މިދިޔަ ހަފްތާގައި 58 އެކްސިޑެންޓް، 11 މީހަކަށް އަނިޔާވި: ފުލުހުން

މާލެ-ހުޅުލެ ލިންކްގައި ވެހިކަލް ދުއްވަނީ: އެކްސިޑެންޓްތައް ހިނގާވަރު އަދި އަދިވެސް ގިނަ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ހުސްވި ހަފްތާގެ ތެރޭގައި މާލެ ސަރަހައްދުގައި 58 އެކްސިޑެންޓް ހިނގައި، ނުވަ މީހެއްގެ ލައިސެންސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން އާންމުކުރި މިދިޔަ ހަފްތާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ އެކްސިޑެންޓްތަކުގައި 11 މީހަކަށް ވަނީ އަނިޔާވެފަ އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ހަފްތާގައި ގަވާއިދާ ހިލާފަށް ޕާކުކޮށްގެން 759 އުޅަނދުގައި ޕާކިންގް ސްޓިކާ ޖަހައި، 144 އުޅަނދު ވަނީ ޓޯ ކޮށްފަ އެވެ.

އެއްގަމު އުޅަނދު ބަލައި ޗެކް ކުރުމަށް ކުރި މަސައްކަތުގެ ތެރެއިން މިދިޔަ ހަފްތާގައި ފުލުހުން ވަނީ 1160 އުޅަނދު ޗެކްކޮށްފަ އެވެ. އެ މަސައްކަތުގެ ތެރެއިން ލައިސެންސް ނުލާ ދުއްވި، 130 މައްސަލަ، އިންޝުއަރެންސާއި ރޯޑްވާދިނަސްގެ މުއްދަތު ހަމަވެފައިވާ ކަމުގެ 56 މައްސަލަ އަދި އަހަރީ ފީ ނުދައްކާ 39 މައްސަލަ ފާހަގަވެފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ދުއްވަން ކަނޑައަޅާފައި އޮންނަ ސްޕީޑަށް ވުރެ ބާރަށް ދުއްވި ކަމުގެ 14 މައްސަލައަކާއި ފޯނު ނުވަތަ ހެޑްސެޓް ބޭނުން ކުރަމުން ދުއްވި ކަމުގެ 18 މައްސަލަ ވެސް މިދިޔަ ހަފްތާގެ ތެރޭގައި ފާހަގަ ކުރެވުނު ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް