ބޭންކުތަކާ ގުޅޭ މައްސަލަތައް ކޯޓުން ނުނިމުމަކީ ބޯހިޔާވަހިކަމަށް އޮތް ދައްޗެއް: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު، ގުލޫޓު އިންވެސްޓްމަންޓުން ހުޅުމާލޭގައި ބިނާކުރި، ގްލެމަރ ރެސިޑެންސް ފުލެޓުތައް ހުޅުއްވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ/ މަޖިލިސް

ބޭންކުތަކާ ގުޅޭ މައްސަކަތައް ކޯޓުތަކުން ނިމޭލެއް ލަސްވުމަކީ ބެންކުތައް މެދުވެރިކޮށް ބޯހިޔާވަހިކަން ހޯދާ މީހުންނަށް އޮތް ދައްޗެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ގްލަޓު އިންވެސްޓުމެންޓުން ހުޅުމާލޭގައި އެޅި އެޕާޓުމެންޓުތައް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ބޯހިޔާވަހިކަމަކީ ވިޔަފާރިއެއްގެ ގޮތުގައި ހިންގޭނެ ނިޒާމެއް ގާއިމް ކުރަންޖެހޭ ކަމަށެވެ.

"ފްލެޓު ގަނެވިއްކުމުގެ ގޮތްތައް ފަހިވާން އެބަޖެހޭ. އެކަމުގައި މޯގޭޖެއް ލިބޭގޮތްވުން ފަހިވާން އެބަޖެހޭ. ނުވަތަ ބޭންކުން ލޯނެއް ލިބޭނެ ގޮތްވުން. އެއީ ދިގު މުއްދަތުގައި ދައްކާ ހަލާސްކުރާ ލޯނަކަށް ވުން. އެ ނަގާ ލޯނަކީ ގަންނަ ފްލެޓު ރަހުނު ކޮށްފައި ނަގާ ލޯނެއް. އެހެންވީމާ މިތަން ފަސޭހައިން ބޭންކަށް ވިއްކާލެވެން ޖެހޭނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ކުރީގެ ރައީސް ނަޝީދު ވިދާޅުވީ ލޯނު ނަގާމީހާއަށް ލޯނު ނުދެއްކިއްޖެނަމަ، މޯގޭޖު ކޮށްފައިވާ ފްލެޓު ބޭންކަށް އަވަހަށް ވިއްކާލެވެން ޖެހޭނެ ކަމަށާއި، އެތަން ވިއްކާ ނުލެވިއްޖެނަމަ ބޭންކުތަކަށް ލޯނު ދޫކުރުން ދަތިވާކަމަށެވެ.

"އެއްކަމަކީ ބޭންކުތަކުގެ ރިސްކު ބޮޑުވާތީވެ، އެމީހުން އެކަމަށްޓަކާ ލާންޖެހޭ މިންވަރު ބޮޑުވެގެންދަނީ. އަނެއްކަމަކީ ބޭންކުން ނަގާ ފައިސާ ބޭންކަށް އަނބުރާ ނުދައްކާ ކަމަށްވަންޏާ އެތަނުގައި ފައިސާއެއް ނުހުންނާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ ވިޔަފާރިއަށް އެޅިފައި އޮންނަ އެއް ހުރަހަކީ ރާއްޖޭގެ ޝަރުއީ ނިޒާމު ކަމަށާއި ޝަރުއީ ނިޒާމު އޮތްގޮތުން ބެންކުތަކުގެ ނުހިނގާ ހުރި އެކައުންޓުތަކުގެ ވަރަށްގިނަ މައްސަލަތައް ނުނިމި ކޯޓުތަކުގައި ހުންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެހެންވީމާ ބޭންކުތަކަށް އޭގެން ދަތިވޭ، އެހެންވީމާ މޯގޭޖު ދިނުމަށް އުނދަގޫވޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑުމެންނަށް ބޯހިޔާވަހިކަން ހޯދަން އުނދަގޫވޭ. އެހެންވީމާ ރީތި ދިރިއުޅުމެއް އުޅެން އުނދަގޫވޭ. މި ހުރިހާ ކަމެއް މިވީ ރަނގަޅަށް ޝަރީއަތެއް ނުކޮށްގެން،"

ރައީސް ނަޝީދު ވިދާޅުވީ މި ވިޔަފާރި ހިންގުމަށް ގާނޫނީ އޮނިގަނޑުތައް އެކުލަވާލާ، ކޯޓުތައްވެސް ރަނގަޅަށް ހިނގަން ޖެހޭ ކަމަށެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަކީ ހަމައެކަނި ފައިސާނެތް މީހުންނަށް ދިމާވެފައިވާ މައްސަލައެއް ނޫންކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ބޯހިޔާވަހިކަމަށް ދަތިވެފައި މިތިބީ، ނިކަމެތިން ނުވަތަ އާމްދަނީ މަދުން ލިބޭ މީހުން އެކަންޏެއް ނޫން. ކިތަންމެ ތަނަވަސްކަމެއް ހުއްޓެއް ނަމަވެސް، ބިންކޮޅެއް ނުލިބި، މައިންބަފައިންގެ ގޯތި ބަހަމުންް ބަހަމުން އައިސް ވަރަށް ކުޑަވެފައި، މިހާރު ހުރި ތަންތަން އިތުރަށް ބެހޭކަށް ނެތް. އެހެންވީމާ، އަތުގައި ތަނަވަސްކަމެއް އޮތްނަމަވެސް ވަރަށް އުނދަގޫވޭ ތަނެއް ހޯދަން،"

ރައީސް ނަޝީދު ވިދާޅުވީ އަމިއްލަ ކުންފުނިތަލުކުން އަޅާ ފްލެޓު އިމާރާތްތަކަކީ ބޯހިޔާވަހިކަމަށް އޮތް ދައްޗަށް ހައްލެއް ގެނައުމަށް ކުރާ ވަރަށް މުހިއްމު މަސައްކަތެއް ކަމަށެވެ.

އިގްތިސޯދު ކުރިއަރާދަނީ ހަމައެކަނި ސަރުކާރުން ކުރާ މަސައްކަތަކުން ނޫން ކަމަށާއި އަމިއްލަ އިންވެސްޓަރުން ކުރާ މުއާމަލާތްތަކަކީ އިގްތިސޯދު ކުރިއަރާ ސަބަބު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ސަރުކާރުން ހިންގާ ޕްރޮޖެކްޓަކުންވެސް އޭގެ އަސަރެއް އިގްތިސޯދަށް ކުރަނީ އަމިއްލަ ފަރާތްތަކުން ކުރާ މުއާމަލާތްްތަކުގެ ސަބަބުން، ގަނެ ވިކޭތީވެ،"

ރައީސް ނަޝީދު ވިދާޅުވީ އިގްތިސޯދު ކުރިއެރުވުމަށް ބައިވަރު ވިޔަފާރީގެ ހަރަކާތްތައް ބޭނުންވާ ކަމަށެވެ.

comment ކޮމެންޓް