ކާރިސާތަކުގައި ޝަހީދުވެފައިވާ ދިވެހީންގެ ހަނދާނުގައި ގައުމީ ބިނާއެއް ހަދަނީ

ސުނާމީ ބިނާ -- ސަން ފައިލް ފޮޓޯ

ރާއްޖޭގައި ހިނގާފައިވާ އެކިއެކި ކާރިސާތަކުގައާއި، ހާދިސާތަކުގައި ޝަހީދުވެފައިވާ ދިވެހީންގެ ހަނދާނުގައި ގައުމީ ފެންވަރުގެ ބިނާއެއް ގާއިމުކުރަން ނިންމައިފިއެވެ.

ޑިފެންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ އެފަދަ މޮނިއުމަންޓެއް ޑިޒައިން ކުރުމަށް މުބާރާތެއްގައި ބައިވެރިވާން ހުޅުވާލައިފައެވެ.

އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ މިމުބާރާތުގައި ހޮވޭ ފަރުމާ ބެހެއްޓުމަށް ހަމަޖެހިފައި ވަނީ ޖުމްހޫރީ މައިދާނުގައި "ޝަހީދުންގެ ބިނާ"ގެ ނަމުގައި ކަމަށާއި އެ ބިނާ ވެގެންދާނީ ރާއްޖޭގައި ޝަހީދުވެފައިވާ އެންމެހާ ދިވެހިންގެ ހަނދާނުގައި ހެދިގެންދާ ބިނާއަކަށް ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

ޝަހީދުންގެ ބިނާ ފަރުމާކުރުމަށް ކުރިމަތިލާ ފަރާތުގެ ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ދިވެއްސަކަށް ވުމާއި ގާނޫނީ ހުކުމެއް ތަންފީޒުކުރަމުންދާ ފަރާތެއްކަމުގައި ނުވުމާއި އަދި ހުށަހަޅާ ފަރުމާ ހޮވިއްޖެނަމަ އެމްއެންޑީއެފާއި ގުޅިގެން އެފަރުމާ އިތުރަށް ޑިވެލޮޕްކުރުމަށްޓަކައި އެކަށީގެންވާ ވަގުތު ދިނުމަށް އެއްބަސްވާން ޖެހޭނެއެވެ.

މިނިސްޓްރީން ބުނީ އެ މުބާރާތުގައި ބައިވެރިކުރަން އެދޭ ޑިޒައިން މި މަހުގެ 24 ވަނަ ދުވަހުގެ 10:00 އަށް މިނިސްޓްރީއަށް ހުށަހަޅަން ވާނެ ކަމަށެވެ.

ބިނާގެ ފަރުމާ ހުށަހަޅަންޖެހޭ މިންގަނޑުތަކާއި ގޮތްތަކުގެ ތެރޭގައި ހުށަހަޅަން ބޭނުންވާ ފަރުމާގެ ކުރެހުންތައް ހިމަނާފައިވާ އޭ1 ސައިޒްގެ ފޯމް ބޯޑެއް ހުށަހެޅަންޖެހޭނެއެވެ. އަދި ފޯމް ބޯޑުގައި ހުށަހަޅާ ފަރުމާ ޕީޑީއެފް ފޯމެޓުގައި ވެސް ހުށަހަޅަންޖެހެއެވެ.

އޭގެ އިތުރުން ފަރުމާކުރެވޭ ބިނާގެ ކުރެހުންތަކާއި އޭގެ ތަފްސީލު ގިނަވެގެން އޭ3 ސައިޒްގެ 10 ގަނޑުގައި ބައިންޑް ކޮށްފައި ހުށަހަޅަންޖެހެއެވެ. އަދި ހުށަހެޅުން ހުށަހަޅަންޖެހޭނީ މައިކްރޮސޮފްޓް ވޯޑް ފޯމެޓްގައި ސީޑީއެއްގައެވެ.

ޑިފެންސް މިނިސްޓްރީން ބުނީ ހުށަހެޅުންތައް ހުށަހަޅަންވާނީ އެއްވެސް ނަމެއް ނުޖަހައި ބަންދުކޮށްފައި ކަމަށެވެ.

މުބާރާތުގައި އެންމެ ރަނގަޅު ހުށަހެޅުން ވެގެންދާނީ މުބާރާތް ރާވާ ހިންގާ ފަރާތްކަމުގައިވާ "ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު" ގެ މިލްކެއްގެ ގޮތުގައެވެ.

ތިން ރުއް ޕާކުގައި ބަހައްޓާފައިވާ ސުނާމީ ބިނާ އަކީ ވެސް މިފަދަ މޮނިއުމަންޓެކެވެ. ސްޓެއިންލެސް 84 ދަގަނޑު ރޮޑް ވަށްކޮށް އަތުރާލައިގެން ހަދާފައިވާ އެ ބިނާއަކީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި ދުނިޔެ ދޫކުރި ދިވެހިންގެ ހަނދާނުގައި ހެދި ބިނާއެކެވެ.

އެއިން ކޮންމެ ހޮޅިއެއް ނިސްބަތްވަނީ އެހިތާމަވެރި ކާރިސާގައި މަރުވެފައިވާ ދިވެއްސަކަށެވެ. އެކި ސައިޒުގެ ހޮޅި ބޭނުންކޮށްފައިވުމުން އެކަމުން ދައްކުވައި ދެނީ އެބިރުވެރި ހާދިސާގައި ދުނިޔެ ދޫކޮށް ދިޔައީ އެކި އުމުރުގެ މީހުން ކަމެވެ.

comment ކޮމެންޓް