ޓްރެފިކަށް ގެނައި ކުއްލި ބަދަލުން ތޮއްޖެހުން!

މާލޭގެ މަގެއްގައި ޓްރެފިކް ތޮއްޖެހިފައި -- ސަންފޮޓޯ/ އަލީ ނަސީރު

މިދިޔަ ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހު މާލޭ ސިޓީ ކައުންސިލުން ނިންމި ނިންމުމަކަށް އެ މަހުގެ 28 ވަނަ ދުވަހު މާލޭގެ ބައެއް ސަރަހައްދުތަކުގެ ޓްރެފިކް ފްލޯ އެ ފުށްމިފުށަށް ޖެހި އެވެ. އެ ބަދަލަށް ބައެއް ޑްރައިވަރުންގެ ރުހުން އޮތް ނަމަވެސް، އަނެއް ބައި މީހުންގެ ޝަކުވާ އަކީ އެ ބަދަލުން ޓްރެފިކްގެ ތޮއްޖެހުން އިތުރުވުމެވެ. ހާއްސަކޮށް، އެންމެ ކާރޫބާރޫ ބޮޑު ވަގުތުތަކުގައި އަލިކިލެގެފާނުމަގުގެ ހަތަރު އަނގޮޅީގައި ޓްރެފިކް އިންތިހާއަށް ތޮއްޖެހެނީ އެވެ.

ޓްރެފިކަށް ގެނައި މައިގަނޑު ބަދަލުތައް

ޓްރެފިކް ފްލޯއަށް ބަދަލުތައް ގެނައީ މިދިޔަ މަހު ތިން ވަނަ ދުވަހު ބޭއްވި މާލޭ ސިޓީ ކައުންސިލުންގެ 74 ވަނަ ބައްދަލުވުމުގައި މަޝްވަރާކުރުމަށް ފަހު އެ ކައުންސިލްގެ މެންބަރުންގެ އަގުލަބިއްޔަތުންނެވެ. ބަދަލުތައް ގެނައުމަށް ހުށަހެޅުއްވީ މާލޭ ސިޓީ ކައުންސިލުގެ ޓްރާންސްޕޯޓު ކޮމިޓީގެ ޗެއާކަންކަން ކުރައްވާ މެންބަރު އަހުމަދު ޒަމީރެވެ.

ސިޓީ ކައުންސިލުން ނިންމީ، އަލިކިލެގެފާނުމަގު މީގެ ކުރިން އޮތް ގޮތަށް ދެކުނުން އުތުރަށް އެއް ކޮޅަށް ދުއްވޭ ގޮތަށް ހެދުމަށެވެ. މީގެ ކުރިން ޝަހީދު ހުސެއިން ޒުހެއިރު ހިނގުމުންނާއި، ލިލީމަގުންނާއި ހިތަށްފިނިވާމަގުން އަންނަ އުޅަނދުތައް މަޖީދީމަގަށް ނުކުންނަނީ އަލިކިލޭގެފާނުމަގުންނެވެ. އެކަމަކު، އެ ބަދަލާ އެކު އުޅަނދުތައް މިހާރު ދާން ޖެހެނީ އެހެން ދިމާލަކަށެވެ.

ދެން އެ ސަރަހައްދަށް ގެނައި ބަދަލަކީ، ހިތަށްފިނިވާމަގުގެ ނޫރާނީ ގޯޅިއާއި ހުސްނުހީނާ މަގާ ދެމެދު ދެކޮޅަށް ދުއްވޭ ގޮތަށް ބަދަލުކުރުމެވެ. އަދި ހުސްނުހީނާމަގުން މަޖީދީ މަގަށް ނުކުމެވޭ ގޮތަށް އުތުރުން ދެކުނަށް އެއްކޮޅަށް ދުއްވޭ ގޮތަށް ހެދުމެވެ. އެ ބަދަލާ އެކު ހިތަށްފިނިވާމަގުންނާއި ޝަހީދު ހުސެއިން ޒުހެއިރު ހިނގުމުންނާއި ލިލީމަގުން އަންނަ އުޅަނދުތަކަށް މިހާރު އެންމެ ފަސޭހައިން މަޖީދީ މަގަށް އެރެނީ ހުސްނުހީނާމަގުންނެވެ.

އޭގެ އިތުރުން ކުރިން ހުރި ގޮތަށް ފާށަނާކިލެގެމަގު ވަނީ އުތުރުން ދެކުނަށް އެއްކޮޅަށް ދުއްވޭ ގޮތަށް ބަދަލުކޮށްފަ އެވެ. އެހެންކަމުން، މަޖީދީމަގުން އަންނަ އުޅަނދުތަކަށް ފާށަނާކިލެގެމަގުން ސީދާ އަމީނީ މަގަށް ދެވެ އެވެ. މި ބަދަލުތަކުގެ އިތުރުންވެސް ބައެއް މަގުތަކަށް ބަދަލުތައް ގެނެސްފައިވެ އެވެ. އެކަަމަކު، އެއީ ކުދި ކުދި ބަދަލުތަކެވެ.

އަލިކިލޭގެފާނުމަގު ހަތަރު އަނގޮޅިއަށް ބާރު ބޮޑު

ސިޓީ ކައުންސިލުން ގެނައި ބަދަލުތަކުގެ ސަބަބުން، ވެލާނާގެ އާއި އެތާ ކައިރީގައި ހުންނަ އޮފީސްތަކުގައި މަސައްކަތް ކުރާ މީހުން މަޖީދީ މަގަށް ނުކުންނަން ޖެހެނީ ހުސްނުހީނާމަގުންނެވެ. އެ މަގަކީ އަލިކިލޭގެފާނު މަގަށްވުރެ ހަނިވެސް މަގެކެވެ. އެހެންކަމުން، އެ މަގުގައި މިހާރު ޓްރެފިކް ޖޭމްވާލެއް ބޮޑެވެ.

އެކަމާ ބެހޭގޮތުން ވާހަކަ ދެއްކި ޓްކްސީ ޑްރައިވަރަކު ބުނީ، އަލިކިލޭގެފާނުމަގު ހަތަރު އަނގޮޅި ބާރު ބޮޑުވަނީ މެންދުރު ސްކޫލު ނިމޭ ގަޑިއާއި، އޮފީސްތަކުގެ ލަންޗު ގަޑިއާއި، ހަވީރު އޮފީސް ނިމޭ ގަޑީގައި ކަމަށެވެ. އޭނާ ބުނި ގޮތުގައި ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމުގެ ކުރިން އެހާ ވަރަށް ބާރު ބޮޑެއް ނުވެ އެވެ.

"އެންމެ ބޮޑަށް ބާރު މި ކުރަނީ އަލިކިލޭގެފާނުމަގު ހަތަރު އަނގޮޅިއަށް. މި ވާ ގޮތަކީ ޕީކް ގަޑީގައި، އެއީ މެންދުރު ލަންޗު ގަޑިއާއި ސްކޫލު ނިމޭ ގަޑިއާއި ހަވީރު އޮފީސް ނިމޭ ގަޑި. ވެލާނާގެއާއި ބޭރު މަގުގައި އެ ހިސާބުގައި އެ ހުންނަ އޮފީސްތަކުން މީހުން ނުކުމެގެން އެންމެ އަވަހަށް މަޖީދީ މަގަށް އެޅެން މި އޮންނަނީ ހުސްނުހީނާ ގޯޅިން. އެތަނުން މަޖީދީ މަގާ ގުޅޭ ހިސާބުން މަޖީދީމަގުގެ ޓްރެފިކާ ޖެހުނީމަ މި ވާ ގޮތަކީ އޮލިމްޕަހުން ފެށިގެން އަލިކިލޭގެފާނުމަގު ހަތަރު އަނގޮޅިއާ ހިސާބަށް މި އޮންނަނީ ހަމަ ގުޑާވެސް ނުލާ. ހުސްނުހީނާ އެބަ އޮވޭ ފުރިފަ،" ޓެކްސީ ޑްރައިވަރަކު ބުންޏެވެ.

އެ ޓެކްްސީ ޑްރައިވަރުގެ ވާހަކަތައް ބާރު ދެމުން ސައިކަލު ޓެކްސީ ކުރާ އަހުމަދު މުސްލިމް ބުނީ، މިހާރަކަށް އައިސް އޮލިމްޕަހުން ފެށިގެން އަލިކިލޭގެފާނުމަގާ ހަމައަށް ޓްރެފިކް ޖޭމްވާކަން އޭނާއަށްވެސް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ހުސްނުހީނާމަގު ތޮއްޖެހިފައި -- ސަން ފޮޓޯ: ނަޖާހު މަސްއޫދު

މީގެ އަހަރުތަކެއް ކުރިން ހަމަ މިއަދު އޮތް ގޮތަށް އަލިކިލޭގެފާނު މަގާއި ހުސްނުހީނާމަގުގެ ޓްރެފިކް ފްލޯ އޮތް އިރު މިއަދު ބާރު ބޮޑުވާ ވަރަށް އޭރު ބާރު ބޮޑު ނުވާކަން އޭނާ ފާހަގަ ކުރި އެވެ.

"ދެތިން އަހަރުން މަގުތަކަށް ކިތައް ސައިކަލާ ކިތައް ކާރު އިތުރަށް ދުއްވާނެ. އެ ބަދަލު މިހާރު އެ ފެންނަނީ ކުރިއާ އަޅާ ބަލާ އިރު ވެހިކަލްތައް ގިނަވީމަ ކަމަށްވެސް ވެދާނެ،" އޭނާ ލަފާ ކުރި އެވެ.

މަޝްވަރާއެއް ދިރާސާއެއް ނެތް

ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގައި ޓްރެފިކަށް ބަދަލުތައް ގެނަންނީ ވަރަށް ބޮޑަށް ދިރާސާ ކުރުމަށް ފަހު އެވެ. ކަމާ ބެހޭ އެންމެހާ ފަރާތްތަކުގެ މަޝްވަރާ ހޯދުމަށް ފަހު އެވެ. އާންމު ސާވޭތައްވެސް ހެދުމަށްފަހު އެވެ.

ޓްރެފިކް ފްލޯއަށް ބަދަލު ގެނައި އިރު، ޓްރާންސްޕޯޓު އޮތޯރިޓީ އަށާއި ފުލުހުންގެ މަޝްވަރާ ހޯދިތޯ ސުވާލު ކުރުމުން، ކައުންސިލު މެމްބަރު ޒަމީރު ވިދާޅުވީ، އެ ދެ ފަރާތަށްވެސް ގެންނަން ނިންމި ބަދަލުތަކުގެ މައުލުމާތު ހިއްސާކޮށްފައިވާ ކަމަށެވެ. ފުލުހުންނާއި ޓްރާންސްޕޯޓު އޮތޯރިޓީގެ މަޝްވަރާ ހޯދާފައިވާނެތޯ ކުރި ސުވާލަށް އޭނާ ޖަވާބެއް ނުދެއްވަ އެވެ.

އެ ބަދަލުތައް ގެނައުމުގައި އެ ދެ ފާރާތާ ސިޓީ ކައުންސިލުން މަޝްވަރާކޮށްފައި ނުވާކަން އިތުބާރު ހުރި މަސްދަރުތަކުން "ސަން"އަށް ވަނީ ކަށަވަރުވެފަ އެވެ.

ސިޓީ ކައުންސިލުން ޓްރެފިކަށް ބަދަލު ގެންނަން ނިންމީ ރަސްމީ ސާވޭއެއް ނުވަތަ ދިރާސާއެއްވެސް ހެދުމެއް ނެތި އެވެ.

އެކަމަކު، ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު ވިދާޅުވީ އެ ބަދަލުތައް ގެނައީ މާލޭގައި އުޅޭ ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށެވެ. އެގޮތުން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގެ ދުވަސްވަރުގައިވެސް މަގުތަކުގެ ޓްރެފިކް ބަދަލުކުރަން ގިނަ ބަޔަކު އެދުނު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަމުގައި ގިނަ އާންމުންގެ ހިޔާލު ހޯދި ކަމަށް ވިދާޅުވި އެވެ.

އެކަމަކު އާންމުންގެ ހިޔާލު ހުރީ އެއްކަމާ އެއްކޮޅަކަށް ނޫނެވެ.

"ކުޑަމިނުން އާންމުކޮށް އިއުލާނުކޮށްގެން ސާވޭއެއް ކޮށްލާނަމަ އެނގޭނެ ގެންނަން އެންމެ ރަނގަޅު ބަދަލުތައް. ގެނައި ބަދަލުތައް މުޅިން ގޯސް ނުވިޔަސް އެއީ އެކަން ކުރަން ޖެހޭ ގޮތަކީ. އެކަމަކު، އެވަރުވެސް ކޮށްނުލާ. މި މަގުން ކަންތައް ކުރާ ގައުމެއް ނޯންނާނެ ރާއްޖެ ފިޔަވައި. އެއް ސަރުކާރުން ބަދަލު ގެނައި ކަމަށްޓަކާ ހުރިހާ ކަމެއް އަނެއް ފުށަށް ޖަހާލަނީ،" ސިޓީ ކައުންސިލުގެ ބަދަލުތަކާ މެދު ހިތްހަމަ ނުޖެހިގެން ވާހަކަ ދެއްކި އާންމުންގެ މީހަކު ބުންޏެވެ.

ބަދަލުތައް ބައެއް މީހުންނަށް ކަމުދޭ

މަގުތައް ގެނައި ބަދަލުތަކުގެ ނަތީޖާއާ ބެހޭގޮތުން ސުވާލު ކުރުމުން ޑެޕިއުޓީ މޭޔަރު ޝަމާއު ވިދާޅުވީ، ކުރިއަށް ވުރެ ޓްރެފިކް ޖޭމްވުމުގެ މައްސަލަ ރަނގަޅުވާނެ ކަމަށެވެ.

"އަޅުގަނޑުމެން ނިންމި ނިންމުމެއް ޑިފެންޑު ކުރާކަށް ނޫން. އެހެންނަމަވެސް، އަޅުގަނޑުމެންވެސް މިހާރު މަޖީދީ މަގަށް ބަލާލީމަ އެބަ ފާހަގަވޭ މިހާރު ކުރިން ޖޭމްވާ ވަރަކަށް ޖޭމްއެއް ނުވޭ. ކުރީގައި މާފަންނުން ހެންވޭރަށް ނޫނީ ހެންވޭރުން މާފައްނަށް އަންނަ މީހަކަށް ޖޭމް ނުވެއެއް ނާދެވޭނެ. މިހާރު ޖޭމް ނުވެ އާދެވޭނެ އެންމެ ޕީކް ގަޑީގައިވެސް،" ޝަމާއު ވިދާޅުވި އެވެ.

ޓްރެފިކް ފްލޯއަށް ގެނައި ބަދަލުތަކުގައި މައްސަލައެއް ނެތް ކަމަށް ބައެއް ޓެކްސީ ޑްރައިވަރުންވެސް ބުންޏެވެ. އެގޮތުން މިހާރު މާލޭގެ ދެކުނު ފަޅީގައި ހުރެފައި ގިނަ އޮފީސްތައް ހުންނަ ވެލާނާގޭ ސަރަހައްދަށް ދަތުރު ކުރަން ފަސޭހަވާ ކަމަށް ބައެއް ޑްރައިވަރުން ބުންޏެވެ.

"މިއީ އެންމެ ކުރިން އޮތް ގޮތް. ޔާމީން ސަރުކާރުގައި އެ ގޮތް ބަދަލު ކުރީ. އަލިކިލޭގެފާނު މަގު ބަދަލު ކުރީ އޭނަގެ ކާރު ވައްދަން ފަސޭހައަކަށް. ރައްޔިތުންނަށް ކޮށްދިން ކަމެއް ނޫން،" ޓެކްސީ ޑްރައިވަރަކު ބުންޏެވެ.

"މަށަށް ހީވަނީ މިހާރު ބާރުބޮޑު ވިޔަސް އެހެން ވަނީ ކުއްލިއަކަށް ބަދަލު ގެނައިމަހެން. ދުވަސްކޮޅަކުން ހަމައަކަށް އެޅޭނެ،"

އޭގެ އިތުރުން، ފާށަނާ ކިލޭގެ މަގު އުތުރުން ދެކުނަށް ދުއްވޭ ގޮތް ހެދުމުންވެސް ފަސޭހަވާ ކަމަށް ބައެއް ޑްރައިވަރުން ވަނީ ބުނެފަ އެވެ.

"ކުރިން މާފައްނު ކޮޅުން މަޖީދީ މަގަށް ނުކުމެގެން ގަލޮޅަށް އައިސް ދެން އަމީނީ މަގަށް އަރަން ވަރަށް އުނދަގޫވާނެ. އަމީނީ މަގާ ދިމާލަށް ބަނަފްސާ މަގުން ވިޔަސް ޝީޝާ ޝޯރޫމް އިންނަ މަގުން ވިޔަސް ދެކުނަށް ދުއްވާފައި އައިސް، އަނެއްކާވެސް އައިކޮޅަށް، ހުޅަނގަށް ދުއްވަން ޖެހޭނީ. އެ ހާލުން އަމީނީ މަގަށް އެެރެނީ. އެކަމަކު، މިހާރު ސީދާ ފާށަނާ ކިލޭގެ މަގުން އެ ދާ ގޮަތަށް ސީދާ އަމީނީ މަގަށް އެބަ އެރޭ. އެހެންވީމަ ފަސޭހަ،" ސައިކަލުގައި އުޅޭ އާންމުންގެ މީހަކު ބުންޏެވެ.

ކުއްލި ކުއްލިއަށް ޓްރެފިކަށް ގެންނަ ބަދަލުތަކުން މަދު ބަޔަކަށް ފަސޭހަ ވިޔަސް، އެކަހަލަ ބަދަލުގެތަކުގެ ދުއްތުރާ އެތައް ގޮތަކުން ބޮޑުވެ އެވެ. ޓްރެފިކަށް ބަދަލު ގެންނަ، ނަމަ އެކަން ކުރަން ވާނީ ގިނަ ދުވަހު ވިސްނާ ދިރާސާކޮށްފަ އެވެ. ޓްރެފިކަށް ބަދަލު ގެނައުމަކީ ކުޅޭ ކުޅޭ ކަމަކަށް ވެގެން ނުވާނެ އެވެ.

comment ކޮމެންޓް