ޒުވާން ގައުމީ ޓީމުތައް ދެވަނަ އަދި ތިންވަނަ ޑިވިޝަނަށް

ޒުވާން ގައުމީ ޓީމު ހޯދި ކާމިޔާބީ ފާހަގަ ކުރުމަށް ރޭ ހޮޓެލް ޖެންގައި ބޭއްވި ހަފްލާގެ ތެރެއިން --- ފޮޓޯ// އެފްއޭއެމް

މިދިޔަ މަހު ނޭޕާލުގައި ކުރިއަށް ދިޔަ 18 އަހަރުން ދަށުގެ ސާފް ޗެމްޕިންޝިޕުގެ ތިންވަނަ ހޯދި ޓީމު މިފަހަރުގެ ދެވަނަ ޑިިވިޝަނުގައި ބައިވެރިވާ އިރު ބަންގްލަދޭޝްގައި މި މަހު އޮންނަ ޔޫއެފާ އެސިސްޓް މުބާރާތުގައި ބައިވެރިވާ 16 އަހަރުން ދަށުގެ ޓީމު މިއަހަރުގެ ތިން ވަނަ ޑިވިޝަނުގައި ވާދަ ކުރާނެކަމަށް އެފްއޭއެމުން ބުނެފިއެވެ.

ޒުވާން ގައުމީ ޓީމު ހޯދި ކާމިޔާބީގެ ފާހަގަކުރުމަށް ހޮޓެލް ޖެންގައި ރޭ ވަނީ ހާއްސަ ބައްދަލުވުމެއް ބާއްވައިފައެވެ. މި ބައްދަލުވުމުގައި ކުޅިވަރާ ބެހޭ ވަޒީރުގެ އިތުރުން ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު އަދި ގައުމީ ސީނިއާ ޓީމުގެ ބައެއް ކުޅުންތެރިން ވެސް ވަނީ ބައިވެރިވެފައެވެ. ރޭގެ އެ ބައްދަލުވުމުގައި ފުޓުބޯޅައިގެ މުސްތަގުބަލާ މެދު އުންމީދީ ގިނަ ވާހަކަތަކެއް ދެކެވިގެން ދިޔައިރު އެންމެން ވެސް އެންމެ ފާހަގަކުރި ކަމަކީ ރާއްޖޭގެ ޒުވާން ޓީމުތައް ހޯދަމުން އަންނަ ކާމިޔާބީތަކުގެ ވާހަކަތަކެވެ.

ޒުވާން ގައުމީ ޓީމު ހޯދި ކާމިޔާބީ ފާހަގަ ކުރުމަށް ރޭ ހޮޓެލް ޖެންގައި ބޭއްވި ހަފްލާގެ ތެރެއިން --- ފޮޓޯ// އެފްއޭއެމް

އެގޮތުން އެންމެ މުހިންމު ކަމަކީ މިހާރު ގައުމީ ޓީމުތަކުގައި ތިބި ކުޅުންތެރިން ރަނގަޅު ފޯމެއްގައި ބޭތިއްބުމާއި ޓީމުގެ ކުޅުންތެރިންގެ ގުޅުން އިތުރަށް ބަދަހި ކުރުން ކަން ފާހަގަ ކުރައްވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، 19 އަހަރުން ދަށުގެ ޓީމުން ހޯދި ކާމިޔާބަކީ ފެށުމެއް ކަމަށެވެ. އަދި އެފްއޭއެމްގެ ޓުވާޑްސް ފިއުޗާގެ ބެނާގެ ދަށުން އެންމެ ބޮޑު އަމާޒަކީ މި ފެށުމާއެކު ޓީމުތައް އިތުރު ހަރުފަތަކަށް ގެންދިއުން ކަމަށެވެ.

"މިއަދު މީ ސަންޑޭއަށް ވެފަ، މިއަދުވެސް އަދި މާދަމާ މަންޑޭ ވިޔަސް އަޅުގަނޑު ބުނާނީ ޓުވާޑްސް ފިއުޗާ އޭ، އަބަދުވެސް އެއަށް މަސައްކަތް ކުރަން އަޅުގަނޑުމެން ޖެހޭނީ،" ފުޓްބޯޅައިގެ އާ ޖީލެއް ބިނާކުރަން އެފްއޭއެމުން ކުރާ މަސައްކަތަށް ބޭނުންކުރާ ޓެގްލައިނަށް އިޝާރާތް ކުރައްވާ ބައްސާމް ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ، 19 އަހަރުން ދަށުގެ ގައުމީ ޓީމުން ބްރޯންޒް މެޑަލް ހޯދައިގެން އައުމަކީ މިކަމުގެ ފެށުން ކަމަށެވެ. އެހެން ނަމަވެސް އަނެއްކާވެސް މިހާރު މިއޮތީ އެ ޓީމު މުސްތަގުބަލަށް ތައްޔާރުވާން ޖެހޭ ވަގުތު އައިސްފައި ކަމަށާއި މާދަމާ މަސައްކަތް ކުރަންޖެހޭނީ ރިހި މެޑަލް ހޯދުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުރިމަގަށް އާ ޖީލެއް ބިނާ ކުރަން މަސައްކަތް ކުރަމުންދާއިރު 19 އަހަރުން ދަށުގެ ގައުމީ ޓީމުން ބްރޯންޒް މެޑަލްއެއް ގެނައުމަކީ "ޓްވޯޑްސް ފިއުޗާ" ގެ މަސައްކަތަށް ލިބުނު ބޮޑު ހިތްވަރެއް،" ބައްސާމް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ޒުވާން ގައުމީ ޓީމުތަކުގެ ގުޅުން އިތުރަށް ރަނގަޅުކޮށް ޓީމުގެ ފޯމު ދެމެހެއްޓުމަށް ޓަކައި އެފްއޭއެމްގެ އެކްޒެކްޓިވް ކޮމިޓީން ނިންމި ނިންމުމަކީ އެ ޓީމުތައް ދެވަނަ އަދި ތިންވަނަ ޑިވިޝަނުގައި ބައިވެރި ކުރުން ކަމަށެވެ.

"ޓީމުތައް ކުރިއަށް ގެންދެވޭނީ ކޮންގޮތަކަށްތޯ ބެލުމަށް އަޅުގަނޑުމެންގެ އެގްޒެކެޓިވް ކޮމިޓީން ނިންމައިފިން ތި ޓީމު މި އަހަރު އޮންނަ ސެކަންޑް ޑިވިޝަން މުބާރާތުގައި ބައިވެރި ކުރާ ގޮތަށް، އަދި ބަންގުލަދޭޝްއަށް މިރޭ ފުރި އަންޑަ 16 ޓީމު އެ މުބާރާތުން އައުމަށް ފަހު ތާޑް ޑިވިޝަންގައި ބައިވެރިވާ ގޮތަށް ކުރިއަށް ދާނީ،" ބައްސާމް ވިދާޅުވިއެވެ.

މީގެ އިތުރުން 19 އަހަރުން ދަށުގެ ޓީމުގައި ފުރަތަމަ ޑިވިޝަންގެ ކުލަބުތަކުގެ ސްކޮޑްގައި ހިމެނޭ ގިނަ ކުޅުންތެރިން ހިމެނޭނެތީ އެކަމަށް ވަކި އިންތިޒާމުތަކެއް ހަމަޖައްސަވާނެ ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

އެ ޓީމުގެ ކެޕްޓަން ހަސަން ނަޒީމް (ޗޯޓު)އާއި ޑިފެންޑަރު އަހްމަދު ނާހިލް އިބްރާހިމް އާއި މިޑްފީލްޑަރު ސާވީ އިބްރާހިމް، ސީނިއާ ޓީމުގައި ހިމެނިގެން ދިއުން ފާހަގަކޮށް ބައްސާމް ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ވެސް މީގެކުރިން ސީނިއާ ގައުމީ ޓީމެއްގައި މިހާ ގިނަ ޒުވާން ކުޅުންތެރިން ހިމެނިގެން ގޮސްފައި ނުވާ ކަމަށެވެ.

އަދި ކުރިއަށް އޮތްތާ ވެސް ގިނަ ޒުވާން ކުޅުންތެރިންތަކެއް ގައުމީ ސްކޮޑުގައި ހިމެނުމަކީ އެފްއޭއެމްގެ އަމާޒު ކަމަށް ބައްސާމް ވިދާޅުވިއެވެ.

comment ކޮމެންޓް