އާންމުކޮށް މާލޭ މީހާ އުޅެނީ ނިކަމެތިކޮށް، ވަރަށް ހާލުގައި: މީކާއިލް

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް --- ފޮޓޯ/ މަޖިލިސް

އެވްރެޖްކޮށް މާލޭ މީހުން އުޅެނީ ވަރަށް ނިކަމެތި ހާލުގައި ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމު ވިދާޅުވެއްޖެ އެވެ.

ދިވެހި ރައްޔިތުންނަށް މާލެއާއި ރަށްރަށުން ފްލެޓް ދޫކުރުމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް މަޖިލީހަށް ހުށަހަޅުއްވާފައިވާ ގަރާރުގެ އިބްތިދާއީ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ މާލޭ މީހެކޭ ބުނުމުން ކޮންމެ މީހަކަށްވެސް ސިފަވަނީ 12 ބުރީގެ އިމާރާތާއި އެ އިމާރާތް ކުއްޔަށް ދީގެން އޭނާގެ ޖީބަށް ވަންނަ ފައިސާ ކަމަށެވެ.

ނަމަވެސް އާންމު އެވްރެޖް މާލޭ މީހާގެ ހާލަކީ އެއީ ނޫން ކަމަށް މީކާއިލް ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަ އެވްރެޖް މާލޭ މީހާއަކީ އޭނާގެ އަމިއްލަ ރަށުގައި ވަންނާނެ ތަނެއް ނެތް މީހުން. އޭނާގެ ހާލަކީ އޭނާގެ އަމިއްލަ ރަށުގައި އޭނާ އުޅެން މިޖެހެނީ ކުއްޔަށް،" މީކާއިލް ވިދާޅުވި އެވެ.

ކާފަ މާމަ އަދި މުނި މާމަގެ ގޯތި ފޮތި ފޮތި ކުރަމުން ގޮސް މިއަދު މާލޭ މީހާ އަދި އޭނާގެ ދަރިން އަދި މާމަ ދަރިންވެސް ވަންނާނެ ތަނެއް އަމިއްލަ ރަށުގައި ނެތް ކަމަށް މީކާއިލް ވިދާޅުވި އެވެ. މާލޭގައި ގިނަ ރައްޔިތުންނަކީ އެހާލަތުގައި ތިބި ބައެއް ކަމަށް މީކާއިލް ވިދާޅުވި އެވެ.

"އަޅުގަނޑު އެއްވެސް ހާލެއްގައި މިދައްކަނީއެއް މާލޭގެ މަހުޖަނުންގެ ވާހަކައެއް ނޫން،" މީކާއިލް ވިދާޅުވި އެވެ.

އެހެން ރަށްރަށުގެ ރައްޔިތުންނަށްވުރެ މާލޭގެ ރައްޔިތުންގެ ހާލަތު ބޮޑު ކަމަށް މީކާއިލް ވިދާޅުވި އެވެ. އެހެން ރަށްރަށުގައި ނަމަ ގޯއްޗަށް އެޕްލައި ކުރާއިރު އެ ގޯއްޗަށް ފައިސާ ދައްކަން ނުޖެހޭ ކަމަށާއި އެހެން ނަމަވެސް މާލޭގެ ބޯހިޔާވަހިކަމެއް ނެތް ރައްޔިތު މީހާ ގޯއްޗަކަށް ނޫނީ ފްލެޓަކަށް އެޕްލައި ކުރާއި ދިރިއުޅެމުންދާ ކުޑަ ތަންކޮޅުވެސް ދޫކޮށްލަން ޖެހޭ ކަމަށް މީކާއިލް ވިދާޅުވި އެވެ.

"އަދި ނުވިތާކަށް ގޯތި ދޫކޮށްލާފައި އެ ފްލެޓްގަނޑު ލިބުމުން މުޅި އުމުރު ހަލާސް ކުރަން މިޖެހެނީ އެ ފްލެޓަށް ފައިސާ ދެއްކުމުގައި އެ ފްލެޓުގެ ކުލި ދެއްކުމުގައި،" މީކާއިލް ވިދާޅުވި އެވެ.

"ފްލެޓަކީ ހައްލެއް ނޫން"

މިހާރު ފްލެޓްތަކުގައި އުޅޭ މީހުން، އުޅެމުންދާ ނިކަމެތި ހާލު ބަލަން ޖެހޭ ކަމަށް މީކާއިލް ވިދާޅުވި އެވެ. މިހާރުވެސް ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކުގެ ހާލަތަށް ބަލާއިރު "އެއީ ބަޔަކު ދިރިއުޅެން ހެޔޮވާވަރުގެ ތަންތަނެއް ނޫން" ކަމަށް މީކާއިލް ވިދާޅުވި އެވެ.

މީގެ 20 ނުވަތަ 25 އަހަރު ކުރިން އެޅި އެ ފްލެޓްތައް ރަނގަޅަށް މެއިންޓެނެސް ނުކުރެވުމުގެ ސަބަބުން ތަނުގައި ދިރިއުޅޭ މީހުންނަށް ވަރަށް ނުރައްކާ ކުރިމަތިވެފައިވާކަން މީކާއިލް ފާހަގަ ކުރި އެވެ. އަދި ބޯހިޔާ ވަހިކަމުގެ މަޝްރޫއު ކުރިއަށް ދާއިރު މާލޭ ހިޔާ ނުވަތަ ސިނަމާލެއިން ފްލެޓް ލިބިފައި ހުރުމުން ފްލެޓަށް އެޕްލައި ނުކުރެވޭ ގޮތަށް އޮތުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް މީކާއިލް ވިދާޅުވި އެވެ.

އެޖެންޑާ 19އިގެ ދަށުން މާލޭގައި ކެމްޕެއިނު ކުރިއިރު ރައްޔިތުންނަށް ވައުދުވީ ގޯއްޗެއް ކަނޑާފައި ދޭން ކަމަށް މީކާއިލް ވިދާޅުވި އެވެ. އެހެންނަމަވެސް މިހާރު ފެނިގެންދަނީ ފްލެޓްތަކަށް ފޯކަސް ކުރެވިގެން ދާތަން ކަމަށާއި އެއީ ހިތާމަ ކުރާ ކަމެއް ކަމަށް ވިދާޅުވި އެވެ.

"ގައުމެއްގެ ސިފައިގައި ވިސްނާއިރު ފްލެޓްތަކަކީ ދުރު މުސްތަގުބަލަށް ވިސްނާއިރު ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެހާ ރަނގަޅު ކޮންސެޕްޓެއް ނޫން. އެއީ މިހާރު ފްލެޓްތަކަށް ވަދެ އެތާ ދިރިއުޅެމުންދާ ރައްޔިތުންނަށްވެސް އިހުސާސްވާނެ ދަރިއެއް ލިބުމުން އަނެއްކާވެސް މި އޮންނަނީ އިތުރު ފްލެޓަކަށް އެޕްލައިކުރަން ޖެހިފައި. އެހެންނަމަވެސް އޭނާގެ ޝަރުތެއް ހަމައެއް ނުވޭ މިހާރު އޭނާ ފްލެޓެއްގައި އުޅެމުން ދާތީވެ،" މީކާއިލް ވިދާޅުވި އެވެ.

މީކާއިލް ވިދާޅުވީ ފްލެޓް ކޮންސެޕްޓާ ދުރުން ގޯތި ކެނޑުނު ވަރަކަށް ކަނޑައިގެން ނަމަވެސް މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދީ ގޯތި ދޫކުރަން ވަރަށް ބޮޑަށް އެދޭ ކަމަށެވެ.

comment ކޮމެންޓް