ދަރަނީގެ ސަބަބުން އިގްތިސާދަށް އޮތް ނުރައްކާ ބޮޑުވަނީ

މާލޭގެ ދެކުނު ފަރާތު ޓީޖެޓީ އަދި ސުނާމީ ބިނާ ސަހައްދު މަތިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދަރަނީގެ ސަބަބުން އިގްތިސޯދަށް ނުރައްކާވާ ކަމަށާއި ރިކަރަންޓު ހަރަދު ކުޑަކޮށް ސޯޝަލް ސްޕެންޑިން މެނޭޖު ކުރުމަށް ވޯލްޑު ބެންކުން ލަފާދީފިއެވެ.

ވޯލްޑު ބޭންކުން އާންމުކޮށްފައިވާ ސައުތު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ އިގްތިސޯދާ ބެހޭ ރިޕޯޓެއްގައި ބުނެފައިވަނީ ރާއްޖޭގެ ސަރުކާރުގެ ހިންގުމުގެ ހަރަދު ބޮޑުކަމަށާއި ސޯޝަލް ސްޕެންޑިން މެނޭޖުކޮށް އެ ހަރަދުވެސް ކުޑަކުރަންޖެހޭ ކަމަށެވެ.

ދައުލަތުގެ ދަރަނި ކުޑަކޮށް ސަރުކާރުން ނަގާ ލޯނުތަކާއި ގެރެންޓީ ދޭ ލޯނުތަކުގެ އަސަރު ރާއްޖޭގެ އިގްތިސޯދަށް ކުރަމުންދާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ. ވޯލްޑު ބެންކުގެ ރިޕޯޓުގައި ބުނީ ނަން ކޮންސެޝަނަލް ލޯނުތަކަށް ސަރުކާރުން ދީފައިވާ ގެރެންޓީ އާއި ސަރުކާރުން ނަގާފައިވާ އެކްސްޓާނަލް ލޯނުތަކުގެ ރިސްކު ދިވެހި އިގްތިސޯދަށް ބޮޑު ކަމަށެވެ.

ވެލްފެއާ ހަރަދުތަކާއި އެހެނިހެން އިޖުތިމާއީ ހަރަދުތަކާ ފަރަގު ބޮޑުކަން ފާހަގަކޮށް ވޯލްޑު ބޭންކުގެ ރިޕޯޓުގައި ބުނީ ރާއްޖޭގެ ދެކުނުގައި ޕަވަޓީ ރޭޓު ބޮޑު ކަމަށެވެ. އެގޮތުން ދެކުނުގެ ރަށްރަށުގައި އެވްރެޖުކޮށް ކޮންމެ ފަސް މީހުންގެ ތެރެއިން އެކަކީ ފަގީރުން ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ވޯލްޑު ބޭންކުގެ ރިޕޯޓުގައި ބުނީ އިގްތިސޯދުގެ އަދި އިޖުތިމާއީ ބައިވެރިވުން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ހަމަހަމަކޮށް ލިބިދެންޖެހޭ ކަމަށެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން 2018 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ފިސްކަލް ޑެފިސިޓް ހުރީ ޖީޑީޕީގެ 4.7 ޕަސެންޓުގައެވެ. މިއަހަރުގެ ފުރަތަމަ ހަ މަސް ނިމުނުއިރު މި އަދަދު މަދުވި ނަމަވެސް ދަރަނީގެ ސަބަބުން އިގްތިސޯދަށް އޮތް ނުރައްކާ ކުޑަނުވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

comment ކޮމެންޓް