ޕޫޓިން ސައޫދީއަށް ކުރައްވާ ދަތުރުފުޅުގައި 20 އެއްބަސްވުމެއްގައި ސޮއިކޮށްފި

ސަލްމާން ރަސްގެފާނު ޕޫޓިން އަށް މަރްހަބާ ދަންނަވަނީ

ރިޔާޟް (އޮކްޓޯބަރު 15) : ރަޝިއާގެ ރައީސް ވްލަޑިމީރު ޕޫޓިން ސައޫދީ އަށް ކުރައްވާ ދަތުރުފުޅުގައި އެދެގައުމުގެ މަސްއޫލުވެރިން 20 އެއްބަސްވުމެއްގައި ސޮއިކުރައްވައިފި އެވެ.

އެމްއޯޔޫ ވެސް ހިމެނޭގޮތަށް ސޮއިކުރި މިއެއްބަސްވުންތަކުގެ ތެރޭގައި ދެގައުމުގެ ވިޔަފާރި ފުޅާކުރުމުގެ އެއްބަސްވުންތަކާއި ތެލުގެ ސިނާއަތާ ގުޅޭ އެއްބަސްވުންތަކާ އަދި އެއްގައުމުން އަނެއްގައުމުގައި އިންވެސްޓްކުރުމާގުޅޭ އެއްބަސްވުންތައް ހިމެނޭކަމަށް ސައޫދީ ރަސްމީ ނޫސްއެޖެންސީ ބުނެ އެވެ. ޕޫޓިންއާއި ސަލްމާން ރަސްގެފާނާއި ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާންގެ ހާޒިރުގައި ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި ފަޒާގެ ދާއިރާ، ސިއްޙަތާބެހޭ ދާއިރާ، ޘަގާފީ ދާއިރާ އަދި ފަތުރުވެރިކަމުގެ ދާއިރާތައް ވެސް ހިމެނޭ ކަމަށްވެ އެވެ.

މީގެ އިތުރުން ތެލުގެ ސިޔާސަތު ކަނޑައެޅުމުގައި ދެގައުމުގެ ދެމެދުގައި އެއްބާރުލުން ގާއިމްކުރުމާބެހޭ ޗާޓަރެއްގައި ވެސް ދެގައުމުގެ ތެލާބެހޭ ވަޒީރުންވަނީ ސޮއިކުރައްވާފަ އެވެ.

ޕޫޓިން ރިޔާޟްގެ ކިންގް ޚާލިދު އެއާޕޯޓަށް ވަޑައިގަތުމުން އޭނާއަށް މަރުހަބާ ދެންނެވުމުގެ ގޮތުން ސައޫދީން ވަނީ 21 ބަޑީގެ ސަލާމެއް އަރުވާފަ އެވެ. އެއަށް ފަހު ރަސްގެފާނުގެ ގަނޑުވަރުގައި ސަލްމާން ރަސްގެފާނާއި ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވައި ޕޫޓިންއަށް މަރުހަބާ ދަންނަވާފައެވެ. މިއީ ފާއިތުވި ދިހަ އަހަރުތެރޭގައި ޕޫޓިން ސައޫދީ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ޕޫޓިންގެ އަރިހުގައި ރަޝިޔާގެ އިސް ބައެއް މަސްއޫލުވެރިންގެ އިތުރުން ރަޝިޔާގެ ބޮޑެތި ކުންފުނިތަކުގެ ޗީފް އެގްޒެކެޓިވުންގެ 300 ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ.

ސައޫދީ އަރަބިޔާއަކީ އެގައުމުގެ މިހާރުގެ ދައުލަތް އުފެދުނީއްސުރެ އެމެރިކާއާ އާދަޔާ ޚިލާފު ގާތްގުޅުންތަކެއް ބާއްވަމުން ގެންދާ ގައުމެއް ނަމަވެސް ފާއިތުވި ދިހަވަރަކަށް އަހަރުތެރޭގައި ސައޫދީ ވަނީ އެމެރިކާގެ ވާދަވެރި ރަޝިޔާއާ ގާތްވާން ފަށާފަ އެވެ. މިގޮތުން ސަލްމާން ރަސްގެފާނާއި އެގައުމުގެ ބާރުގަދަ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން ވަނީ ރަޝިއާއަށް ޒިޔާރަތް ކުރައްވާފައެވެ. ޕޫޓިންގެ މިދަތުރުފުޅުގެ ސަބަބުން ސައޫދީ އާއި ރަޝިއާގެ ގުޅުންތައް އިތުރަށް ބަދަހިވާނެކަމަށް ބެލެވިފައިވާއިރު މިދަތުރުގެ ސަބަބުން ރަޝިޔާގެ ބާރާއި ނުފޫޒު ގަލްފާއި މެދުއިރުމަތީގައި ވެސް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

ސައޫދީ އަށް ވަޑައިގަތުމުގެކުރިން ދެއްވި ބަޔާނެއްގައި ޕޫޓިން ވަނީ ސައޫދީ އާއި އީރާނާދެމެދުގައިވާ ނުތަނަވަސްކަން ކުޑަ ކުރުމަށްޓަކައި އޭނާއަށް މުހިއްމު ދައުރެއް އަދާކުރެއްވިދާނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. މީގެ އިތުރުން ސައޫދީ ތެލުގެ މަރުކަޒުތަކަށް ޔަމަންގެ ހޫޘީން ދާދިފަހުން ދިން ހަމަލާތަކަށްފަހު ރަޝިޔާގެ ހަތިޔާރު ކުންފުނިތަކުގެ އިސްވެރިންވަނީ ސައޫދީ ދިފާއަށް ބޭނުންވާ ހަތިޔާރު އެގައުމަށް ފޯރުކޮށްދޭން އެކުންފުނިތައް ތައްޔާރަށް އޮތްކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.

ކުރީގެ ސޮވިއެޓް ޔުނިޔަން ރޫޅިގެން ދިޔުމަށް ފަހު މެދުއިރުމަތީގައި ރަޝިޔާގެ ނުފޫޒު ކުޑަވެގެން ދިޔަނަމަވެސް 2011 ވަނައަހަރު ސޫރިޔާގައި ދާޚިލީ ހަނގުރާމަ ފެށުމާއެކު ސަރުކާރުގެ އެދުމުގެ މަތިން ރަޝިޔާ ސިފައިން ސޫރިޔާއަށް އަސްކަރީގޮތުން ވަނުމާއެކު މެދުއިރުމަތީގައި ރަޝިޔާގެ ބާރުގަދަވެ އެމެރިކާގެ ނުފޫޒު ކުޑަވަމުންދާކަމަށް ރިޕޯޓްތައް ބުނެއެވެ. ރަޝިޔާވަނީ މެދުއިރުމަތީގެ ބާރުގަދަ ގައުމުތައް ކަމަށްވާ އީރާން، ތުރުކީ، ސޫރިޔާ ފަދަ ގައުމުތަކާ އެމެރިކާއަށް ވުރެ ގަތްގުޅުންތަކެއް މިފަހަކަށް އައިސް ގާއިމްކޮށްފަ އެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް