އިންކަމް ޓެކުހުގެ ބިލު މަޖިލީހަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

އާމްދަނީ އިން ޓެކްސް ނެގުމުގެ ބިލް، އިންކަމް ޓެކުހުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދެވެ. މި ބިލުގެ ފުރަތަމަ ކިޔުން މިއަދުގެ މަޖިލިސް ޖަލްސާގައި ވަނީ އިއްވައިފަ އެވެ.

އާމްދަނީ އިން ޓެކްސް ނެގުމުގެ ބިލު މަޖިލީހަށް ހުށަހަޅާފައިވާއިރު، ފިނޭންސް މިނިސްޓްރީ އިން ބުނީ އަންނަ އަހަރުން ފެށިގެން އާމްދަނީ އިން ޓެކްސް ނަގަން ފެށުމަކީ އަމާޒު ކަމަށެވެ.

ސަރުކާރުން ހުށަހަޅަނީ 40،000 އިން މަތީގެ އާމްދަނީ ލިބޭ މީހުންގެ އަތުން ޓެކްސް ނެގުމަށެވެ. ސަރުކާރުން ހުށަހަޅަނީ ޕްރޮގްރެސިވް ޓެކްސް ނިޒާމެއް ރާއްޖޭގައި ގާއިމް ކުރުމަށެވެ. ޕްރޮގްރެސިވް ޓެކްސް ނިޒާމަކީ އާމްދަނީގެ ނިސްބަތަށް ބަލައި ޓެކްސް ނަގާ މިންވަރު ކަނޑައަޅާ ނިޒާމެކެވެ.

އިންކަމް ޓެކުހުގެ ގޮތުގައި އަހަރެއްގެ މައްޗަށް 600 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީއިން ލަފާކުރެއެވެ. މި ޓެކްސް ދައްކާނީ 6000 އެއްހައި މީހުން ކަމަށްވެސް އެ މިނިސްޓްރީ އިން ލަފާކުރެއެވެ.

މީގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެމުން ފިނޭންސް މިނިސްޓްރީ އިން ބުނީ އިންކަމް ޓެކްސް ނަގާނީ ތިން ބްރެކެޓަކުން ކަމަށެވެ.

އެގޮތުން އާމްދަނީ 60،000-40،000 ލިބޭ ފަރާތްތަކުގެ އަތުން ޓެކުހުގެ ގޮތުގައި ނަގާނީ އާމްދަނީގެ އަށް ޕަސެންޓް ކަމަށާއި
އާމްދަނީ 100،000-60،000 ލިބޭ ފަރާތްތަކުގެ އަތުން ޓެކުހުގެ ގޮތުގައި ނަގާނީ އާމްދަނީގެ 10 ޕަސެންޓް ކަމަށާއި އަދި
100،000 އަށްވުރެ ގިނައިން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން ޓެކުހުގެ ގޮތުގައި ނަގާނީ އާމްދަނީގެ 15 ޕަސެންޓް ކަމަށް ފިނޭންސް އިން ބުންޏެވެ.

އާމްދަނީއިން ޓެކްސް ނަގަން ފަށަނީ އާމްދަނީގެ ފަރަގު ކުޑަކޮށް، ނަހަމަ މުއްސަނދިކަން ހުއްޓުވައި ޓެކުހުގެ ނިޒާމު އިތުރަށް ފުރިހަމަ ކުރުމުގެ މަގުސަދުގައެވެ. މި ޓެކްސް ނަގަން ފަށާއިިރު ރާއްޖޭގެ ވަޒަންވެރިންނަށާއި ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތްތަކުގެ އަތުންވެސް ޓެކްސް ނަގާނެ އެވެ.

comment ކޮމެންޓް