ވަކީލު ކަމުގެ ހުއްދަ ދެން ދޭނީ ބާ އިމްތިހާނު ފުރިހަމަ ކުރުމުން

ގާނޫނީ ވަކީލުން ހުވާ ކުރުމަށް ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން -- ފޮޓޯ/ ޑީޖޭއޭ

ގާނޫނީ ވަކީލު ކަމުގެ ހުއްދައަށް އެދުމުގެ ކުރިން، ބާ އިމްތިހާނާއި ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރަންޖެހޭ ގޮތަށް، ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމާ ބެހޭ ގަވާއިދު ބާ ކައުންސިލުން އެކުލަވާލައިފި އެވެ.

ރާއްޖޭގައި ގާނޫނީ ވަކީލުކަމުގެ ހުއްދަ ދިނުމުގައި ބަލާނެ މިންގަނޑުތަކާއި، އަމަލުކުރާނެ އުސޫލުތައް އަދި ހުއްދަ ދިނުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކޮށް، އެ ގަވާއިދު މިހާރު ވަނީ ގެޒެޓުކޮށްފަ އެވެ.

ގަވާއިދުގައިވާ ގޮތުން، ވަކީލުކަމުގެ ހުއްދަ ދޫކުރާނީ އުމުރުން 21 އަހަރު ފުރިފައިވާ، ބާ ކައުންސިލުން ކަނޑައަޅައިފައިވާ ޝަރުތުތަކެއް ފުރިހަމަވާ، އަދި ބާ ކައުންސިލުން އެކްރެޑިޓްކޮށްފައިވާ ކިޔަވައިދޭ މަރުކަޒެއްގައި ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީއެއް ހާސިލު ކޮށްފައިވާ ދިވެހީންނަށެވެ.

އޭގެ އިތުރުން ގަވައިދުގެ ދަށުން ކަނޑައަޅާފައިވާ ބާ އިމްތިހާނާއި ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށްފައިވާ މީހަކަށް ވާން ޖެހޭނެ އެވެ.

އިމްތިހާނުގައި ހިމަނާނެ ސުވާލުތައް ކަނޑައަޅައި، ޖަވާބު ސްކީމް ތައްޔާރުކޮށް، އިމްތިހާނު ބާއްވާނެ ތާރީހުތައް ކަނޑައަޅައި، އެ އިމްތިހާނުތައް ބޭއްވުމުގެ އެންމެހައި އިންތިޒާމުތަކެއް ހަމަޖައްސާނީ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީއިންނެވެ.

ކޮންމެ އަހަރަކު ވެސް މަދުވެގެން އެއް ބާ އިމްތިހާން ބާއްވަން ޖެހޭނެ ކަމަށާއި، އަދި އިމްތިހާން ބާއްވާ ތާރީހުތައް، އެ އިމްތިހާން އޮންނަ ދުވަހުގެ 90 ދުވަސް ކުރިން އާންމުކޮށް އިއުލާނު ކުރަން ޖެހޭނެ ކަމަށް ގަވާއިދުގައި ވެއެވެ.

ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތްތަކުން އެއް އަހަރު ދުވަހުގެ ތަމްރީނެއް ފުރިހަމަ ކުރަން ޖެހޭނެ އެވެ. މި ތަމްރީނު ފުރިހަމަކުރެވޭނީ ބާ ކައުންސިލުން ހުއްދަކުރާ ތަންތަނުގައި، ގަވައިދުގައި ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާ ސުޕަވައިޒަރުންގެ ބެލުމުގެ ދަށުންނެވެ.

ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރެވޭނީ ބަންޑާރަ ނައިބުގެ އޮފީހާއި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ޝަރުތު ފުރިހަމަވާ ލީގަލް ޕްރެކްޓިސްތަކުގެ އިތުރުން، ޝަރުތު ފުރިހަމަވާ ލޯ ފާމްތަކާއި، ޝަރުތުތައް ފުރިހަމަވާ ސުޕަވައިޒަރަކު ފުލްޓައިމްކޮށް ގާނޫނީ މަސައްކަތްކުރާ ކޮންމެ ތަނެއްގަ އެވެ.

ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދި ހުށަހެޅުމުން، އެ ހުށަހެޅުންތައް ދިރާސާކުރުމަށްފަހު، އެ ފަރާތަކަށް ހުއްދަ ދިނުމާމެދު ގޮތެއް ނިންމާނީ ލައިސަންސިން ކޮމިޓީގެ ލަފާގެ މަތިން އެގްޒެކެޓިވް ކޮމިޓީންނެވެ. އަދި ކޮމިޓީގެ ނިންމުން، 30 ދުވަހުގެ ތެރޭގައި ހުއްދައަށް އެދުނު ފަރާތަށް އަންގަން ވާނެ ކަމަށް ގަވާއިދުގައިވެ އެވެ.

ރާއްޖޭގައި ގާނޫނީ މަތީ ތައުލީމުދޭ ކޯސްތަކާއި ޕްރޮގްރާމްތަކުގެ ތެރެއިން ފުރަތަމަ ޑިގްރީގެ މުގައްރަރު ބާ ކައުންސިލުން ކަނޑައަޅައި މަތީ ތައުލީމުދޭ މަރުކަޒުތަކަށް އެންގުމާ ހަމައަށް، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގާނޫނީ ރޮގުން ފުރަތަމަ ޑިގްރީ ގޮތުގައި އެކްރެޑިޓްކޮށްފައިވާ ޑިގްރީ ތަކަކީ، ގާނޫނީ ރޮގުން ފުރަތަމަ ޑިގްރީ ކަމުގައި ބަލަންވާނެ ކަމަށް ގަވާއިދުގައިވެ އެވެ.

މީގެ އިތުރުން، އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުމާ ބެހޭ ގަވާއިދާއި ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދު ވެސް ވަނީ ގެޒެޓުކޮށްފަ އެވެ.

އެގޮތުން އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖެހުމުގެ މަސައްކަތް ކުރެވޭނީ، ރާއްޖޭގައި ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ގާނޫނީ ވަކީލުންނަށް އެކަންޏެވެ.

ޕަބްލިކް ނޯޓަރީއެއްގެ މަސައްކަތް ކުރެވޭނީ، ރާއްޖޭގައި ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިިބފައިވާ، އަދި ގާނޫނީ ދާއިރާގައި މަދުވެގެން ތިން އަހަރު ދުވަހު ހިދުމަތް ކޮށްފައިވާ ގާނޫނީ ވަކީލުންގެ ތެރެއިން އެކަމަށް އެދި ބާ ކައުންސިލަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ބާ ކައުންސިލުން ހުއްދަ ދޭ ފަރާތްތަކަށެވެ.

ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދަ ދީފައިވާ ފަރާތްތަކުގެ ދަފުތަރެއް ބާ ކައުންސިލުން ބަލަހައްޓަން ޖެހެ އެވެ.

comment ކޮމެންޓް