ވިސްނުން އިސްނުކޮށްފި ނަމަ ރާއްޖޭގައި ހަނގުރާމައެއް ފެށިދާނެ: ނަޝީދު

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަހުމަދިއްޔާ ސްކޫލްގެ ޕްރައިޒްޑޭގެ ހަފްލާގައި ވާހަކަފުޅު ދައްކަވަނީ: ހިޔާލުތަފާތުވުމާ އެކުވެސް، އެންމެން އެކީގައި އުޅެވެން ޖެހޭ ކަމަށް ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވިސްނުން އިސްނުކޮށްފި ނަމަ ރާއްޖެ ހަނގުރާމައެއްގެ ތެރެއަށް ވެއްޓި މުޅި ރާއްޖެ ހަރާބު ވެގެން ދިޔުމުގެ ބިރު ވަރަށް ބޮޑު ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އަހުމަދިއްޔާ ސުކޫލްގެ 2018 ވަނަ އަހަރުގެ އިނާމު ދިނުމަށް ރޭ އެ ސްކޫލްގައި ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ދިވެހީންގެ ތެރޭގައި އުފެދޭ ހިޔާލުތަފާތުވުންތަކުގައި އެއްބަޔަކު އަނެއްބަޔަކަށް އަނިޔާވެރި ކަމާ އެކު ކަންކަން ކުރުމަށް ވާހަކަތައް ދެކެވެން ފަށާފައިވާ ކަމަށެވެ. އެގޮތުން ނުބައި މީހަކަށް އެހެން މިހެން ހަދާލަން ޖެހޭ ކަމަށް، ބައެއް މީހުން ފާޅުގައި ބުނަން ފަށާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އެގޮތަށް ކަންކަން ވަމުން ދާނަމަ، ރާއްޖޭގެ މުސްތަގުބަލު ބަރުބާދު ވެގެން ދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ތިބޭފުޅުންނަށް ޓީވީން ތާއަބަދު ފެންނަމުންދާނެ ރީތިކޮށް ހުންނަ ގައުމުތައް، ދެން ފެންނަން ހުންނަނީ ބަޑިވަޅުން ފުރިފައި ހުންނަނަ ދެބައިކުޅާ އެއްބަޔަށް ވެއްޓީފައި ހުންނަ އިމާރާތްތަކެއް. ގާތަށް އެތައް މިތަނަށް އުކިފައި ސަފުސަފަށް ނިކަމެތި ރައްޔިތުން ސަހަރު ސަހަރު ސިޓީ ޓައުން ދޫކޮށް އެތައް މިތަނަށް ހިނގާތަން. ބިކަ ހާލުގައި ކުޑަކުދިން މައިންބައިންގެ އުރުގައި ރޮމުންދާތަން. އެއްގޮތަކަށް ވެސް އަޅުގަނޑު ދަންނަވާނީ ހިތަށް ނަރުވައްޗޭ އެމަންޒަރު މި މާލެއިން ނުފެނިދާނެ ކަމަށް. ވަރަށް ބުއްދިވެރި ކަމާއި އެކީގައި ވަރަށް ވިސްނުންތެރިކަމާއި އެކީގައި އަޅުގަނޑުމެންގެ ކަންކަން ނުގެންގޮސްފިނަމަ އަޅުގަނޑަށް ފެންނަ ފެނުމުގައި މިހަރާބުގެ އައްސޭރިއަށް ތިބޭފުޅުންގެ ޖީލު ގޮސްދާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރަނގަޅާއި ނުބަޔަކީ ކަނޑައެޅުމަކީ އެކި މީހުންގެ މެދުގައި ހިޔާލުތަފާތުވާނެ ކަމެއް ކަމަށާއި އެހެން ކަމުން އެ ހިޔާލު ތަފާތުވުމާ އެކުވެސް އެންމެން އެކުގައި އުޅެވެން ޖެހޭނެ ކަމަށެވެ. އެހެން ނޫޅެވޭ ނަމަ ދެން އެއީ ހަމަނުޖެހުން އުފެދޭ ހިސާބު ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އޭނާ އެއީ ގޯސްމީހަކަށް ވާތީ އޭނާއަށް ހަދަން ޖެހޭ ގޮތަކީ މިއީއޭ އެކަމު އޭނާ ދެކި ހުރީ، ހަގީގަތުގައި އޭނާ އަކީ ރަނގަޅު މީހާ ކަމަށް. އަދި އެތައް ކިތެންމެ ބައެއްވެސް އެބަދެކޭ އެނާ އަކީ ރަނގަޅު މީހެއްކަމަށް. ހިޔާލު ތަފާތު ވާނެ! ރަނގަޅާއި ނުބައިވެސް އެކި މީހުން އެކި ގޮތަށް ދެކޭނެ،" ނަޝީދު ވިދާޅުވި އެވެ.

ދަރިވަރުންނަށް ނަސޭހަތް ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖެ މިހާރު ވަނީ ހަތަރު އަގޮޅިއެއްގެ ކަންމަތީގައި ކަމަށެވެ. އަދި ރާއްޖެ މިހާލަތުން އަރައިގަނެވޭނީ، މިއަދު އެންމެން އެކުގައި މަސައްކަތްކޮށްގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މިއަދު އަހަރުމެން ނިންމާ ގޮތްތަކަކުން މާދަމާ އަހަރުމެންގެ މުސްތަގުބަލު ހަރާބު ވެދާނެ ކަމަށް ވެސް ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވި އެވެ. އެހެންވެ، ގައުމު ހަމަ މަގަށް އެޅުވުމަކީ އެންމެންގެ ފަރުދީ ޒިންމާއަކށް ހެދުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.

"އަޅުގަނޑުމެން އެންމެނަށް އެކެއްގެ ހިޔާލު އެއީ ހަޖަމް ނުކުރެވޭ ހިޔާލެއް ކަމަށްވެ، އެއާއި އެކީގައި ނޫޅޭވޭ ތަނަށް ދިޔައިމާ އެއީ ހިޔާލު ތަފާތުވުމުގެ ސަބަބުން ހަމަނުޖެހުން އުފެދޭ ހިސާބު. އެއީ އަޅުގަނޑުމެން ދާން ބޭނުންވާނެ ތަނެއް ނޫން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު