މުޅި ރާއްޖޭގެ ބިން ހިއްކުން "އެއްބުރުން" ނިންމާލަނީ

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ސަރުކާރުގެ ވިސްނުމަކީ ބިން ހިއްކުމުގެ ހުރިހާ މަޝްރޫއެއް އެއްފަހަރާ ކުރިއަށް ގެންގޮސް ނިންމާލުން ކަމުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިދިޔަ ހަފްތާގައި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއާ ގުޅޭގޮތުން، ދުނިޔޭގައި އެންމެ ރަނގަޅަށް ބިން ހިއްކުމުގެ މަސައްކަތްކުރާ ކުންފުންޏަކާއެކު ވާހަކަދައްކަމުން އަންނަ ކަމަށެވެ.

އެ ކުންފުންޏަކީ މީގެ ކުރިންވެސް ރާއްޖޭގައި ބިން ހިއްކުމުގެ މަސައްކަތް ކޮށްފައިވާ ކުންފުންޏެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ސަރުކާރުގެ ވިސްނުން ހުރީ އިރުއިރުކޮޅާ ބިންހިއްކަން ނުޖެހޭ ގޮތަކަށް، ހިއްކަން ޖެހިފައި ހުރި ހުރިހާ ބިމެއް އެއްފަހަރާ ހިއްކާ ނިންމާލުމަށް ކަމަށެވެ.

"އަޅުގަނޑުމެން އެބަ ނެގޯޝިއޭޓް ކުރަން، ގުޅިފަޅު ޕޯޓު ބަދަލުކުރުމަށް ބޭނުރުގެ ވިސްނުންވާ ބިން ހިއްކުމުގެ މަޝްރޫއާއެކު ސަރުކާން މިހުރީ، އިރުއިރު ކޮޅާ، ބިން ހިއްކަން ނުޖެހޭ ގޮތަކަށް، ހިއްކަން އޮތް ބިމެއް ވިއްޔާ އެއްފަހަރާ ގޮސް ހިއްކާލަން،" އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް ވިދާޅުވީ ތަރައްގީ ގެނެވޭނީ ވެސް ބިން ހިއްކުމަށްފަހުގައި ކަމަށާއި، އެހެންކަމުން ސަރުކާރުން ބޭނުންވަނީ މެދުކެނޑުމެއްނެތި ބިން ހިއްކުމުގެ މަޝްރޫއުތައް ކުރިއަށް ގެންދަން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ބަޖެޓުގައި ހިމަނާފައި ހުރި ބިން ހިއްކުމުގެ މަޝްރޫއުތަކަށް ބަލާއިރު، ބައެއް ރަށްރަށުން ވަރަށް ކުޑަ ބިމެއް ހިއްކަން ޖެހުނު ނަމަވެސް ހުރިހާ ބިމެއް އެއްކޮށްލުމުން ފުދޭވަރެއްގެ ބިން ހިއްކަން ޖެހޭ ކަމަށެވެ.

"އެއަށް ބޭނުންވާ ބަޖެޓު، އަޅުގަނޑުމެން ސޯސްކުރަންޖެހޭ ކޮންމެ ގޮތެއް ވިޔަސް. މިއަހަރުގެ ބަޖެޓުގައިވެސް ކޮންމެސް ވަރަކަށް އެބަހުރި. އެހެން ނަމަވެސް ވަރަށް ގިނަ ރަށްރަށުގައި ބިން ހިއްކުމަށް ކުދި އަދަދުތަކެއް ހުރީ، ފަސް ހެކްޓަރު، 10 ހެކްޓަރު އެހެން ހުރި ތަންތަން. އެކަމަކު ހުރިހާ އެއްޗެއް އެއްކޮށްލީމާ ފުދޭވަރަކަށް ބިން އެބަހުރި،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ބިން ހިއްކުމަކީ ތިމާވެއްޓަށް އޭގެ ނޭދެވޭ އަސަރު ކުރާނެކަމެއް ނަމަވެސް، ބިން ހިއްކުމަކީވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ. އެހެންކަމުން ސަރުކާރުން ބިން ހިއްކުމުގެ މަޝްރޫއުތައް ކުރިއަށް ގެންދާނީ ތިމާވެއްޓަށް އެންމެ ގެއްލުން ކުޑަވާނެ ގޮތަށް ކަމަށެވެ.

comment ކޮމެންޓް