ޝިއްޕެ ވެސް ދެވަނަ ދައުރަކަށް ކުރިމަތިލައްވަނީ

މުހައްމަދު ޝިފާޒް: އޭނާ ވަނީ ޕާޓީގެ ނައިބު ރައީސް ކަމަށް ކުރިމަތި ލައްވާފައި --- ސަންފޮޓޯ/ އަވްޝަން އިލިޔާސް

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ނައިބު ރައީސްކަމުގެ ދެވަނަ ދައުރަކަށް ރައިސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރު މުހައްމަދު ޝީފާޒު (ޝިއްޕެ) ކުރިމަތިލައްވާކަން އިއުލާން ކުރައްވައިފި އެވެ.

އެމްޑީޕީގެ ނައިބު ރައީސް ކަމުގެ ދައުރު މިހާރު ވަނީ ހަމަވެ، ހުސްކަމެއް އައިސްފަ އެވެ. އެއާ އެކު ލީޑާޝިޕް މަގާމުތަކަށް ކުރިމަތިލުމަށް އެ ޕާޓީން ރޭ ވަނީ އިއުލާން ކޮށްފަ އެވެ.

ދެވަނަ ދައުރަކަށް ކުރިމަތިލައްވާކަން އިއުލާން ކުރައްވައި ޝިއްޕެ މިއަދު ކުރެއްވި ޓްވީޓެއްގައި އޭނާ ވަނީ ޕާޓީގެ މެމްބަރުންގެ ތާއީދަށް އެދިވަޑައިގެންފަ އެވެ.

"އެމްޑީޕީގެ ހިތްވަރުގަދަ މެމްބަރުންގެ ތާއީދާއި ކުރައްވާ އިތުބާރު އެގޮތުގައި ދެެއްވާނެ ކަމަށް އުންމީދު ކުރަން،"ޝީއްޕެ ޓްވީޓްގައި ވިދާޅުވި އެވެ.

ޝިއްޕެ ވަނީ، ޕާޓީގެ ރައީސްގެ މަގާމަށް ދެވަނަ ދައުރަކަށް ވާދަކުރައްވާނެ ކަަމަށް މިއަދު އިއުލާން ކުރެއްވި ކުރީގެ ރައީސް އަދި މަޖިލިސް ރައީސް، މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

މިހާތަނަށް އެ ދެމަގާމަށް ކުރިމަތިލައްވާ ކަމަށް އިއުލާން ކުރެއްވީ އެ ދެބޭފުޅުންނެވެ.

މީގެ ފަސް އަހަރު ކުރިން އޮގަސްޓް 2014ގައި ބޭއްވި އެ ޕާޓީގެ ލީޑާޝީޕް އިންތިހާބުގައި އެ ދެމަގާމަށް ވާދަކުރެއްވީ އެ ދެބޭފުޅުން އެކަންޏެވެ. ރައީސް ކަމުގެ މަގާމަށް ރައީސް ނަޝީދަށް ލިބިވަޑައިގަތީ، 33،709 ވޯޓެވެ. ޝިއްޕެ އަށް ލިބިވަޑައިގަތީ، 21،052 ވޯޓެވެ. އެ އިންތިހާބުގައި ޖުމްލަ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ، 57،204 މީހުން އެވެ.

އެމްޑީޕީގެ ލީޑާޝިޕްގެ ދެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލީ އަންނަ ހޮނިހިރު ދުވަހުގެ މެންދުރު 12:00 އަށެވެ. އިންތިހާބުގެ ވޯޓުލުމުގެ ހައްގު ލިބިގެން ވަނީ ހޮނިހިރު ދުވަހާ ހަމައަށް ޕާޓީގެ ރަޖިސްޓްރީގައި ތިއްބަވާ ފަރާތްތަކަށެވެ.

comment ކޮމެންޓް