ހުޅުމާލޭގައި ކާރަކާއި ސައިކަލެއް އެކްސިޑެންޓުވެ ދެމީހަކަށް އަނިޔާވެއްޖެ

ހުޅުމަލޭގައި މިއަދު އެކްސިޑެންޓު ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ

މިއަދު ހެނދުނު ހުޅުމާލޭގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ސައިކަލުގައި ތިބި ދެމީހުންނަށް އަނިޔާވެއްޖެ އެވެ.

މިއަދު ހެނދުނު 7:50 ހާއިރު މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ހުވަނދުމާ ހިނގުމުން އިރުން ހުޅަނގަށް ދުއްވާފައި ދިޔަ ކާރަކާއި ފިލިގަސް މަގުން އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލެއްގައި ޖެހިގެންނެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ 48 އަހަރުގެ ދިވެހި ފިރިހެނަކަށާއި، 41 އަހަރުގެ ދިވެހި އަންހެނަކަށެވެ.

އެ ދެމީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ އިރު އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވާ ކަމަށް ފުލުހުން ބުންޏެވެ.

އެކްސިޑެންޓުވި ކާރު ދުއްވަން އިން 27 އަހަރުގެ ދިވެހި އަންހެން މީހާއަށް އެއްވެސް އަނިޔާއެއް ވެފައެއް ނުވެ އެވެ. ނަމަވެސް އޭނާ ދުއްވި ކާރަށް އެކި ވަރުގެ ގެއްލުން ލިބިފައިވެ އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި ހިމެނޭ ތިން މީހުންނަކީ ވެސް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް އޮންނަ މީހުން ކަމަށެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް