ބަދަލަށް ބޮޑެތި އަދަދުތަކުން ފައިސާ ދިން މައްސަލަ އޭސީސީއިން ބަލަނީ

އޮކްޓޯބަރ 15، 2019: އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒުމޫސާ

އުސޫލުތަކުގެ ބޭރުން ބާތިލްކޮށްފައިވާ އެއްބަސްވުންތަކުގެ ބަދަލުގައި އަމިއްލަ ކުންފުނިތަކަކަށް ދައުލަތުން ގިނަ އަދަދަކަށް ފައިސާ ދީފައިވާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ތަހުގީގު ކުރަން ފަށައިފި އެވެ.

އަލަށް އައްޔަން ކުރި އޭސީސީގެ މެންބަރުން މިއަދު ފުރަތަމަ ފަހަރަށް މީޑިއާޔާ ބައްދަލު ކުރައްވައި ވިދާޅުވީ، ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ބަދަލުދިނުމާ ގުޅޭ ޝަކުވާއެއް އެ ކޮމިޝަނަށް ހުށަހެޅިފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އެ މައްސަލަ ބަލަމުން އަންނަ ކަމަށް ކޮމިޝަނުން ބުންޏެވެ.

"މިހާރަކަށް އައިސް ހަދައިގެން އުޅޭ ހުރިހާ ސެޓަލްމެންޓުތަކާ ގުޅޭ ބޮޑު އެއް މައްސަލައިގެ ގޮތުގައި އެ މައްސަލަ ހުށަހެޅިފައި ވަނީ. އަޅުގަނޑުމެން އެ މައްސަލަ ބަލަމުންދާ އިރު އެއިން ކޮންމެ ސެޓަލްމެންޓެއް ވަކި ވަކިން ތަހުގީގުކޮށްގެން ކުރިއަށްދާނީ،" ކޮމިޝަނުގެ މެމްބަރު އިބްރާހިމް ޝަކީލު ވިދާޅުވި އެވެ.

ދާދި ފަހުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުން މަޖިލީހުގައި ހާމަކުރެއްވި ގޮތުގައި، މި ސަރުކާރު އައިފަހުން އަމިއްލަ ކުންފުނިތަކަށް ވަނީ ބަދަލުގެ ގޮތުގައި ބިލިއަނެއްހާ ރުފިޔާ ދޫކޮށްފަ އެވެ.

އެންމެ ފަހުން ފައިސާ ދޫކުރި ނޫމަޑިއަށް ބަދަލެއްގެ ގޮތުގައި 50 މިލިއަން ޑޮލަރު (ރަސްމީ ރޭޓުން 848.10 މިލިއަން ރުފިޔާ) ދޫކުރި މައްސަލައިގައި ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ. އަދި އެކަމުގައި ނުހަމަ ކަންތައްތަކެއް ހިނގި ކަމަށް ވެސް ވަނީ ތުހުމަތުވެފަ އެވެ.

އޭގެ އިތުރުން، ބަދަލުގެ ގޮތުގައި ދައުލަތުން ދައްކަން ޖެހިފައިވާ ފައިސާތަކުގެ ތެރޭގައި ބޯޑާ ކޮންޓްރޯލް ސިސްޓަމް ހެދުމަށް ހަވާލުކުރި ނެކްސްބިޒް ކުންފުނީގެ އެއްބަސްވުން އުވާލުމުން ދައްކަން ޖެހުނު 280 މިލިއަން ރުފިޔާ އާއި، ޑަބްލިއުއެލްޓީ ކުންފުންޏަށް ދައްކަން ޖެހުނު 130 މިލިއަން ރުފިޔާ ހިމެނެ އެވެ.

އަދި ބިޒްނަސް އިމޭޖަސް ގްރޫޕް (ބިގް)އަށް 78 މިލިއަން ރުފިޔާ އާއި، ސީޖީޓީއަށް 22.7 މިލިއަން ރުފިޔާ އާއި ދީބާާޖާއަށް 348 މިލިއަން ރުފިޔާ ދައްކަން ދައުލަތަށް ވަނީ ޖެހިފަ އެވެ. އޭގެ ތެރެއިން ބިގަށް ވަނީ 30 މިލިއަން ރުފިޔާ ދޫކޮށްފަ އެވެ.

comment ކޮމެންޓް