ހައްޔަރުކޮށްފައިވާ އައިއެސްގެ މެމްބަރުން ގާޑު ކުރަން މިހާރު އިސްކަން ނުދެން: ކުރުދީން

ތުރުކީން ސީރިއާގައި ފެށި އަސްކަރީ އޮޕަރޭޝަނުގައި 38އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ -- ފޮޓޯ: ރޮއިޓާސް

ދިމިޝްގު (އޮކްޓޯބަރު 13): ސީރިއާގައި އިސްލާމިކް ސްޓޭޓް (އައިއެސް)އާ ދެކޮޅަށް ކުރިއަށްގެންދިޔަ ހަނގުރާމައިގައި ހައްޔަރުކޮށްފައިވާ އެޖަމާއަތުގެ މެމްބަރުން ގާޑު ކުރަން މިހާރު އިސްކަން ނުދޭ ކަމަށް އެގައުމުގެ ކުރުދީން ބުނެފި އެވެ.

އެމެރިކާގެ އެހީއާއެކު އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރި، ކުރުދީ ޕީޕަލްސް ޕްރޮޓެކްޝަން ޔުނިޓް (ވައިޕީޖީ)އިން އިސްކޮށް ތިބޭ ސީރިއަން ޑިފެންސް ފޯސެސް (އެސްޑީއެފް)އިން ބުނި ގޮތުގައި އެ ޖަމާއަތަށް މިހާރު އެންމެ މުހިންމު ކަމަކީ ތުރުކީގެ ސިފައިންގެ ފަރާތުން އެމީހުންގެ ސަރަހައްދުތައް ރައްކާތެރި ކުރުމެވެ.

"އައިއެސް މެމްބަރުން ތިބި ޖަލުތައް ގާޑުކުރުމަކީ މިހާރު އިސްކަން ދޭ ކަމެއް ނޫން. އެ ގައިދީން ހައްޔަރުކޮށްފައި ބޭތިއްބުމާ މެދު ކަންބޮޑުވާ ފަރާތެއްވާ ނަމަ، އެބަޔަކު މިތަނަށް އައިސް ހައްލެއް ހޯދުމަށް މަރުހަބާ ކިޔަން،" ކުރުދީން ނެރުނު ބަޔާނެއްގައި ވެއެވެ.

މިދިޔަ ބުދަ ދުވަހު ތުރުކީން ސީރިއާގެ އުތުރުގައި އަސްކަރީ އޮޕަރޭޝަނެއް ފެށީ އެސަރަހައްދުގައި ތިބި އެމެރިކާ ސިފައިން ދިޔުމުންނެވެ. އެމެރިކާއިން ބުނި ގޮތުގައި އެގައުމުގެ ސިފައިން އެސަރަހައްދުން ދިޔުމުން، އައިއެސްގެ ގައިދީންނަށް ޒިންމާ ވާނީ ތުރުކީންނެވެ.

ތުރުކީން ދެކޭ ގޮތުގައި ވައިޕީޖީއަކީ އެގައުމުން މަނާކޮށްފައިވާ ކުރުދިސްތާން ވޯކާސް ޕާޓީ (ޕީކޭކޭ)ގެ ބަޔެކެވެ. އަދި އެގައުމުން ސީރިއާގައި ފަށާ އަސްކަރީ އޮޕަރޭޝަނުގެ މަގުސަދަކީ ދެގައުމުގެ ބޯޑަރު ކައިރީން ކުރުދީން ފޮނުވާލުމާއި، ތުރުކީގައި ތިބި ސީރިއާގެ ރެފިއުޖީންނަށް އެނބުރި ގައުމަށް ދެވޭނެ "އަމާން ސަރަހަދެއް" ކަނޑައެޅުން ކަމަށް ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވިއެވެ.

ތުރުކީން ދަނީ ކުރުދީން ތިބި ސަރަހައްދުތަކަށް ވައިގެ މަގުންނާއި އެއްގަމުންވެސް ހަމަލާ ދެމުންނެވެ. އަދި ދެ ގައުމުގެ ބޯޑަރު ކައިރީ އޮންނަ ރަސަލް އައިން ކިޔާ މުހިންމު ސަރަހައްދެއް މިހާރު ތުރުކީ ސިފައިންގެ ކޮންޓްރޯލުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް އެސްޑީއެފްއިން އެ މައުލޫމާތު ދޮގުކުރެއެވެ.

ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސްއިން ބުނާ ގޮތުގައި ތުރުކީގެ އޮޕަރޭޝަނުގައި މިހާތަނަށް ސީރިއާގެ 38 އާންމު ރައްޔިތުންނާއި 80 އަށް ވުރެ ގިނަ ކުރުދީ ހަނގުރާމަވެރިން ވަނީ މަރުވެފައެވެ.

އަދި ތުރުކީގެ މީޑިއާތަކުގައިވާ ގޮތުން އެސްޑީއެފްއިން ދިން ހަމަލާތަކުގައި އެގައުމުންވެސް 17 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް