އިންޑިއާގެ ވިޔަފާރިތަކަށް ރާއްޖޭގައި ބާއްވާ ފެއާ މި މަހު 15ގައި

"އިންޑިއާ އެކްސްޕޯ 2019"ގެ އެއްބަސްވުމުގައި ޕާޓްނަރުންނާ އެކު މިއަދު ސޮއިކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ކުދި ވިޔަފާރިތަކުގެ ޔޫނިއަން، އެސްއެމްއީ އެންޑް އޯންޓްރަޕްރެނުއާ ފެޑެރޭޝަން އޮފް މޯލްޑިވްސް (ސެފްއެމް) އިން ބާއްވާ، "އިންޑިއާ އެކްސްޕޯ 2019" ގެ ޕާޓްނަރުންނާއެކު މިއަދު ސޮއިކޮށްފި އެވެ.

އުނިމާ ގްރޭންޑް ހޮޓެލްގައި މިއަދު ބޭއްވި ހަފްލާއެއްގައި ސެފްއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ފެޑެރޭޝަންގެ ރައީސް، އަބްދުލް ލަތީފް އެވެ.

އެ ހަފްލާގައި ވާހަކަ ދައްކަވަމުން ލަތީފް ވިދާޅުވީ އެ އެކްސްޕޯގެ މައިގަނޑު މަގުސަދަކީ ދިވެހި ވިޔަފާރީގެ މާކެޓުން ހަމައެކަނި އަމިއްލަ ކުންފުނިތަކަށް ފުރުސަތު ދިނުމުގެ ބަދަލުގައި ޖޮއިންޓް ވެންޗާތަކަށް ފުރުސަތު ދިނުން ކަމަށެވެ. އަދި މިއީ ރާއްޖޭގައި ޕަބްލިކް ނެޓްވޯކެއް ގާއިމު ކުރުމުގެ އަމާޒުގައި ބާއްވާ ފުރަތަމަ ހަރަކާތް ކަމަށް ވެސް ލަތީފް ވިދާޅުވި އެވެ.

އިންޑިއާ އެކްސްޕޯ 2019 ގެ އެއްބަސްވުމުގައި ސޮއިކުރި ޕާޓްނަރުންނަކީ:

  • ސްޓޭޓް ބޭންކް އޮފް އިންޑިއާ
  • ރާއްޖެ ޓީވީ
  • ކޯޕަރޭޓް މޯލްޑިވްސް
  • މޯލްޑިވްސް އިންސައިޑާ
  • ޝޭޑީ ކެބިން ރެންޓަލްސް
  • މޯލްޑިވްސް ބިޒްނަސް ރިވިއު
  • އެބްސޮލިއުޓް ސެކިއުރިޓީ އެންޑް އެޑްވާންސް ޕްރޮޓެކްޝަން

އިންޑިއާ އެކްސްޕޯ 2019 އަކީ އިންޑިއާ ކުންފުނިތަކުގެ އުފެއްދުންތައް ދިވެހިންނަށް ދައްކާލައި، ރާއްޖޭގެ ވިޔަފާރީ މާކެޓުން އެ ކުންފުނިތަކަށް ފުރަސަތު ފަހިކޮށްދިނުމަށްޓަކައި ބާއްވާ ހަރަކާތެކެވެ.

މި މަހުގެ 15-17 އަށް ކުރިއަށް ގެންދާ އެ އެކްސްޕޯ ބާއްވަން ހަމަޖެހިފައިވަނީ ދަރުބާރުގޭގަ އެވެ.

comment ކޮމެންޓް