އެއްބަސްވުންތަކާ ގުޅޭ ގޮތުން 252 ގާނޫނީ ލަފާ ދީފި

ނޮވެމްބަރ 17، 2018: ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ކެބިނެޓް ހުވާކުރުމާއި ރައީސް އޮފީހުގެ ބައެއް މަގާމުތަކަށް ބޭފުޅުން އައްޔަނުކުރުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތު -- ސަން ފޮޓޯ/ އަޙްމަދު އަވްޝަން އިލްޔާސް

ފާއިތުވި 10 މަސް ދުވަހުގެ ތެރޭގައި އެޓާނީ ޖެނެރަލްގެ އޮފީހުން ތަފާތު އެކި އެއްބަސްވުންތަކާ ގުޅޭ ގޮތުން ދައުލަތުގެ މުއައްސަސާތަކަށް 252 ގާނޫނީ ލަފާ ދީފައިވާ ކަމަށް އެ އޮފީހުން ބުނެފިއެވެ.

އެ އޮފީހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހުން ފެށިގެން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އޭޖީން ވަނީ 763 ކަމަކާ ގުޅޭ ގޮތުން ދައުލަތުގެ މުއައްސަސާތަކަށް ގާނޫނީ ލަފާ ދީފައެވެ.

އޭގެ ތެރޭގައި ހިމެނެނީ 25 ބިލެއް ތަސްދީގު ކުރުމާ ގުޅޭ ގޮތުން އެ އޮފީހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެއްވާފައިވާ ލަފާގެ އިތުރުން ތަފާތު އެކި އެއްބަސްވުންތަކާ ގުޅޭ ގޮތުން ދިން 252 ލަފާ އަދި އެކި ގަވާއިދުތަކާ ގުޅޭ ގޮތުން ދީފައިވާ 97 ގާނޫނީ ލަފައެވެ.

ސެޕްޓެމްބަރު މަހުގެ ނިޔަލަށް އާ ސަރުކާރަށް 10 މަހާއި 13 ދުވަސް ފުރުނުއިރު، އުސޫލުތަކާ ގުޅޭ ގޮތުން އެޓާނީ ޖެނަރަލްގެ އޮފީހުން ވަނީ 48 ގާނޫނީ ލަފާ ދީފައެވެ. އަދި ރާއްޖެ ބައިވެރިވާން އެދި ހުށަހެޅި 11 މުއާހަދާއަކާ ގުޅޭ ގޮތުން ވެސް އޭޖީ އޮފީހުން ވަނީ ގާނޫނީ ލަފާ ދީފައެވެ.

ސަރުކާރުގެ ފުރަތަމަ 10 މަސް ދުވަހުގެ ތެރޭގައި ދީފައިވާ ގާނޫނީ ލަފާތަކުގެ ތަފާސްހިސާބު އެޓާނީ ޖެނަރަލްގެ އޮފީހުން އާންމުކުރި ނަމަވެސް، އެ ގާނޫނީ ލަފާގެ ތަފްސީލުތަކެއް އެ އޮފީހަކުން ހާމައެއް ނުކުރެއެވެ.

ނަމަވެސް އާންމު މަސްލަހަތާ ގުޅުން ހުރި ބޮޑެތި މައްސަލަތަކުގައި ކަމާބެހޭ ފަރާތްތަކަށް އެ އޮފީހުން ދެމުންގެންދާ ލަފާގެ ތަފްސީލު އެޓާނީ ޖެނަރަލްގެ އޮފީހުން އަންނަނީ އާންމު ކުރަމުންނެވެ.

comment ކޮމެންޓް