ކުރުދީންނަށް އެހީވުމަށް ސީރިއާ ސިފައިންވެސް ތުރުކީ ބޯޑަރު ކައިރިއަށް

ސީރިއާގައި ތުރުކީން ފަށާފައިވާ އަސްކަރީ އޮޕަރޭޝަނުގައި އެގައުމަށް ހަމަލާތައް ދީފައި. އެހަމަލާތަކުގައި ސީރިއާގެ 50އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ -- ފޮޓޯ: އޭޕީ

ދިމިޝްގު (އޮކްޓޯބަރު 14): ތުރުކީން ސީރިއާގެ އުތުރުގައި ފަށާފައިވާ އަސްކަރީ އޮޕަރޭޝަނަށް ރައްދު ދިނުމަށް ސީރިއާ ސިފައިންވެސް ދެގައުމުގެ ބޯޑަރު ކައިރިއަށް ޖަމާވެއްޖެ އެވެ.

ސީރިއާގެ ކުރުދީން ބުނި ގޮތުގައި އެގައުމުގެ ސިފައިން ބޯޑަރު ކައިރިއަށް ފޮނުވަނީ، ކުރުދީން އިސްކޮށް ތިބޭ ސީރިއަން ޑިމޮކްރެޓިކް ފޯސެސް (އެސްޑީއެފް) އާއި ސަރުކާރުން ހެދި އެއްބަސްވުމެއްގެ ދަށުންނެވެ.

"ތުރުކީގެ ހަމަލާތައް ހުއްޓުވުމަށާއި އެއަށް ރައްދު ދިނުމަށް ސީރިއާގެ ސަރުކާރާ އެކު އެއްބަސްވުމެއް ވަނީ ހަދާފަ.. އެއީ ސީރިއަން ޑިމޮކްރެޓިކް ފޯސެސް (އެސްޑީއެފް)އަށް އެހީވުމަށްޓަކައި ސީރިއާގެ ސިފައިން ތުރުކީގެ ބޯޑަރު ކައިރިއަށް ފޮނުވުމަށް،" ކުރުދީން ނެރުނު ބަޔާނުގައިވެ އެވެ.

އަދި "ތުރުކީން މިހާރު ހިފާފައިވާ ސީރިއާގެ އަފްރިން ފަދަ ސަރަހައްދުތައް މިނިވަން ކުރުމަށް" ސީރިއާ ސިފައިންނާ އެކު މަސައްކަތް ކުރާނެ ކަމަށް އެބަޔާނުގައިވެ އެވެ. ތުރުކީގެ އަސްކަރިއްޔާ އާއި އެގައުމާ އެކު މަސައްކަތް ކުރި ސީރިއާގެ އިދިކޮޅު ފަރާތްތަކުން އަފްރިންގެ ކޮންޓްރޯލް އަތުލާ، އެސަރަހައްދުން ކުރުދީން ފޮނުވާލީ މިދިޔަ އަހަރެވެ.

އަދި އިއްޔެ އެމެރިކާގެ ޑިފެންސް ސެކްރެޓަރީ މާކް އެސްޕާ ވަނީ ސީރިއާގެ އުތުރުގައި ދެ އަސްކަރިއްޔާއިން ކުރާ ހަނގުރާމައެއްގެ މެދުގައި އެމެރިކާގެ ސިފައިން ތާށިވެދާނެތީ، އެސަރަހައްދުން 1،000އަށް ވުރެ ގިނަ އެމެރިކާ ސިފައިން ފައިބާނެ ކަމަށް ވިދާޅުވެފަ އެވެ.

އޭގެ ފަހުން ސީރިއާގެ ދައުލަތުގެ މީޑިއާ ސަނާއިން ބުނި ގޮތުގައި ތުރުކީގެ ހަމަލާތަކާ ކުރިމަތިލުމަށް އެގައުމުގެ ސަރުކާރުން ވަނީ ގައުމުގެ އުތުރަށް ސިފައިން ފޮނުވަން ނިންމާފަ އެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން އިތުރު ތަފްސީލެއް ނުދެ އެވެ. ސީރިއާގެ އަސްކަރިއްޔާއިން ހަނގުރާމަ ކުރަނީ ރަޝިއާ އާއި އީރާނުގެ އެހީއާ އެކުގަ އެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވި ގޮތުގައި އެގައުމުގެ ސިފައިން މިދިޔަ ހަފްތާގައި ފެށި އަސްކަރީ އޮޕަރޭޝަނުގައި މިހާތަނަށް ވަނީ ސީރިއާގެ 109 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ހިފާފަ އެވެ.

ތުރުކީން ބުނާ ގޮތުގައި އެ އަސްކަރީ އޮޕަރޭޝަނުގެ މަގުސަދަކީ ދެގައުމުގެ ބޯޑަރު ކައިރީން ކުރުދީން ފޮނުވާލުމާއި، ތުރުކީގައި ތިބި ސީރިއާގެ ރެފިއުޖީންނަށް އެނބުރި ގައުމަށް ދެވޭނެ "އަމާން ސަރަހަދެއް" ކަނޑައެޅުމެވެ. ތުރުކީން ދެކޭ ގޮތުގައި އެސްޑީއެފްގައި އިސްކޮށް ތިބޭ ކުރުދީންނަކީ އެގައުމުން މަނާކޮށްފައިވާ ކުރުދިސްތާން ވޯކާސް ޕާޓީ (ޕީކޭކޭ)ގެ ބަޔެކެވެ.

ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސްއިން ބުނާ ގޮތުގައި ތުރުކީގެ އޮޕަރޭޝަނުގައި މިހާތަނަށް ސީރިއާގެ 50އަށް ވުރެ ގިނަ އާންމު ރައްޔިތުންނާއި 100 އަށް ވުރެ ގިނަ ކުރުދީ ހަނގުރާމަވެރިން ވަނީ މަރުވެފައެވެ. އަދި ތުރުކީގެ މީޑިއާތަކުގައިވާ ގޮތުން އެސްޑީއެފްއިން ދިން ހަމަލާތަކުގައި އެގައުމުންވެސް 18 މީހަކު ވަނީ މަރުވެފަ އެވެ.

ތުރުކީގެ އަސްކަރީ އޮޕަރޭޝަން ފެށުމުން، ކުރުދީންގެ ގައިދުހާނާތަކުގައި ތިބި އައިއެސްގެ މެމްބަރުން ފިލަމުންދާ ކަމުގެ ކަންބޮޑުވުން ގިނަ އަދަދެއްގެ އޮފިޝަލުން ވަނީ ފާޅުކޮށްފަ އެވެ. އަދި އައިއެސް މެމްބަރުންގެ އާއިލާގެ މެމްބަރުން ތިބި އައްނިސާ ކޭމްޕު ކައިރީ އިއްޔެ ހަމަލާތައް ވަރުގަދަވުމުން، އެކޭމްޕުން 859 މީހަކު ފިލާފައިވާ ކަމަށް ކޭމްޕުގެ އޮފިޝަލަކު ވިދާޅުވި އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން މީގެ ކުރިން ނެރުނު ބަޔާނެއްގައިވާ ގޮތުން، އެމެރިކާ ސިފައިން ސީރިއާގެ އުތުރުން ފޭބުމުން، އެސަރަހައްދުގައި ތިބި އައިއެސްއަށް ނިސްބަތްވާ ގައިދީންނަށް ޒިންމާވާނީ ތުރުކީންނެވެ.

comment ކޮމެންޓް