70 ކިލޯގެ ޑްރަގު މައްސަލައިގެ ތަހުގީގަށް އިންޓަޕޯލް ޓީމެއް ރާއްޖޭގައި

އިންޓަޕޯލް ޓީމާއެކު ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު އަދި ފުލުހުންގެ ވެރިން --

ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގެން 70 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ ތަހުގީގަށް އިންޓަޕޯލްގެ ޓީމެއް ރާއްޖެ އައިސްފި އެވެ.

މިމަހުގެ ފަސްވަނަ ދުވަހު އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަންގައި ހއ. ތުރާކުނުގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 172 މޭލު (27.5 ނޯޓިކަލް މޭލު) ބޭރުން، ބޭރުގެ ބޯޓެއް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އަތުލައިގަތެވެ. އަދި އެ ބޯޓުން މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރުމަށްޓަކައި ބޭނުން ކުރި ދިވެހި ދޯންޏެއްވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ މައްސަލައިގެ ތަހުގީގައި ފުލުހުންގެ ޑްރަގު އެންފޯސްމަންޓް ޑީޕާޓްމަންޓް (ޑީއައިޑީ)ގެ ޓީމްތަކާއެކު އިންޓަޕޯލް އިންސިޑެންޓް ރެސްޕޮންސް ޓީމަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ މައްސަލައިގައި މިހާތަނަށް 13 މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އެއީ ތިން ދިވެހިންނާއި 10 ބިދޭސީންނެވެ. ހައްޔަރު ކުރި 13 މީހުންގެ ތެރެއިން 11 މީހެއްގެ ބަންދަށް 15 ދުވަސް އަދި ދެ މީހަަކަށް ވަނީ 10 ދުވަސް ކޯޓުން ވަނީ މިދިޔަ އަންގާރަ ދުވަހު ޖަހާފައެވެ.

އިރާންގެ ދިދަ ނެގި ބޭރުގެ ބޯޓު އަތުލައިގަތް އިރު، ފެނުނު ތިން ގޯނީގެ 70 ޕަކެޓްގައި 70 ކިލޯ މަސްތުވާތަކެތީގެ މަގުމަތީ އަގު 59.2 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.

https://sun.mv/125537

މިދިޔަ މެއި މަސް ތެރޭ ރާއްޖެއަށް 51 ކިލޯގެ މަސްތުވާތަކެތި ހިފައިގެން އައި އީރާނުގެ ބޯޓެއް ވަނީ ހިފަހައްޓައިފަ އެވެ. އެ މައްސަލާގައި އީރާނުގެ ފަސް މީހެއްގެ މައްޗަށް ދައުލަތުން ވަނީ ދައުވާކޮށްފައެވެ.

comment ކޮމެންޓް