އެމްޑީއެން އިން ރިޕޯޓު ނެރުނީ ދިވެހީންގެ މެދުގައި އިސްލާމްދީނާ މެދު ނަފްރަތު އުފައްދަން: އިލްމުވެރިން

"އިލްމުވެރިންގެ ގުޅުން" ގެ ނަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން---ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމް ދީނަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓަކީީ ދިވެހީންގެ މެދުގައި އިސްލާމްދީނަށް އޮންނަ ލޯބި އެއްފަރާތްކޮށް ދީނާމެދު ނަފުރަތު އުފެއްދުން ކަމަށް ރާއްޖޭގެ ދީނީ އިލްމުވެރިންތަކެއް ބުނެފިއެވެ.

"އިލްމުވެރިންގެ ގުޅުން" ގެ ނަމުގައި ރާއްޖޭގައި ތިބި މަޝްހޫރު ދީނީ އިލްމުވެރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝައިޚް ނިމާލް މުހައްމަދު ވިދާޅުވީ އެމްޑީއެންގެ ރިޕޯޓަކީ ﷲ ގެ ގަދަރާއި އިއްޒަތަށް ބުރޫއަރުވައި އެކަލާނގެއަށް ކުޑައިމީސްކޮށް ނެރެފައިވާ ރިޕޯޓެއް ކަމަށެވެ.

އޭގެ އިތުރުން ކީރިތި ގުރުއާނުގެ އާޔަތްތަކަށް ކުޑައިމީސްކޮށް، ގުރުއާނަށް ދިވެހީންގެ ހިތުގައި ޝައްކު އުފެއްދުމަކީވެސް އެ ރިޕޯޓު ނެރުމުގެ މަގުސަދެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެނާ ވިދާޅުވީ މާތް ނަބިއްޔާ މުހައްމަދުގެފާނަށް އޮންނަ ލޯތްބާއި ގަދަރުކުޑަކުރުމަށްވެސް އެ ރިޕޯޓްގައި މަސައްކަތް ކޮށްފައިވާ ކަމަށެވެ.

"މި ރިޕޯޓަކީ އިސްލާމްދީނުގެ ނަން ކިލަނބުކޮށް އަޅުގަނޑުމެން ދިވެހީންގެ ހިތްތަކުގައި އިސްލާމްދީނަށް އޮތް ލޯބި އެއްފަރާތްކޮށް ނަފްތަރު އުފެދޭނެގޮތް ހެދުމަށްޓަކައި ލިޔެ ފަރުމާކޮށްފައިވާ ރިޕޯޓެއް،" ޝައިޚް ނިމާލް ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޝައިޚް އިލްޔާސް ހުސައިން ވިދާޅުވީ ކީރިތި ރަސޫލާ ދެކެ ލޯބިވުމަކީ އީމާންކަމުގެ އެއްބައި ކަމަށާއި އެކަލޭގެފާނަށް ބަދުބަސް ރައްދުކޮށް ހެދުމުން މުސްލިމުންގެ ލޭ ކެކޭނެ ކަމަށެވެ. ނަމަވެސް އެކަމާ މުސްލިމުން ލޭކެކިގެން އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި އެއީ މުސްލިމުންގެ ސިފައެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"މިފަދަ ކަމެއް ކުރުމަކީ ގޯސްކަމެއް. އަޅުގަނޑުމެންގެ ޅަދަރިންގެ ހިތްތަކުގައި އިސްލާމީ އަގީދާ ވަރުގަދަވިޔަ ނުދިނުމަށްޓަކައި އެ ކަންތައްތައް ކުރުމަށްޓަކައި އެއީ ގާނޫނީ ގޮތުންވެސް އެއީ ދީނީގޮތުންވެސް މުޅިންވެސް މަނާކަމެއް،" އިލްޔާސް ވިދާޅުވިއެވެ.

އެމްޑީއެންގެ ރިޕޯޓްގައި ހުރި މައްސަލަތައް ކަމަށް ބުނެ އިލްމުވެރިން ފާހަގަކުރި ބައެއް ކަންތައްތައް

  • އިސްލާމް ދީނުގެ ސައްޚަ ކަމާމެދު އަދި ކީރިތި ގުރުއާނުގެ ތެދުކަމާ މެދު ޝައްކު އުފައްދައި އިންކާރުކޮށްފައިވުން.
  • ކީރިތި ގުރުއާނުގައި ސާފު ސަރީހަކޮށް ބަޔާންކޮށްފައިވާ އިސްރާ އާއި މިއުރާޖުގެ ހާދިސާއަކީ ސައިންޓިިފިކް ގޮތުން ވެސް ސަބިތު ނުވަ ކަމެއް ކަމުގައި ދައްކަން އުޅުން.
  • މުސްލިމުން އެއްބަޔަކު އަނެއް ބަޔަކު ދެކެ ލޯބިވާން ވާނެކަމަށް އޮތުމަށް އިންކާރުކޮށް އެއީ އޭގެ ސަބަބުން އެހެން ދީންތަކުގެ މީހުންނާމެދު ނަފުރަތު އުފެދޭނެކަމެއް ކަަމަށް ސިފަކޮށްފައިވުން.
  • ގުރުއާނުގެ އާޔަތްތައް ގެވެށި އަނިޔާއަށް ތާއިދުކުރާކަމަށް ދައުވާކޮށްފައިވުން
  • މާތް ނަބިއްޔާ ދެކެ (އެހެން ހުރިހާ މީސްތަކުންނަށް ވުރެ ބޮޑަށް) ލޯބިވުމަކީ އެނަބިއްޔާ އަށް ކުޑަ ކަލާނގެއެއްގެ ދަރަޖަ ދިނުންކަމުގައި ކަނޑައެޅިގެން ބުނެފައިވުން.

އަދުގެ ބައްދަލުވުމުގައި އެމްޑީއެންއާމެދު ފިޔަވަޅު އެޅުން އަވަސްކުރުމަށްވެސް އިލްމުވެރިން ސަރުކާރުން ވަނީ ގޮވާލައްވައިފައެވެ. މީގެ ކުރިން އެ މަސައްލައިގައި އިލްމުވެރިން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ބައްދަލުކުރައްވައިފައެވެ. ރައީސް ވިދާޅުވޯ އެ ރިޕޯޓް ނެރުނު މައްސަލާގައި ފިޔަވަޅު އަޅާނެ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ޔޫތު މިނިސްޓްރީން ވަނީ އެމްޑީއެން ސަސްޕެންޑުކޮށްފައެވެ.

comment ކޮމެންޓް