ރޮނާލްޑޯ 700 ގޯލު ހަމަކުރި މެޗުން ޕޯޗުގަލް ބަލިވެއްޖެ

ޔޫރޯ ކޮލިފިކޭޝަނުގައި ރޭ ޔުކްރޭން ކޮޅަށް ގޯލު ޖަހައި ރޮނާލްޑޯ ވަނީ އޭނަގެ 700 ވަނަ ގޯލު ހަމަކޮށްފަ -- ފޮޓޯ// އޭޕީ

ޔޫރޯގެ ކޮލިފައިންގައި ރޭ ޔުކްރޭން ކޮޅަށް ގޯލު ޖަހައި، ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރަށް މީގެ ކުރިން ހޯދި ކުރިސްޓިއާނޯ ރޮނާލްޑޯ އޭނަގެ 700 ވަނަ އޮފިޝަލް ގޯލު ހަމަކުރި ނަމަވެސް ޕޯޗުގަލް އެ މެޗުން ބަލިވެއްޖެ އެވެ.

ކޮލިފިކޭޝަން ގުރޫޕުގެ ގުރޫޕު ބީގައި ރޭ ޔުކްރޭންގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުން އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް އަތުން އެ ޓީމު މޮޅުވީ 1-2 ގެ ނަތީޖާ އަކުންނެވެ. މި މޮޅާ އެކު ޔުކްރޭނުން ތާވަލުގެ އެއްވަނައިގެ ގޮތުގައި ޔޫރޯއަށް ކޮލިފައިވެފައި ވަނީ ކުޅުނު ހަތް މެޗުން 19 ޕޮއިންޓް ހޯދައިގެންނެވެ. ރޭގެ މެޗުން ބަލިވި ޕޯޗުގަލް ދެވަނައިގައި އޮތީ 11 ޕޮއިންޓާ އެކު އެވެ. ނަމަވެސް އެ ޓީމުގެ ދަށުގައި އޮތް ސާބިއާ އަށް 10 ޕޮއިންޓް ލިބިފައި އޮތުމުން ކުރިއަށް އޮތް ދެ މެޗަކީ އެ ދެ ޓީމަށް ވަރަށް މުހިއްމު ދެ މެޗެވެ.

ރޭގެ މެޗުން ޕޯޗުގަލް ބަލިވި ނަމަވެސް އެ ޓީމުގެ ސަޕޯޓަރުންނަށް ހިތްހަމަ ޖައްސާލެވެނޭ ގޮތް ވަނީ ވެފަ އެވެ. ޕޯޗުގަލް ގެ ތާރީހުގައި ވެސް އެންމެ ގިނަ ގޯލު ޖެހި ރޮނާލްޑޯ ވަނީ އޭނަގެ ގޯލުގެ އޮފިޝަލް އަދަދު 700 އަށް އަރުވާފަ އެވެ. މިވަގުތު އެކްޓިވް ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ގޯލު ޖަހައިފައިވާ ކުޅުންތެރިޔާގެ ޝަރަފާ އެކު ރޮނާލްޑޯ އަންނަނީ ދުނިޔޭގެ އެންމެ ބޮޑު އެއް ރެކޯޑާ ވެސް އަރައި ހަމަ ކުރަމުންނެވެ. އެއީ ބައިނަލް އަގުވާމީ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑެވެ.

މިވަގުތު އެ ރެކޯޑު އޮތޯ އީރާންގެ ކުރީގެ ފޯވާޑް އަލީ ދާއީ އަތުގަ އެވެ. އޭނާ އެ ރެކޯޑް ހަދާފައި ވަނީ 109 ލަނޑު ޖަހައިގެންނެވެ. ނަމަވެސް ރޮނާލްޑޯގެ އަމާޒަކީ އެ ރެކޯޑް ވެސް މުގުރާލުން ކަމަށް އޭނާ ބުނި އިރު ރޮނާލްޑޯ ވަނީ މިހާތަނަށް 95 ގޯލު ގައުމީ ޓީމަށް ޖަހައިދީފަ އެވެ. އެހެން ކަމުން ބާކީ 14 ގޯލު ޖަހައިގެން އޭނާއަށް ދުނިޔޭގެ ރެކޯޑް ހެދޭނެ އެވެ.

ރޭ ކުޅުނު މެޗު ފެށިގެން ފުރަތަމަ ހާފުގެ ތެރޭގައި ޔުކްރޭނުން ވަނީ ދެ ގޯލު ޖަހައިފަ އެވެ. ދެ ޓީމުން ވެސް ވަރުގަދަ ސްކޮޑަކާ އެކު ފެށި އެ މެޗުގައި ޔުކްރޭނުން ފުރަތަމަ ގޯލު ޖެހީ މެޗު ފެށިތާ އެންމެ ހަ ވަނަ މިނަޓުގެ ތެރޭގަ އެވެ. ރޯމަން ޔަރެމްޗުކް ގެ އެ ގޯލާ އެކު ޕޯޗުގަލަށް ހަމަޖެހި ނުލެވިގެން އުޅެނިކޮށް ޔުކްރޭނުން ވަނީ އެ ޓީމުގެ ދެވަނަ ގޯލު ޖަހައިފަ އެވެ.

ޕޯޗުގަލުން މެޗުގައި ޖެހި ހަމައެކަނި ގޯލު ޖެހީ ފަހު ހާފުގައި ލިބުނު ޕެނަލްޓީ އަކުންނެވެ. އޭރިއާ ތެރެއިން ޓަރާސް ސްޓެޕަނެންކޯ އަތުގައި ޖެހުނު ބޯޅަ އަކަށް ޕެނަލްޓީ ދިންއިރު، އޭނާ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިފަ އެެވެ. އެއް ކުޅުންތެރިޔަކު މަދުކޮށް މެޗުގެ ފަހުކޮޅުގައި ކުޅުނު ނަމަވެސް ޔޫކްރޭނުން ވަނީ އެ ޓީމުގެ ލީޑު ދަމަހައްޓައިފަ އެވެ.

comment ކޮމެންޓް