އުއްތަމަ ފަނޑިޔާރާއި، ފަނޑިޔާރު އާދަމް މުހައްމަދު ނަސޭހަތް ގަބޫލެއް ނުކުރި!

އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ އަދި ފަނޑިޔާރުން އާދަމް މުހައްމަދު --- ސަންފޮޓޯ/

އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ އަދި ފަނޑިޔާރު އާދަމް މުހައްމަދުގެ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލައި ނަސޭހަތް ދިނުމަށް ނިންމައި ދިން ނަސޭހަތް އެ ދެ ފަނޑިޔާރުން ބަލައި ނުގަންނަކަން ކަށަވަރު ވެއްޖެ އެވެ.

ޖޭއެސްސީއިން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބެލި އެވެ. އެއީ އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދާއި ފަނޑިޔާރު އަބްދުﷲ އަރީފްގެ މައްސަލަ އެެވެ. އެމައްސަލަ ނިންމައި ޖޭއެސްސީއިން ވަނީ އެ ތިން ފަނޑިޔާރުންނަށް ނަސޭހަތް ދޭން ނިންމާފަ އެވެ.

ޖޭއެސްސީއިން ނަސޭހަތް ދިނުމަށް އެބޭފުޅުންނަށް ފޮނުވި ލިޔުން އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ އަދި ފަނޑިޔާރު އާދަމް މުހައްމަދު ބަލައި ނުގަތްކަން 'ސަން' އަށް ވަނީ އެނގިފަ އެވެ. އެނގިފައިވާ ގޮތުން އެދެ ފަނޑިޔާރުން ނަސޭހަތް ބަލައި ނުގަތީ ނަސޭހަތް ދީ ފޮނުވި ލިޔުމުގައި ޖޭއެސްސީގެ ސެކެޓްރީ ޖެނެރަލް ސޮއިކޮށްފައި އޮތުމުންކަން އެނގިފައިވެ އެވެ.

ސުޕްރީމް ކޯޓުން މީގެ ކުރިން ނެރެފައިވާ ސާކިއުލާއެއްގައިވާ ގޮތުން އެ ކޯޓަށް ސިޓީ އާއި ލިޔެކިޔުން ފޮނުވަން ޖެހެނީ އެ ފޮނުވާ އިދާރާއެއްގެ ވެރިޔާ ސޮއިކޮށްފަ އެވެ. އެ ދެ ފަނޑިޔާރުންނަށް ނަސޭހަތްދީ ޖޭއެސްސީއިން ފޮނުވި ނަސޭހަތުގެ ސިޓީ ދެ ފަނޑިޔާރުން ވެސް ވަނީ ބަލައި ނުގަނެ އަނބުރާ ޖޭއެސްސީއަށް ފޮނުވާލާފަ އެވެ.

ނަމަވެސް ފަނޑިޔާރު އަބްދުﷲ އަރީފް ނަސޭހަތް ބަލައިގަތްކަން އެނގިފައިވެ އެވެ.

ތިން ފަނޑިޔާރުންނަށް ނަސޭހަތް ދޭން ޖޭއެސްސީއިން ނިންމީ ސިވިލް ކޯޓުން ކޮށްފައިވާ ހުކުމެއް ތަންފީޒު ކުރުމުގެ ގޮތުން އެ ކޯޓުން ބަލަމުން ގޮސްފައިވާ މައްސަލައެއްގެ ފައިލް ފޮނުވުމަށް އަންގައި، އަދި އެ ފައިލް ސިވިލް ކޯޓުން ސުޕްރީމް ކޯޓަށް ގެނައުމާ ގުޅިގެން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި ފަރާތަށް ގާނޫނުން ލިބިދީފައިވާ އިސްތިއުނާފު ކުރުމުގެ ހައްގު ގެއްލި އަދި އަދުލު އިންސާފުގެ ހަމަޔާއި އުސޫލު ގެއްލޭ ކަމަށް ބުނެ ބެލި މައްސަލާގަ އެވެ.

އޭގެ އިތުރުން ޖުޑިޝަރީގައި އިސްލާހުކުރަން ޖެހޭ ކަންކަމާ ގުޅިގެން މިހާރު ޖުޑިޝަލް ސާވިސް ކޮމިޝަނުން ބަލަމުންދާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލައަކާ ގުޅިގެން އެ ދެ ފަނޑިޔާރުންނަށް ފޮނުވި ޗިޓުވެސް ބަލައި ނުގަނެ އަނބުރާ ފޮނުވާލާފައިވާ ކަން 'ސަން' އަށް ވަނީ އެނގިފަ އެވެ. އެގޮތަށް އަމަލުކުރީވެސް ޖޭއެސްސީގެ ސެކެޓްރީ ޖެނެރަލް ސޮއިކޮށްފައި އޮތުމުންކަން ވަނީ އެނގިފަ އެވެ.

comment ކޮމެންޓް