ސަސްޕެންޝަނަށް ފަހު ބްރެޒިލް މެޗަށް މެސީ އެނބުރި އަންނާނެ: އާޖެންޓީނާގެ ކޯޗު

އާޖެންޓީނާއާއި ނައިޖީރިއާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ގައުމީ ޓީމަށް ނުކުޅެވޭ ގޮތަށް މިވަގުތު ސަސްޕެންޑް ކޮށްފައި ހުރި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އަންނަ މަހު ބްރެޒިލްއާ ދެކޮޅަށް ކުޅޭ މެޗަށް އެނބުރި އަންނާނެ ކަމަށް އެ ޓީމުގެ ކޯޗު ލިއޮނެލް ސްކެލޮނީ ބުނެފި އެވެ.

ސައުތު އެމެރިކާގެ ފުޓުބޯޅައާ ބެހޭ މައި އިދާރާ ކަމަށްވާ ކެންމެބޯލްއަށް ފާޑު ކިޔާ ގިނަ ވާހަކަތަކެއް ދެއްކުމާއި ގުޅިގެން އެ އިދާރާއިން ވަނީ ފީފާ މެދުވެރިކޮށް މެސީއަށް ތިން މެޗުގެ ސަސްޕެންޝަނެއް ކުރިމަތި ކުރުވައިފަ އެވެ. މި އަހަރު އޮތް ކޮޕާ އެމެރިކާގައި ހިނގައި ދިޔަ ހަމަނުޖެހުންތަކަށް ފަހު މެސީއާއި ކެންމެބޯލްއާ ދެމެދު ވަނީ ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފަ އެވެ.

މެސީ އޭރު އެންމެ ގަދަޔަށް ދެއްކި ވާހަކަ އަކީ އެ މުބާރާތް އިންތިޒާމު ކުރާ ފަރާތްތަކާއި ރެފްރީން ކޮރަޕްޓްވެފައި ތިބި ވާހަކަ އެވެ. އެގޮތުން ވަކި ޓީމަކަށް ތަށި ދިނުމަށް ރާވައިގެން މުޅި މުބާރާތް ކުޅުނު ކަމަށް މެސީ ތުހުމަތު ކުރި އިރު މުބާރާތުގެ ތިން ވަނަ ހޮވާ މެޗުގައި މެސީއަށް ވަނީ ރަތް ކާޑު ވެސް ދައްކައިފަ އެވެ. މެސީ ބުނީ އެ ކާޑަކީ އޭނާއާއި ޒާތީ ގޮތުން ޖައްސާލުމުގެ ގޮތުން ދެއްކި ކާޑެއް ކަމަށެވެ.

އެ ކަންކަމާ ގުޅުވައިގެން މެސީއަށް އަދަބު ދޭނެ ކަމަށް ކެންމެބޯލްއިން ކުރިން ވެސް ބުނި އިރު އޯގަސްޓް މަހު މެސީއަށް ވަނީ ފިޔަވަޅު އަޅައިފަ އެވެ. އެގޮތުން ޖޫރިމަނާއަކާއި ތިން މެޗުގެ ސަސްޕެންޝަނެއް މެސީއަށް ވަނީ އައިސްފަ އެވެ. އެހެން ކަމުން އާޖެންޓީނާއިން އެންމެ ފަހުން ކުޅުނު ތިން މެޗު ކަމަށްވާ ޗިލީ މެޗާއި ޖަރުމަނު މެޗުގެ އިތުރުން އެކުއެޑޯ މެޗު އޭނާ ކުޅެފައެއް ނުވެ އެވެ. މެސީ ނުކުޅުނު ނަމަވެސް އެ ތިން މެޗުގައި އާޖެންޓީނާއިން ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ.

އާޖެންޓީނާއިން ކުރިއަށް ދެން އޮތް މެޗުގައި ބައްދަލު ކުރަން ޖެހޭނީ އެ ޓީމާއި ޒަމާނުއްސުރެން އެންމެ ވާދަވެރި ބްރެޒިލްއާ އެވެ. އެހެން ކަމުން އެ މެޗަކީ އާޖެންޓީނާއަށް ވަރަށް މުހިއްމު މެޗަކަށް ވާނެ އެވެ.

"މެސީ ސަސްޕެންޝަން ހަމަވުމުން ޓީމާއި ގުޅޭނެ. އޭނަގެ އިތުރުން ސާޖިއޯ އަގުއޭރޯ ވެސް އަންނަ މެޗަށް ޓީމާއި ގުޅޭނެ." އާޖެންޓީނާގެ ކޯޗު ސްކެލޮނީ ބުންޏެވެ.

comment ކޮމެންޓް