ރާއްޖެ އާއި ކޮޗިންއާ ދެމެދު ފަށަން އުޅޭ ފެރީ ދަތުރާ މެދު ކަންބޮޑުވޭ: އިމިގްރޭޝަން

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެ އާއި ކޮޗިންއާ ދެމެދު ކަނޑު މަގުން ފަށަން އުޅޭ ފެރީ ދަތުރުގެ ހިދުމަތާ މެދު ކަންބޮޑުވުންތައްކެއް ހުރި ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

ރާއްޖެ އަދި އިންޑިއާ ސަރުކާރާ ދެމެދު މިއަަހަރުގެ ޖުލައި ތިން ވަނަ ދުވަހު ސޮއިކުރި އެއްބަސް ވުމުގައި ވަނީ ހދ ކުޅުދުއްފުއްޓާއި ކޮޗިންއާ ދެމެދު ފަސިންޖަރުންނާއި މުދާ އުފުލާ ފެރީގެ ހިދުމަތް ފެށުމަށެވެ.

އެކަމާ ގުޅިގެން މިއަދު ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ސުވާލު ކުރީ ކޮޗިން އަދި ކުޅުދުއްފުއްޓާ ދެމެދު ފެރީ ދަތުރު ފަށައިގެން، އޭގެއިން ދަތުރުކުރާ މީހުންގެ ރެކޯޑްސްތައް ބަލަހައްޓަން އިމިގްރޭޝަނުން ތައްޔާރުވެފައިވޭތޯ އެވެ.

އެ ސުވާލަަށް ޖަވާބު ދެއްވަމުން ޑެޕިއުޓީ ކޮންޓްރޯލާ އޮފް އިމިގްރޭޝަން އިބްރާހިމް އަޝްރަފް ވިދާޅުވީ ކުޅުދުއްފުށީގައި އިމިގްރޭޝަންގެ ކެޕޭސިޓީ އަދި ވަރަށް ކުޑަކަމަށެވެ.

"އެވަރުގެ މަސައްކަތެއް މިވަގުތު އަޅުގަނޑުމެންގެ ކެޕޭސިޓީ ހުރިގޮތުން ކުޅުދުއްފުށީގައި ހިންގުމަކީ އަޅުގަނޑުމެންނަށް ދަތިކަމެއް ކަމަށް އޮންނާނީ ގުޅުން ހުރި ހުރިހާ އިދާރާތަކެއްގައި ދަންނަވާފައި،" އަޝްރަފް ވިދާޅުވި އެވެ.

އެންމެ ބޮޑު މައްސަލައެއް ކަމަށް އަޝްރަފް ފާހަގަ ކުރެއްވީ ކުޅުދުއްފުށީ ބަނދަރުގައި އެ ކެޕޭސިޓީ ނެތުމާއި، އެވަރުގެ ޓާމިނަލެއް ނެތުމެވެ. ނަމަވެސް ރާއްޖެ ކޮޗިން ފެރީ ދަތުރަށް ކޭޓަ ކުރުމުގެ ގޮތުން ތަފާތު ވިސްނުމެއް ގެންގުޅޭ ކަމަށް އަޝްރަފް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެއަށް ކޭޓާ ކުރުމުގެ ގޮތުން އެހެން ވިސްނުމެއް ތަފާތު ވިސްނުމެއް އެބަ ގެންގުޅެން. އެއި ފުރާ ބަނދަރުން އިމިގްރޭޝަންގެ ހިދުމަތް އެހެން ގައުމުތަކުގައިވެސް ދޭ އުސޫލުން. އެއީ ކުރޫސްލައިނާ ކަހަލަ އެއްޗިހީގައި އިމިގްރޭޝަން އޮފިސަރުން އާންމުކޮށް އަރާނެ ލާސްޓް ސްޓޮޕުން އަރައި ޑެސްޓިނޭޝަނަށް އައުމުގެ ކުރިން ކްލިއަ ކުރުމުގެ ކަންކަން. އެކަމުގެ މަސައްކަތްތަކެއް އަޅުގަނޑުމެން މިހާރު ކުރަމުން މި ދަނީ." ޑެޕިއުޓީ ކޮންޓްރޯލާ އޮފް އިމިގްރޭޝަން އިބްރާހިމް އަޝްރަފް ވިދާޅުވި އެވެ.

އެއްފަހަރާ ފެރީއަކުން 200 ނުވަތަ 300 މީހުން ފައިބައިގެން މާލޭ އިންޓަނޭޝަނަލް އެއާޕޯޓު ގޮތަށް ޕްރޮސްސް ކުރެވޭނެ އެއްވެސް އިންފްރާންސްސްޓްރަކްޗާއެއް ކުޅުދުއްފުށީގައި ނެތް ކަމަށް އަޝްރަފް ވިދާޅުވި އެވެ.

ޑެޕިއުޓީ ޗީފް އިމިގްރޭޝަން އޮފިސަރު އަހުމަދު ޝިފާން ވިދާޅުވީ ބޯޑާ ކޮންޓްރޯލް ސިސްޓަމަށް މިހާރުވެސް މައްސަލަތައް ދިމާވެފައި ވަނިކޮށް ރާއްޖެ އާއި ކޮޗިންއާ ދެމެދު ފެރީގެ ހިދުމަތް ފެށުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

ބޯޑާ ކޮންޓްރޯލްގައި ދިމާވާ އެންމެ ބޮޑު މައްސަލައަކީ ސީޕޯޓުން އަންނަ މީހުންގެ މައުލޫމާތު ނޭޅުމާއި އެ މައުލޫމާތު ދިމާނުވުން ކަމަށް ވިދާޅުވި އެވެ.

"ސީޕޯޓުން މީހުން އެތެރެވާ މައުލޫމާތެއް ނުހުންނާނެ. ސައިންއޮފް ސައިންއޮން ނުވަތަ ސީޕޯޓުގައި މި ކުރަން ޖެހޭ ކަންކަމެއް ސީޕޯޓުގައި ނުކުރެވޭ މިހާރު ހުރި ސިސްޓަމުން،" ޝިފާން ވިދާޅުވި އެވެ.

އެކަމަށް ހައްލެއް ނުލިބު ރާއްޖެ ކޮޗިންގެ ފެރީ ދަތުރުތައް ފެށުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ޝިފާން ވިދާޅުވި އެވެ.

comment ކޮމެންޓް