ހުކުރު ނަމާދު ކުރަން ތިއްބައި ބަޑިޖަހައި 16 މީހުން މަރާލައިފި

ބުރްކީނާ ފާސޯގެ ބާތާ އަވަށުގެ މިސްކިތެއްގައި މުސްލިމުން ނަމާދުކުރަނީ

ވަގަދޫގޯ (އޮކްޓޯބަރު 13) : މިދިޔަ ހުކުރު ދުވަހު ބުރްކީނާ ފާސޯގެ މިސްކިތެއްގައި ހުކުރުނަމާދު ކުރަން ތިބި ބަޔަކަށް ހަމަލާދީ 16 މީހުން މަރާލައިފިއެވެ.

ހުޅަނގު އެފްރިކާގެ ގައުމެއް ކަމުގައިވާ ބުރްކީނާ ފާސޯގެ ހުކުރު މިސްކިތަކީ އެ ގައުމުގެ ހަމަނުޖެހުން ބޮޑު އުތުރު ސަރަހައްދެއްކަމަށްވާ ސަލްމޯސީގައި ހުންނަ މިސްކިތެކެވެ. ފުލުހުންނާ ރިޕޯޓުތައް ބުނާ ގޮތުން ހަމަލާދީފައި ވަނީ ބަޑި ހިފައިގެން ހުރި މީހެކެވެ. އެ މީހާ ބަޑިން ދިން ހަމަލާތަކުގައި ވަގުތުން 13 މީހަކު މަރުވި އިރު، އަނެއް ތިން މީހުން މަރުވީ ފަރުވާދެމުން ދަނިކޮށެވެ. އަދި ދެ މީހެއްގެ ހާލު ސީރިޔަސްކަމަށް ޚަބަރުތައް ބުނެއެވެ.

ސަލްމޯސީ ސަރަހައްދަކީ ދީނުގެ ނަމުގައި ތަކްފީރީ ފިކުރުގެންގުޅޭ، އައިއެސްއަށް ތާއީދުކުރާ މީހުން ހަރަކާތްތެރިވާ ސަރަހައްދެކެވެ. ހަރުކަށި މީހުންގެ ތެރޭގައި ހިމެނެނީ އަލްގައިދާއާއި، އައިއެސް ޖަމާއަތާ ގުޅިފައިވާ ހަނގުރާމަވެރިންނެވެ. ސަލްމޯސީގެ މިސްކިތަށް ދިން ޓެރަރިސްޓް ހަމަލާއަށްފަހު އެ ސަރަހައްދުގެ މުސްލިމުން އެ އަވަށް ދޫކޮށް ރައްކާތެރި ތަންތަނަށް ދިޔައެވެ.

އިސްލާމްދީނުގެ ނަމުގައި ހަރުކަށި ތަކްފީރީ ފިކުގެންގުޅޭ މީހުން ކޮންޓްރޯލް ކުރުމަށްޓަކައި ބުރްކީނާ ފާސޯގެ ސަރުކާރުން ޔޫރަޕްގެ ބައެއް ގައުމުތަކުގެ ސިފައިން ގެނައި ފަހުން، ހަރުކަށި މީހުންގެ ހަމަލާތައްވަނީ އިތުރަށް ވަރުގަދަވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ޓެރަރިޒަމާ ހަނގުރާމަކުރުމުގެ ނަމުގައި ބޭރު ސިފައިން ގެނައުމަށް ޓެރަރިސްޓު ޖަމާއަތްތައް ވަރުގަދަ ވަމުންދާ މައްސަލައިގައި އެގައުމުގެ އިދިކޮޅު ފަރާތްތައް ގެންދަނީ ސަރުކާރު ކުށްވެރި ކުރަމުންނެވެ.

ދުނިޔޭގެ އެންމެ ފަގީރު ގައުތަކުގެ ތެރޭގައި ހިމެނޭ ބުރްކީނާ ފާސޯއަކީ 2015 ވަނައަހަރާ ހަމައަށް އަމާން ގައުމެއްގެ ގޮތުގައި އޮތް ގައުމެކެވެ. އެގައުމުގައި ހަރުކަށި ފިކުރު ފެތުރެން ފަށާފައިވަނީ ނައިޖީރިއާގައި ހަރަކާތްތެރިވާ ބޯކޯ ހަރާމް ޖަމާއަތުގެ ހަނގުރާމަވެރިންގެ ސަބަބުންނާއި އަވަށްޓެރި މާލީ އަދި ނައިޖަރުގައި ހަރަކާތްތެރިވާ ހަރުކަށި ޖަމާއަތްތަކުގެ ސަބަބުން ކަމަށްވެއެވެ. އެފަދަ ހަނގުރާމަވެރިން ބުރްކީނާ ފާސޯގެ އުތުރާއި އިރުމަތީ ސަރަހައްދީ ރޮނގުހުރަސްކޮށް އެގައުމަށްވަދެ ޒުވާނުން ހަރުކަށި ފިކުރުގައި ޖައްސާކަމަށް އެގައުމުގެ މަސްއޫލުވެރިން ވިދާޅުވެއެވެ.

2015 ވަނައަހަރުގެ ފަހުން ބުރްކީނާ ފާސޯގައި ހިނގަމުންދާ ހަރުކަށި އަމަލުތަކުގައި 1،000 މީހުން މަރުވެފައިވާއިރު މި އަމަލުތަކުގެ ޝިކާރައަކަށް ވެފައިވަނީ މުސްލިމުންނެވެ. މި ހަރުކަށި އަމަލުތަކުގެ ސަބަބުން ތިން ލައްކަ މީހުން ވަނީ އެމީހުންގެ އަވަށްތައް ދޫކޮށް ރައްކާތެރި ހިސާބުތަކަށް ހިޖުރަކޮށްފައެވެ. މީހުން ހިޖުރަކުރުމާއެކު އަވަށްތައް ފަޅުވުމުގެ ސަބަބުން 3،000 ސްކޫލްވަނީ ބަންދުކޮށްފައެވެ. (އަލްޖަޒީރާ)

ގުޅޭ ޓެގު
comment ކޮމެންޓް