ސިޓީ ކައުންސިލުތަކުގެ މޭޔަރުންނާއި ޑެޕިއުޓީ މޭޔަރުން، އަދި އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތަކުގެ ރައީސުންނާއި އެމީހުންގެ ނައިބުން ސީދާ ރައްޔިތުންގެ ސިއްރު ވޯޓަކުން އިންތިހާބުކުރާ ގޮތަށް ގާނޫނު އަސާސީއަށް ސަރުކާރުން ހުށަހެޅި އިސްލާހު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް އެ އިސްލާހު ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިތާގެ މެމްބަރު މުހައްމަދު އަސްލަމެވެ.
ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ނިޒާމު ހަރުދަނާކޮށް، ލޯކަލް ކައުންސިލުތައް ބާރުވެރިކުރުވުމަށްޓަކައި ގާނޫނުއަސާސީއަށާއި، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ވަނީ ދެ ބިލެއް ހުށަހަޅައިފައެވެ.
ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ހުށަހެޅުއްވީ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ.
އެ ބިލުތައް އެޓާނީ ޖެރެނަލްގެ ފަރާތުން ރައީސް އޮފީހަށް ފޮނުވީ މި މަހުގެ 10 ވަނަ ދުވަހުއެވެ.
ގާނޫނުއަސާސީގެ އަށްވަނަ ބާބަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކުގެ ރައީސް ނުވަތަ މޭޔަރާއި އޭނާގެ ނައިބު އިންތިހާބުކުރާނީ، ސީދާ ރައްޔިތުންގެ ސިއްރު ވޯޓަކުން ކަމުގައި ކަނޑައެޅުމެވެ.
އަދި ހުރިހާ ރަށެއް ފުރިހަމައަށް އަތޮޅު ކައުންސިލުގައި ތަމްސީލުކުރެވި ހުރިހާ ރަށެއްގެ ބައިވެރިވުން އޮންނަ ގޮތަށް އަތޮޅު ކައުންސިލްތައް އެކުލަވާލުމަށްޓަކައި، އަތޮޅު ކައުންސިލުތަކުގެ މެމްބަރުން ކަމުގައިވާނީ ކޮންމެ ރަށެއްގެ ރަށު ކައުންސިލުގެ ރައީސުން ކަމުގައި ކަނޑައަޅަންވެސް ބިލުގައި ވަނީ ހިމަނާފައެވެ.
އޭގެ އިތުރުން ދެން ހުށަހަޅާފައިވާ އިސްލާހަކީ ކައުންސިލުތަކުގެ އުމުރު، ތިން އަހަރުން ފަސް އަހަރަށް ބަދަލުކުރުމެވެ.
ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެންނަން ހުށަހަޅާ މައިގަނޑު އިސްލާހުތަކަކީ:
- ކައުންސިލުތަކުގެ ކިބައިން ވަކިކުރެވިފައިވާ ބާރުތަކާއި ޒިންމާތައް އަލުން އިއާދަކޮށްދީ، ކައުންސިލުތަކުގެ ބާރުތަކާއި މަސްއޫލިއްޔަތުތަކަކީ ސަރުކާރުން ކަނޑައަޅާ ދާއިރާއެއްގެ ތެރޭގައި ލިބިދެވޭ ބާރުތަކަކާއި މަސްއޫލިއްޔަތުތަކެއް ކަމުގައި އޮތުމުގެ ބަދަލުގައި، ގާނޫނުން އެ ކަންކަން ކަނޑައެޅުން.
- ކައުންސިލުތަކުގެ އިހްތިސޯސް ހިނގާ ސަރަހައްދު ކަނޑައަޅާނެ ގޮތުގެ އުސޫލުތައް ގާނޫނުގައި ބަޔާންކޮށް، ކައުންސިލުތަކުގެ އިހްތިސޯސްގައިވާ އެންމެހައި ވަސީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރު މުދާ ކައުންސިލުތަކުގެ މިލްކުވެރިކަމަށް ބަދަލުވެގެންދާނެ ގޮތަށް ހަމަޖެއްސުން.
- ކައުންސިލުތައް މާލީގޮތުން ބާރުވެރިކުރުމުގެ ގޮތުން، ދައުލަތުގެ އާމްދަނީގެ ފަސް ޕަސެންޓަށްވާ އަދަދުގެ ފައިސާ ކައުންސިލުތަކަށް ދިނުމާއި، ކައުންސިލުތަކުގެ އިހްތިސޯސްގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަޙައްދުތަކުގެ ކުލީގެ 40 ޕަސެންޓަށްވާ އަދަދުގެ ފައިސާ، ފިސްކަލް ފޯމިއުލާއެއްގެ ދަށުން ހުރިހާ ކައުންސިލަކަށް ބެހިގެންދާގޮތަށް ހަމަޖެއްސުމާއި، ކައުންސިލްތަކުން ދޭ ހިދުމަތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ފީ ނުވަތަ ކުލި ނެގުމުގެ ބާރު ކައުންސިލްތަކަށް ދިނުން.
- ރަށެއް ނުވަތަ ސިޓީއެއްގައި ހިންގާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން، އެ މަޝްރޫއެއްގެ އަގު ފަސް މިލިއަނަށްވުރެ ކުޑަ މަޝްރޫއުތައް، އެ ކައުންސިލަކުން ހިންގާ ގޮތަށް ހަމަޖެއްސުން.
- ކައުންސިލުތަކުން ވިޔަފާރިކުރުމަށްޓަކައި، ކަނޑައެޅޭ ވަކި އުސޫލުތަކެއްގެ ދަށުން ކުންފުނި އުފައްދައި ހިންގޭނެ މަގުފަހިކޮށްދިނުން.
- ކައުންސިލުތަކުގައި އަންހެނުންގެ ދައުރު އިތުރުކުރުމަށްޓަކައި، ކައުންސިލްތަކަށް އިންތިހާބުކުރެވޭ މެންބަރުންގެ 33 ހާއްސަ ކުރެވޭނީ އަންހެނުންނަށް ކަމުގައި ކަނޑައެޅުން.
- އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ބާރުވެރިކުރުވުމުގެ ގޮތުން އެ ކޮމިޓީތަކުގެ މެންބަރުންނަށް އުޖޫރަ ދިނުމަށް ކަނޑައަޅައި، އެ ކޮމިޓީތަކަށް ވަކި ބަޖެޓެއް ދޭގޮތަށް ހަމަޖެއްސުމަށާއި އޮފީސް ހިންގާނެ ތަން ހަމަޖައްސައިދިނުން ފަދަ އިންތިޒާމުތައް، ކައުންސިލުތަކުން ފޯރުކޮށްދޭންވާނެ ކަމަށް ކަނޑައެޅުން.
- ރަށު ކައުންސިލުތަކެކޭ އެއްފަދައިން ސިޓީތަކުގައިވެސް އާބާދީއަށް ނިސްބަތްކޮށް މެންބަރުން އިންތިހާބުކުރެވޭ ގޮތަށް ހަމަޖެއްސުމަށްޓަކައި ސިޓީ ކައުންސިލްތަކަށް މެންބަރުން އިންތިހާބުކުރާ ގޮތް ބަދަލުކުރުން.
- ފެނާއި ކަރަންޓާއި ނަރުދަމާގެ ހިދުމަތް ފަދަ އާންމު ހިދުމަތްތައް ކައުންސިލްތަކުން އަމިއްލައަށް ފޯރުކޮށްދިނުމާގުޅޭ އުސޫލުތަކާއި، ތިންވަނަ ފަރާތެއް މެދުވެރިކޮށް އެ ހިދުމަތް ފޯރުކޮށްދޭނަމަ، އެ ކަމާބެހޭ އެއްބަސްވުމެއް އޮންނަންވާނެ ކަމަށް ކަނޑައެޅުމާއި، އެފަދަ ތިންވަނަ ފަރާތަކުން ހިދުމަތް ފޯރުކޮށްދޭ ހާލަތުގައިވެސް، އެ ހިދުމަތަކާ ގުޅޭގޮތުން އާންމުންނަށް ދިމާވާ އެކިއެކި މައްސަލަތަކާ ގުޅޭގޮތުން ޖަވާބުދާރީވާންޖެހޭ ގޮތަށް ހަމަޖެއްސުން.
- ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ބޯޑުގައި ކައުންސިލަރުން ތަމްސީލުވާނެ ގޮތަށް ހަމަޖައްސައި، ބޯޑު އެކުލެވިގެންވާ ގޮތް ބަދަލުކުރުން.
- ތަރައްގީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭނާ ގުޅޭގޮތުންނާއި، ހިންގުމުގައި ނިންމާ މުހިންމު ނިންމުންތައް ނިންމުމުގައި ވީ ވަރަކުން ކައުންސިލުތަކުން ރަށެއްގެ ނުވަތަ ސިޓީއެއްގެ ރައްޔިތުންނާ މަޝްވަރާކުރަން ޖެހޭނެ ކަމަށް ކަނޑައެޅުން.
- ކައުންސިލުގެ ޒިންމާދާރު ވެރިޔާ އައްޔަންކުރުމުގައި ކައުންސިލްގެ ދައުރެއް އޮންނަ ގޮތަށް ހަމަޖެއްސުން.