"ނަޗު ބަލިޔޭ"ގެ ކޮރިއޯގްރާފަރުން ޝޯ ބޮއިކޮޓުކޮށްފި

ނަޗު ބަލިޔޭގެ ދެ ބައިވެރިންނާއެކު ޝޯގެ ޖަޖެއް ކަމަށްވާ ރަވީނާ ޓެންޑަން --- ފޮޓޯ : ސްޓާ ޕްލަސް

އިންޑިއާގެ އެންމެ މަގުބޫލު އެއް ރިއޭލިޓީ ޝޯ ކަމަށްވާ "ނަޗު ބަލިޔޭ"ގެ ޖަޖެއްގެ މައްސަލައެއްގައި ޝޯގެ ބައެއް ކޮރިއޯގްރަފަރުން ޝޯ ބޮއިކޮޓުކޮށްފި އެވެ.

ނަޗު ބަލިޔޭގެ ނުވަ ވަނަ ބުރު މިހާރު ކުރިއަށް ދާއިރު މިއަހަރުގެ މުބާރާތުގައި ހިމެނޭ ޖަޖެއް ކަމަށްވާ އަހުމަދު ހާން އާ ގުޅޭ ގޮތުން ބައެއް ފަރާތްތަކުންގެ މެދުގައި ވަނީ ހަމަނުޖެހުން އުފެދިފަ އެވެ.

އޭނާ ޖަޖު ކުރުމުގެ ފެންވަރު ރަނގަޅު ނޫން ކަމަށާއި މުބާރާތުގެ ބައިވެރިންނާ މުހާތަބުކުރާ ގޮތް ވަރަށް ގޯސް ކަމަށް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ.

ޝޯގެ މިދިޔަ ހަފްތާގެ އެޕިސޯޑުގައި ރޯހިތު ރެޑީ އާއި އަނީތާ ހަސަންދާނީ އަދި ޕްރިންސް ނަރޫލާ އާއި ޔުވީކާ ޗޯދްރީގެ ޖޯޑަށް ޖަޖުކުރި އިރު އަހުމަދު ހާން ވަނީ ވަރަށް ބޭއަދަބީ ބަސްތައް ބޭނުންކޮށްފަ އެވެ. އަދި ދެ ޖޯޑަށް އެއްވެސް މާކުހެއް ނުދޭނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

މި ސީޒަންގެ އެންމެ ފުރަތަމަ އެޕިސޯޑުން ފެށިގެން ވެސް އަހުމަދު ހާން ކަމު ނުދާ ކަމަށް ގިނަ ވާހަކަ ތަކެއް ދެކެވިގެން ދިޔަ އެވެ.

އެންމެ ފަހުން މައްސަލަ ހޫނުވެގެން ޝޯ ބޮއިކޮޓުކުރަން ފަށާފައިވާ އިރު މިހާތަނަށް ހަތަރު ކޮރިއޯގްރަފަރެއް ވަނީ ޝޯ ބޮއިކޮޓުކޮށްފަ އެވެ.

އެ މައްސަލައާ ގުޅިގެން ނަޗު ބަލިޔޭގެ ޕްރޮޑަކްޝަން ޓީމުން ވަކި އެއްޗެއް ބުނެފައެއްނުވެ އެވެ.

comment ކޮމެންޓް