ވަކި ބަޔަކަށް އަނިޔާ ދޭން "ހަލާލު" އެއްބަސްވުންތައް އުވާލާފައިވޭ: މިނިސްޓަރު

މަޖިިލިސް މާލިޔަތު ކޮމެޓީގައި ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު

ކުރީގެ ސަރުކާރުތަކުން ގަވާއިދާ ހިލާފަށް އެއްބަސްވުންތައް އުވާލިއިރު، ވަކި ބަޔަކަށް އަނިޔާ ދިނުމުގެ މަގުސަދުގައި "ހަލާލު" އެއްބަސްވުންތައް ވެސް ބާތިލުކޮށްފައި އެބަހުރި ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ދައުލަތުން ބަދަލު ދޭނެ އުސޫލުތަކެއް ކަނޑައެޅުމާ ގުޅޭ ގޮތުން މާލިއްޔަތު ކޮމިޓީއިން ކުރަމުން ދާ މަސައްކަތުގެ ތެރެއިން، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެ ކޮމިޓީއަށް މިއަދު ވަޑައިގަތް ވިދާޅުވީ، ގަވައިދާ ހިލާފަށް އެއްބަސްވުންތައް ބާތިލުކޮށްގެން ދައުލަތުން އަމިއްލަ ކުންފުނިތަކަށް ބަދަލު ދޭން ޖެހެނީ ކުރީގެ ސަރުކާރުންތަކުން އަމަލުކޮށްފައި ހުރި ގޮތުން ކަމަށެވެ. އެގޮތުން ޒާތީ ގޮތުން ވަކި ބަޔަކަށް ގެއްލުންދޭން ވެސް އެ ކަންކަން ކޮށްފައި ހުރި ކަމަށް ވެސް މިނިސްޓަރު އަލީ ވިދާޅުވި އެވެ.

އެގޮތަށް އުވާލި އެއްބަސްވުންތަކުގެ އިތުރު ތަފްސީލެއް މިނިސްޓަރު ނުދެއްވަ އެވެ.

ނަމަވެސް މިިނިސްޓަރު ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން އަމިއްލަ ކުންފުނިތަކާއެކު ވެފައިވާ އެއްބަސްވުންތައް ބާތިލުކުރިއިރު އޭރު ބަންޑާރަ ނައިބުގެ މަގާމުގައި ހުންނެވި ބޭފުޅާގެ ލަފާ ހޯދާފައި ނުވާފަދަ ކަންކަން ވެސް ފާހަގަވެފައި ހުރި ކަމަށެވެ.

"ހަންކެޑެ މައްސަލައިގައި މި ސަރުކާރުން އެއްބަސްވުން ބާތިލުކުރީ ބަންޑާރަ ނައިބުގެ ލަފަޔާއެކު. އެ މައްސަލަ ކޯޓަށް ވެސް ވެއްދި. އެކަމަކު ކޯޓުން ވެސް އެ މައްސަލަ ބޭރުކޮށްލީ. ބަންޑާރަ ނައިބުގެ ލަފަޔަކަށް އެހީމައި، ވިދާޅުވާނެ އެއީ ރަނގަޅު ކަމެއްތޯ ނޫންތޯ." މިނިސްޓަރު ވިދާޅުވި އެވެ.

ހަންކެޑެ---

ކުރީގެ މިނިސްޓަރުންގެ ދުވަސްވަރު، ބައެއް ރިސޯޓްތައް ބަންދު ކުރުމަށް ހަފްތާއެއްހާ ދުވަހުގެ ނޯޓިސް ދީފައިވުން ފަދަ ކަންކަން ވެސް ހިނގާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ދައުލަތުން އުވާލި އެއްބަސްވުންތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ބޭނުންތަކަށް ތަންތަން ތަރައްގީ ކުރުމަށް ދިގު މުއްދަތަކަށް ކުންފުނިތަކާ ހަވާލު ކުރުމަށްފަހު އެކި ސަބަބުތަކާހުރެ އެ މަސައްކަތް ކުރިއަށް ނުގެންދާތީ އުވާލި އެއްބަސްވުންތައް ވެސް ހިމެނޭކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"ތަންތަން ތަރައްގީ ކުރަން ހަވާލު ކުރުމަށްފަހު އެއްބަސްވާ މުއްދަތެއް ހަމަވުމުގެ ކުރިން އެ މަސައްކަތް ކުރިއަށް ދޭތޯ ނުދޭތޯ ބަލާ ވެސް ނުލާ. މިއީ މިދިޔަ 10-12 ވަރަކަށް އަހަރު ކަން ހިނގާފައި ހުރި ގޮތް. މިކަން ބަދަލު ކުރާނަން،" މިނިސްޓަރު އަލީ ވިދާޅުވި އެވެ.

އޭގެ އިތުރުން މިނިސްޓަރުގެ ވާހަކައިގައި އެއްބަސްވުންތައް އުވާލުމުގެ މައްސަލައިގައި ފަނޑިޔާރުގެތަކުންނާއި ގާނޫނުތައް ހެދިފައި ހުރި ގޮތުން ދިމާވާ ދަތިތައް ވެސް ހާމަކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުން ގާނޫނުތައް އިސްލާހު ކުރާއިރު، އިންވެސްޓަރުންނާއި ދައުލަތަށް ވެސް ލުއިވާނެ ފަދަ ގޮތަކަށް އެކަން ކުރުމަށް މިނިސްޓަރު އަލީ ވަހީދު އެދިވަޑައިގެންނެވި އެވެ.

ކުރީގެ ސަރުކާރުތަކުން އުވާލާފައިވާ ކޮންޓްރެކްޓްތަކުގެ ސަބަބުން، ދައުލަތުން އެކި ފަރާތްތަކަށް ދޭން ޖެހޭ މާލީ ބަދަލު 6.8 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ވަނީ ލަފާ ކުރެވިފަ އެވެ. އަދި ނުނިމި ހުރި އެފަދަ އިތުރު މައްސަލަތަކެއް ކޯޓުތަކުގައި ވެސް އަންނަނީ ހިނގަމުންނެވެ.

comment ކޮމެންޓް