭއްވި ރަސްމިއްޔާތެއްގައި ގަވަރުނަރު އަލީ ހާޝިމްއެވެ.
ޔަޒާން ވަނީ މިދިޔަ އަހަރުގެ އޭ ލެވެލް އިމްތިހާނުގައި ބިޒްނަސް އަދި އެކައުންޓިންގް މާއްދާއިން ދުނިޔެއިން އެއްވަނަ ހޯދާފައެވެ. އަދި އޭ ލެވެލްގެ ގައުމީ ގަދަ 10 އަކުން ހަ ވަނައިގައި އޭނާ ހިމެނުނެވެ.
އޯގަނައިޒޭޝާން ފޯރ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް (އޯއީސީޑީ) ގައުމުތަކުން ކިޔަވަން ލިބޭ މި ސްކޮލަޝިޕްގެ ދަށުން ތައުލީމު ހާސިލުކުރުމަށްފަހު އެނބުރި ރާއްޖެ އައިސް، މަދުވެގެން ފަސް އަހަރު ދުވަހު އެމްއެމްއޭއަށް ހިދުމަތް ކޮށްދޭންޖެހެއެވެ.
އޯއީސީޑީ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ދުނިޔޭގައި އިގްތިސާދީ އަދި ތައުލީމީ ގޮތުންވެސް އެންމެ ކުރިއަރާފައިވާ ގައުމުތަކެވެ.
އައްޑޫ ހައި ސްކޫލުން މަތީ ސާނަވީއަށް ކިޔެވި ޔަޒާން "ސަން"އަށް މިއަދު ބުނީ، އޭނާ ކިޔަވަން ދަނީ އޮސްޓްރޭލިއާގެ ކެންބެރާގައި ހުންނަ އޮސްޓްރޭލިއާ ނޭޝަނަލް ޔުނިވާސިޓީއިން ކަމަށާއި، އެތަނުން ކިޔެވުމަށް ޕްލޭސްމަންޓަށްވެސް އެދިފައިވާ ކަމަށެވެ.