އައްޑޫ ސިޓީގެ ގިނަ ގެތަކަށް ފެންވަދެ، ބައެއް މީހުން ވަގުތީ ހިޔާއަށް

އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ތެރެއިން--- ފޮޓޯ: އޭއޯ ނިއުސް

އައްޑޫ ސިޓީއަށް މިއަދު ކުރި ވިއްސާރައިގައި ގިނަ ގެތަކަށް ފެން ވަދެ، ބައެއް މީހުން ވަގުތީ ހިޔާއަށް ބަދަލުކޮށްފި އެވެ.

އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) "ސަން" އަށް މިރޭ ވިދާޅުވީ މިހާރު އައްޑުއަށް ކުރަމުންދާ ވިއްސާރައިގައި ގިނަ ގޭގެއަށް ފެން ވަދެ އެކި ގެއްލުންތައް ލިބިފައިވާ ކަމަށެވެ. އެގޮތުން 20 ޕަސެންޓް ގޭގޭގެ ފަރުނީޗާރުތަކަށް ގެއްލުން ލިބިފައިވާ ކަމަށް ސޯބެ ވިދާޅުވިއެވެ.

ސޯބޭ ވިދާޅުވީ ހަ ގޭގައި ނޫޅެވިގެން 30 އަކަށް މީހުންނަށް މިހާރު ވަގުތީ ހިޔާވަހިކަންވެސް ހޯދައިދީފައިވާ ކަމަށެވެ.

އަދި އެ މީހުންގެ ގެތަކަށް މާދަމާ އެނބުރި ވަދެވޭވަރުކޮށްދެވޭތޯވެސް މިހާރު މަސައްކަތް ކުރަމުންދާ ކަމަށް ސޯބެ ވިދާޅުވިއެވެ.

ސޯބެ ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރައަކީ އާދައިގެ ވިއްސާރައެއް ނޫން ކަމަށާއި ފާއިތުވި ފަސްއަހަރު ތެރޭގައިވެސް އެހާ ވަރަށް ވާރޭ ނުވެހޭ ކަމަށް ސޯބެ ވިދާޅުވިއެވެ.

މިހާރު ކުރަމުންދާ ވިއްސާރަ ސޯބެ ސިފަކުރެއްވީ ތޫފާނެއްގެ ގޮތުގައެވެ. އަދި އެފަދަ ހާލަތްތަކުގައި ސްޓޯމް ވޯޓާ ޑްރެއިނޭޓް ސިސްޓަމްއަށް ބޭނުންކޮށްގެން ފެންބޮޑުވުން ހައްލުކުރެވޭނެކަމަށްވެސް ސޯބެ ވިދާޅުވިއެވެ.

ފެންބޮޑުވެފައިވާތީ އެ މައްސަލަ ހައްލުކުރުމަށް އެމްއެންޑީއެފްއާއި ފުލުހުންނާއި ރަށުގެ ޖަމިއްޔާތަކާއި އާއްމުން މަސައްކަތް ކުރަމުންދާ ކަމަށް ސޯބެ ވިދާޅުވިއެެވެ.

ފުލުހުން މިރޭ ކުރި ޓުވީޓެއްގައި ބުނީ މިހާތަނަށް އައްޑޫ ސިޓީގެ 140 ގެޔަކަށް އެކިވަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިތަދޫގެ 44 ގެއާއި މަރަދޫގެ ހަތަރު ގެޔާއި މަރަދޫފޭދޫގެ 12 ގެއާއި ފޭދޫގެ 43 ގެއާއި ހުޅުދޫގެ 10 ގޭގެ އިތުރުން މީދޫގެ 27 ގެއެއް ހިމެނެއެވެ. އޭގެ އިތުރުން 28 ގެއަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް މިހާރު މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް