ހިޔާނާތުގައި ހިމެނޭ އެޗްއާރުސީއެމްގެ މެމްބަރު ވަކިކުރަން ކޮމިޓީއަށް ފޮނުވައިފި

އެޗްއާރުސީއެމްގެ މެމްބަރު މޫސާ އަލީ ކަލޭފާނު ---- ފޮޓޯ: ރައީސް އޮފީސް

ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރު މޫސާ އަލީ ކަލޭފާނުގެ މައްޗަށް ކުރެވޭ ހިޔާނާތުގެ ތުހުމަތާ ގުޅިގެން އޭނާ މަގާމުން ވަކިކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވައިފިއެވެ.

މޫސާ އަލީ ކަލޭފާނުގެ މައްޗަށް ކުރެވެނީ، އޭނާ 2007 އިން 2010 އަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ޑިރެކްޓަރު ޖެނެރަލްކަމުގެ މަގާމުގައި ހުންނަވަނިކޮށް، އެ ސެންޓަރުގެ 1.4 މިލިއަން ރުފިޔާއަށް ހިޔާނާތްތެރި ކަމަށް ބުނާ މައްސަލައެވެ. އެ މައްސަލައިގައި އޭނާއާއެކު އިތުރު އަށް ބޭފަޅަކަށް ދައުވާ ކުރުމަށްވެސް ފޮނުވިއެވެ. އެ މައްސަލައިގައި 2013 ވަނަ އަހަރުގެ ކުރީކޮޅު އޭނާ ހައްޔަރުވެސް ކުރި އެވެ. ރައީސް ޔާމީންގެ ސަރުކާރުގައި، މޫސާ އަލީ ކަލޭފާނު އެޗްއާރުސީއެމްގެ މެމްބަރުކަމަށް އައްޔަން ކުރީ 2015 އޯގަސްޓް 27 ވަނަ ދުވަހުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުގައްރިރު ޖީހާން މަހްމޫދު މިއަދު ފޮނުއްވި ސިޓީއެއްގައި ވަނީ އެ މައްސަލަ މަޖިލީހުގެ ރައީސްގެ ސަމާލުކަމަށް ގެންނަވާފައެވެ.

އެ ސިޓީގައި ބުނެފައި ވަނީ ވަނީ މޫސާ އަލީ ކަލޭފާނުގެ މައްޗަށް ހިޔާނާތުގެ ތުހުމަތު ކުރެވިފައިވާއިރު، އޭނާ އެޗްއާރްސީއެމްގެ މެމްބަރު ކަމުގައި ހުންނާތީ ވަރަށް ގިނަ ޝަކުވާތަކެއް އެ ކޮމިޓީއަށް ލިބެމުން އަންނަ ކަމަށެވެ.

މަޖިލީހުގެ އާ ގަވާއިދުގެ 210 ވަނަ މާއްދާގައި ބުނާ ގޮތުން، މިނިވަން މުއައްސާތަކުގެ މެމްބަރުން، މަގާމުން ވަކިކުރުމުގެ މައްސަލަ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން މަޖިލީހަށް ހުށަހެޅިދާނެއެވެ. އަދި އެފަދަ މެމްބަރުން މަގާމުން ވަކިކުރުމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމުން އެކަން މަޖިލީހުގެ ރައީސް އިއުލާން ކުރުމަށްފަހު، ބަހުސްކުރުމަކާ ނުލައި މައްސަލަ ދިރާސާކުރުމަށްޓަކައި މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް ފޮނުވަންވާނެކަމަށް ވެސް ބުނެފައިވެއެވެ.

މިއަދުގެ ޖަލްސާގައި ރިޔާސަތުން ވަނީ މައްސަލަ ދިރާސާކުރުމަށް ޖެންޑާ ކޮމިޓީއަށް ފޮނުވައިފައެވެ.

މެމްބަރުންނާ ހިއްސާކުރި ލިޔުމުގައިވާގޮތުން އެ މައްސަލަ ފުލުހުން ތަހުގީގުކޮށް ނިންމައި، 13 މެއި 2014 ގައި ޕީޖީ އޮފީހަށް ފޮނުވިއެވެ. ނަމަވެސް އެ މައްސަލަ ޝަރީއަތަށް ނުފޮނުވާ، އޭގެ ދެ އަހަރު ފަހުން، 22 މެއި 2016 ވަނަ ދުވަހު ގައި މައުލޫމަތު ފުރިހަމަ ކުރުމަށްޓަކައި އަލުން އަނބުރާ އެ މައްސަލަ ޕީޖީ އިން ފުލުހުންނަށް ފޮނުވި އެވެ. އަދި އެ މައުލޫމަތު ފުލުހުން ޕީޖީއާ ހިއްސާ ކުރީ 17 އޮގަސްޓް 2016 ގައި ކަމަށް ޕީޖީއިން މަޖިލީހާ ހިއްސާކުރި މައުލޫމާތުގައި ބުނެއެވެ.

ފުލުހުން މަޖިލީހާ ހިއްސާ ކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން 22 މެއި 2016 ގައި ޕީޖީއިން އެ މައްސަލަ އަނބުރާ ފޮނުވާލުމުން ހަމަ އެދުވަހު މައްސަލަ އާ ގުޅޭ އިތުރު މައުލޫމަތު ޕީޖީއާ ހިއްސާކުރިއެވެ. ނަމަވެސް ޕީޖީއިން އެދުނު ބައެއް މައުލޫމަތުތަކަކީ، މައްސަލަ ހިނގިތާ ގިނަ ދުވަސްތަކެއްވުމުން އެންމެ އެކަށީގެންވާ މައުލޫމަތުތަކެއް ނޫން ކަމަށެެވެ.

ނަމަވެސް އެ މައުލޫމާތު ސާފުކުރަމުން ދަނިކޮށް، ޖިނާއީ އިޖުރާތުގެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ދައުވާކުރުމަށް އެ ގާނޫނުގައ ބުނެފައިވާ މުހުލަތު 15 އޮގަސްޓް 2016 އަށް ހަމަވެފައިވާތީވެ، އެ މުއްދަތާ ހަމައަށް ފުލުހުން ހޯދާފައިވާ މައުލޫމަތުތައް ޝަރީއަތުގައި ޝައްކެއް ނެތް މިންވަރަށް ސާބިތުކުރެވިދާނެ ކަމަށް ނުފެންނަކަމަށް ޕީޖީއިން ފުލުހުންނަށް އެންގި ކަމަށެވެ. އަދި އެ މައްސަލަ އެސެޓް ރިކަވަރީ ކޮމީޝަނަށް ހުށަހެޅުމަށް ޕީޖީއިން ލަފާ ދިންކަމަށް ފުލުހުން މަޖިލީހާ ހިއްސާ ކޮށްފައިވާ މައުލޫމަތުތަކުގައި ބުނެފައިވެއެވެ.

comment ކޮމެންޓް