ރާއްޖޭގައި ޒުވާނުންނާއި އަންހެނުންނަށް ވަޒީފާ ލިބުން ދަތި: ވޯލްޑް ބޭންކް

ސަރުކާރު ގިނަ އޮފީސްތަކެއް ހިންގާ ވެލާނާގެ -- ފައިލް ފޮޓޯ

ރާއްޖޭގައި އަންހެނުންނާއި ޒުވާނުންނަށް ވަޒީފާ ހޯދަން ދަތިކަމަށް ވޯލްޑު ބޭންކުން ބުނެފި އެވެ.

ވޯލްޑު ބޭންކުން އާންމުކޮށްފައިވާ ސައުތު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ އިގްތިސޯދާ ބެހޭ ރިޕޯޓެއްގައި ބުނެފައިވަނީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި އެންމެ ބޮޑެތި ޗެލެންޖުތަކާ ކުރިމަތިލާންޖެހޭ ބަޔަކީ ޒުވާނުންނާއި އަންހެނުން ކަމަށެވެ.

އަންހެނުންގެ އާބާދީގެ ހަތަރު ބައިކުޅަ އެއްބަޔަކީ ވަޒީފާއެއް ނެތް މީހުން ކަމަށާއި ޒުވާން އާބާދީގެ 15.3 ޕަސެންޓަކީ ވަޒީފާނެތް މީހުން ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ރާއްޖޭގެ މަސައްކަތް ކުރާ އާބާދީގެ ބޮޑު ޕަސެންޓެއް މަސައްކަތްކުރަނީ ސަރުކާރު ވަޒީފާތަކުގައި ކަމަށާއި ދެން އެންމެ ގިނަ ބަޔަކު ވަޒީފާ އަދާކުރަނީ ޓޫރިޒަމް ދާއިރާގައި ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ޓޫރިޒަމް ދާއިރާ އާއި ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތްކުރާ ބޮޑު ޕަސެންޓޭޖަކީ ފިރިހެނުން ކަމަށާއި އޭގެ ތެރޭގައިވެސް ގިނައީ ބިދޭސިންކަމަށް ވޯލްޑު ބޭންކުން ފާހަގަކޮށްފައިވެ އެވެ.

ރާއްޖޭގެ މަސައްކަތު އާބާދީގެ ތިންބައިކުޅަ ދެބައި މީހުން މަސައްކަތްކުރަނީ ޓޫރިޒަމް ދާއިރާ އާއި ގުޅުން ނެތް ވަޒީފާތަކުގައި ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. ޕްރައިވެޓް ސެކްޓާއިން ދިވެހިންނަށް ވަޒީފާ ދިނުމުގައި އިސްކަންދޭންޖެހޭކަމަށާއި، މިއީ ސަރުކާރުން އޮތުރު ވަޒީފާތައް އުފެއްދުން މަދުކުރަން އަޅަންޖެހޭ ފިޔަވަޅެއް ކަމަށް ވޯލްޑު ބޭންކުގެ ރިޕޯޓުގައި ބުނެފައިވެއެވެ.

ސަރުކާރުގެ ވަޒީފާތައް އަދާކުރާ މީހުންނަށް ލިބޭ މުސާރައާއި އިނާޔަތްތައް ޕްރައިވެޓް ސެކްޓާގައި މަސައްކަތްކުރާ މީހުންނަށް ނުލިބުމަކީ ޒުވާނުން، ޕްރައިވެޓް ކުންފުނިތަކުގެ ވަޒީފާތަކަށް ދާން ބޭނުން ނުވާ ސަބަބެއް ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް