ހިޔާނާތުން ހޯދާ މުދާ ފަސޭހައިން ދައުލަތަށް ނެގޭނެ ގޮތަށް ގާނޫނު އިސްލާހުކުރަނީ

އޮކްޓޯބަރ 15، 2019: އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒުމޫސާ

ކޮރަޕްޝަނާއި މަނީލޯންޑްރިންގެ ތެރެއިން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ ފަސޭހަ ގޮތްތަކެއް ގާނޫނުގެ ތެރެއިން ކަނޑައެޅުމަށް ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރާނެ ކަމަށް އާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

އޭސީސީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ކޮމިޝަންގެ ނައިބު ރައީސް ފާތިމަތު އަނޫލާ ވިދާޅުވީ، ކޮރަޕްޝަންގެ އަމަލުތައް ހިންގާ މީހުންނަށް ދެވޭ ހަމައެކަނި އަދަބަކީ ޖަލަށް ލުންކަމަށް އެ ކޮމިޝަނުން ނުދެކޭ ކަމަށެވެ. ނަމަވެސް އެފަދަ އަމަލުތަކުގެ ތެރެއިން ހޯދާފައި ހުންނަ ފައިސާ އާއި މުދާ ދައުލަތަށް އަނބުރާ ހޯދަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެއީ ދައުލަތަށް ލިބުނު ގެއްލުން ރިކަވާ ކުރެވޭނެ ހަމައެކަނި ގޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެގޮތުން، ކޮރަޕްޝަން ހިންގައިގެން ލިބޭ ފައިސާ އާއި މުދާ ފޮރުވުމަށް ރާއްޖެއިން ބޭރުގައި ބަހައްޓާފައި ހުންނަކަން ވެސް ފާހަގަ ކުރައްވައި، އަނޫލާ ވިދާޅުވީ އެފަދަ ތަކެތި ވެސް އަނބުރާ ދައުލަތަށް ނެގޭނެ ގާނޫނީ ނިޒާމެއް ތައާރަފް ކުރުމަށް ކޮމިޝަނުން ދިރާސާކޮށް ގާނޫނަށް އެ ބަދަލުތައް ގެންނަން ހުށަހަޅާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ މަސައްކަތުގެ ތެރޭގައި އެބަހިމެނޭ، ކުށްކޮށްގެން ހޯދާ ފައިސާ އާއި މުދާ އަތުލުން ނުވަތަ ދައުލަތަށް ނެގުމަށް ކުރެވޭނެ ކަންތައްތަކަކީ ކޮބައިިތޯ ބަލާ، އެކަމަށް ގާނޫނީ އޮނިގަނޑެއް އެކުލަވާލުމުގެ މަސައްކަތް ކުރުން،" އަނޫލާ ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ މައިގަނޑު މަސައްކަތަކީ އެފަދަ ފައިސާ އާއި މުދާ ކޮންމެ ތަނެއްގައި ހުރިނަމަވެސް އެ އެއްޗެހި އަތުލެވޭނެ ގޮތެއް ހޯދުން،"

އޭނާ އަދި ވިދާޅުވީ ގާނޫނު މިހާރު އޮތް ގޮތުން މަނީ ލޯންޑްރިންގެ ކުށްތައް ތަހުގީގު ކުރެވެނީ ހަމައެކަނި ފުލުހުންނަށް ނަމަވެސް، އޭސީސީއިން ބޭނުން ވަނީ އެ ކޮމިޝަނުން ވެސް އިސްނަގައިގެން އެފަދަ މައްސަލަތައް ސީދާ ކޮމިޝަނަށް ތަހުގީގު ކުރުމުގެ ބާރު ހޯދަން ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ މަނީލޯންޑްރިންގެ ކުށްތައް ގުޅިލާމެހިފައި ވަނީ، ކޮރަޕްޝަނާ ކަމަށްވާތީ އެވެ.

"ކޮރަޕްޝަނަކީ މަނީ ލޯންޑާކުރުމަށް މަގުފަހިކުރުވާ ކުށް. މީގެ ކުރިން އަމަލު ކުރުމުގައި ކޮރަޕްޝަނުގެ ތެރޭ ހިމެނޭ މަނީ ލޯންޑާ ކުރުމުގެ ބައިގެ ތަހުގީގު ކުރިއަށް ގެންދަނީ ފުލުހުން، ނަމަވެސް ޖިނާއީ އިޖުރާތުގެ ގާނޫނުގެ ދަށުން އަޅުގަނޑުމެންނާއެކު ޖޮއިންޓް އިންވެސްޓިގޭޝަނެއް ކުރިއަށްގެންދިޔުމުގެ މަގު ފަހިވެފައި އެބައޮތް. އެކަމަކު އެވަރަކުން ނުނިމޭ،" އަނޫލާ ވިދާޅުވި އެވެ.

މީގެ އިތުރުން، މިހާރު ގާނޫނީ އޮނިގަނޑު އޮތް ގޮތުން އޭސީސީގެ މެންޑޭޓާއި ބައެއް އެހެން ތަހުގީގީ އިދާރާތަކުގެ މެންޑޭޓް ފުށުއަރާކަން ކޮމިޝަންގެ މެންބަރުން މިއަދު ފާހަގަ ކުރެއްވި އެވެ. އެހެންކަމުން، އެކަންކަން އިސްލާހު ކުރުމަކީ އިސްކަން ދޭ ކަންކަމުގެ ތެރޭގައި ހިމެނޭކަމެއް ކަން ކޮމިޝަނުން ފާހަގަ ކުރެއްވި އެވެ.

"އެހެންވީމާ އަޅުގަނޑުމެން ބޭނުންވަނީ މި ހުރިހާ ގާނޫނެއްގައި ހުރި ފުށުއެރުންތައް ނައްތާލުމަށް ފަހު މެންޑޭޓު ނުވަތަ އިހުތިސޯސާމެދު ދިމާވާ ކަންތައް ނައްތާލުމަށް. އަދި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް، ރާވައިގެން ހިންގާ ބޮޑެތި މައްސަލަތަކުގައި ބައެއް ފަރާތްތަކުގެ މައްޗަށް އަޅުގަނޑުމެންގެ ސީދާ އިހުތިސޯސް ނުހިނގާތީ ދިމާވެފައި ހުރި ގޮންޖެހުންތައް ވެސް އެބަހުރި. އެހެންވީމާ އަޅުގަނޑުމެންގެ އިސްލާހުތައް ބިނާކުރާނީ އެފަދަ ހުރިހާ ފަރާތްތަކެއްގެ މައްޗަށް، އަމިއްލަ ފަރާތެއް ކަމަށްވިޔަސް ނޫނީ ގާނޫނީ ޝަހުސެއް ނަމަވެސް އޭސީސީގެ އިހުތިސާސްހިނގާގޮތަށް ގާނޫނު ބައްޓަން ކުރަން އަޅުގަނޑުމެން މަސައްކަތް ކުރާނީ،" އަނޫލާ ވިދާޅުވި އެވެ.

comment ކޮމެންޓް