ގްރީން ފަންޑުން 27 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި

ފުށިފަރު މޯލްޑިވްސް ރިސޯޓު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އޮގަސްޓު މަހުގެ ނިޔަލަށް ގްރީން ފަންޑުން 27.13 ރުފިޔާ ހަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފި އެވެ.

އެ މިނިސްޓްރީ އިން އާންމުކޮށްފައިވާ މިއަހަރުގެ އޮގަސްޓްމަހުގެ ގްރީން ފަންޑުގެ ރިޕޯޓުގައިވާގޮތުން މަސް ނިމުނު އިރު އެ ފަންޑުގައި 388.52 މިލިއަން ރުފިޔާ ހުއްޓެވެ.

ގްރީން ފަންޑުން ފައިސާ ހަރަދު ކުރަނީ ތިމާވެއްޓާ ގުޅުންހުރި ކަންތައްތަކަށާއި ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތަކަށެވެ. އެގޮތުން ފެނާއި ނަރުދަމާ ގާއިމް ކުރުމަށާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކަށް އަދި ވޭސްޓްމެނޭޖުމެންޓުގެ މަޝްރޫއުތަކަށް އެ ފަންޑުން ހަރަދު ކުރެ އެވެ.

އޮގަސްޓު މަހު ގްރީން ފަންޑަށް އެންމެ ގިނަ އަދަދަކަށް ފައިސާ ޖަމާކޮށްފައިވަނީ ކ. އަތޮޅުންނެވެ. ކ. އަތޮޅުން ޖުމްލަ 25.84 މިލިއަން ރުފިޔާ ގްރީން ޓެކުހުގެގޮތުގައި ދައްކާފައިވެ އެވެ. ދެން އެންމެ ގިނަ އަދަދަކަށް އެ ފަންޑަށް ފައިސާ ޖަމާކޮށްފައިވަނީ އދ. އަތޮޅުންނެވެ. އެ އަތޮޅުގައި ހިންގާ ރިސޯޓު، ގެސްޓުހައުސް ތަކުން ޖުމްލަ 11.64 މިލިއަން ރުފިޔާ ގްރީން ޓެކުހުގެ ގޮތުގައި ދައްކާފައިވެ އެވެ.

ތިންވަނަ އަށް އެންމެ ގިނައިން ގްރީން ޓެކްސް ދެއްކީ ބ އަތޮޅުންނެވެ. އެ އަތޮޅުގައި ހިންގާ ސިޓީ ހޮޓާ، ރިސޯޓު އަދި ގެސްތުހައުސްތަކުން ޖުމްލަ 6.98 މިލިއަން ރުފިޔާ ގްރީން ޓެކުހުގެ ގޮތުގައި ދައްކާފައިވެ އެވެ.

އޮގަސްޓުމަހު ގްރީން ޓެކުހުގެ ގޮތުގައި ޖުމްލަ 72.09 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ގްރީން ޓެކްސްގެ ގޮތުގައި ރިސޯޓަކުގައި ތިބޭ ފަތުރުވެރިންގެ އަތުން ރެއަކާ ދުވާލަށް ހަ ޑޮލަރު ނަގަން ފެށީ 2015 ވަނަ އަހަރުން ފެށިގެން އެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިން އަތުން ރެއަކާ ދުވާލަށް ތިން ޑޮލަރު ނަގަން ފެށީ، 2016 އިން ފެށިގެން އެވެ.

comment ކޮމެންޓް