ބިން ހިއްކާ ގޮތަށް ބޮޑު ބަދަލެއް، ދެން ވަށައިގެން ތޮށި ނުލާނެ

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް -- ފޮޓޯ/ މަޖިލިސް

ބިން ހިއްކުމުގައި މިހާރު އަމަލު ކުރަމުން އަންނަ ގޮތަށް ބަދަލުގެނެސް، ވަށައިގެން ތޮށި ލުން ހުއްޓާލަން ނިންމާފައިވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިއަދާ ހަމައަށް ގެންގުޅެމުން އައި އުސޫލަކީ ހިއްކާ ހިސާބު ވަށައިގެން ތޮށި ލުން ކަމަށެވެ.

އެގޮތަށް އެކަން ކުރެވެމުން އަންނީ މާ ބޮޑަށް ޑިޒައިން ކޮށްގެން ކުރެވޭ ކަމަކަށް ވުމުގެ ބަދަލުގައި، ރަށުގެ އެންމެ ބޮޑު ޖާގައެއް އޮންނަ ދިމާލަކުން ހިއްކާލާތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުގެ މިހާރުގެ އާ ވިސްނުމަކީ އެގޮތަށް އެކަން ނުކުރާން،" މިނިސްޓަރު ވިދާޅުވި އެވެ.

ބިން ހިއްކައިގެން ރިސޯޓު ތަރައްގީ ކުރާ ގޮތުން މިސާލު ނަންގަވަމުން މިނިސްޓަރު ވިދާޅުވީ، ރިސޯޓު ތަރައްގީ ކުރުމުގައި ބިން ހިއްކަނީ ބޮޑު ތޮށްޓެއް ލުމުގެ ބަދަލުގައި، ގޮނޑުދޮށް ލިބޭ ގޮތަށް ކަމަށެވެ.

"އެހާ ބޮޑަކަށެއް ތޮށްޓެއް ލާފައެއް ނުހުރޭ. ބީޗް ބޮޑު ބައިގައި އޮވޭ. އެހެން ނަމަވެސް އެ ބީޗު ހިމާޔަތް ކުރުމަށްޓަކައި ކޮންމެސް ވަރަކަށް ތޮށި ލާފައި ހުރޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ކ.މާފުށީގެ ބިން ހިއްކަން މިނިސްޓަރު ތައްޔާރުކޮށްފައިވާ ކޮންސެޕްޓް ކޮމިޓީގެ މެމްބަރުންނާ ވަނީ ހިއްސާކުރައްވައިފަ އެވެ. މިނިސްޓަރު ވިދާޅުވީ މާފުށީ ފަޅުގައި ބިން ހިއްކަން ބޮޑު ޖާގައެއް އޮތް ނަމަވެސް، ބިން ހިއްކާނީ އެދިމާލުން ނޫން ކަމަށެވެ.

އޭގެ ބަދަލުގައި އަނެއް ކޮޅުން ބިން ހިއްކައި، ބްރޭކްވޯޓާތަކެއް ލައި، ދެ ބްރޭކްވޯޓާ ދޭތެރޭގައި ބީޗެއް އޮންނަ ގޮތަށް އެކަން ކުރަން ވިސްނުން ހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ބީޗު ހެދީމަ، ބީޗާ ހޭޅިއާ ދޭތެރޭ ޖާގައެއް ދޫކޮށްލަން ޖެހޭނެ ތަރައްގީ ނުކޮށް. ތޮށި ލީމަ ތޮށްޓާ ހަމައަށް ގާތްގަނޑަކަށް ތަރައްގީ ގެންދެވޭނެ. އެހެން ނަމަވެސް އެ ލިބޭ ރީތިކަމާ ތަނުގެ މުއްސަނދިކަން އަންނަނީ ގޮނޑުދޮށް ލިބުނީމާ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރަށްރަށުގައި ގެސްޓް ހައުސް ވިޔަފާރި ފުޅާވަމުން އަންނަ އިރު، ބީޗެއް ލިބުމަކީ އެ ރަށެއްގެ "ވެލިއު" މައްޗަށް ދާނެ ކަމެއް ކަމަށެވެ.

"ހަމައެކަނި ލޭންޑެއް ނޫން އެއްޗަކީ. ލޭންޑް ވަކި ގޮތަކަށް އައީމަ އޭގެ ވެލިއުއެއް އިނދޭ. ދެން އެހެންވީމަ މި ވިސްނުމުގައި އަޅުގަނޑުމެން ދެން ކުރިއަށް ގެންދާ ބިން ހިއްކުމުގެ މަޝްރޫއުތައް ކުރިއަށް ގެންދާނީ،" އަސްލަމް ވިދާޅުވި އެވެ.

އެހެން ނަމަވެސް ބައެއް ރަށްތަކުގައި ބިން ހިއްކަން އެހާ ބޮޑު ޖާގައެއް ނެތް ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެފަދަ ރަށްތަކުގެ ބިން ހިއްކުން ކުރިއަށް ގެންދާނެ އިތުރު ގޮތެއް ބަލާނެ ކަމަށެވެ.

comment ކޮމެންޓް