ހަޅުތާލު ހުއްޓާލައި ޔާސިރު ކާންފަށައިިފި

ޔާސިރު ޔަހުޔާ ސޯލިހު: --

އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލުކުރިއަށް ގެންދިޔަ ޔަމަނުގެ ރައްޔިިތެއް ކަމަށްވާ ޔާސިރު ޔަހްޔާ ސޯލިހް އެންމެ ފަހުން ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލައި ކާންފަށައިފިއެވެ.

ޔާސިރުގެ އަންހެނުންގެ އާއިލާ މީހަކު "ސަން" އަށް މިއަދު ބުނީ ޔާސިރު ކާން ފެށީ މީގެ ތިން ދުވަސްކުރިން ކަމަށެވެ. ޔާސިރު ބަނޑުހައިހޫނުކަމުގެ ހަޅުތާލުކުރަން ފެށިތާ މިހާރު ދެ މަހަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލިއިރު ޔާސިރުއާ އިމިގްރޭޝަނާ ދެމެދު އެއްބަސްވުމެއްވެސް ހަދައިފައިވާ ކަމަށްވެސް އާއިލާ މީހާ ބުންޏެވެ. ނަމަވެސް އެ އެއްބަސްވުމާބެހޭގޮތުން އޭނާ އިތުރު އެއްޗެއް ނުބުނެއެވެ.

އަހުމަދިއްޔާ ސްކޫލުގައި ޓީޗަރެއްގެ ވަޒީފާ އަދާކުރަމުންދިޔަ ޔާސިރު އެންމެ ފުރަތަމަ ހައްޔަރުކުރީ 2017 ވަނަ އަހަރުއެވެ. އޭގެ ފަހުން ސަރުކާރުން މަސައްކަތް ކުރަމުންދިޔައީ އޭނާ ޑީޕޯޓްކުރުމަށެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މީގެކުރިން ވިދާޅުވީ ޔާސިރަކީ ޓެރަރިޒަމްއާ ގުޅުންހުރި މީހެއް ކަމަށާއި އޭނާގެ ވިސާ ކެންސަލްކޮށް ރާއްޖެއިން ފުރައިގެން ދިޔުމަށް މިހާރު އަންގާފައިވާ ކަމަށެވެ.

ފުލުހުން ބުނީ ޔާސިރު ފޮނުވާލުމަށް ދަތިވެގެން އުޅެނީ ޔަމަނުގައި މިވަގުތު ހަނގުރާމަ ހިނގަމުންދާތީ ޓްރެވަލް ޑޮކިއުމަންޓެއްވެސް ހަދަން އުނދަގޫވެގެން ކަމަށެވެ. އޭނާއަކީ ގައުމީ ސަލާމަތަށް ހުރި ނުރައްލަކެއް ކަަމަށްވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް