ފޮރިން ސާވިސް ބިލާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

ފޮރިން މިނިސްޓްރީން ބޭއްވި ބައްދަލުވުމުގެ ތެރެއިން ---

ފޮރިން ސާވިސްގެ ބިލާ ގުޅޭ ގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އެމިނިސްޓްރީގެ އިސްވެރިން މަޝްވަރާކުރައްވައިފިއެވެ.

ފޮރިން ސާވިސްގެ ގާނޫނެއް އެކުލަވާލުމަކީ، މިސަރުކާރުގެ ފަސް އަހަރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ކަމެކެވެ. އެ ގާނޫނު އެކުލަވާލުމުގެ މަސައްކަތް އަންނަ އަހަރު ފަށައި، ނިންމުމަށް ތާވާލްކޮށްފައިވަނީ 2021 އަށެވެ.

މިއަދު ފޮރިމް މިނިސްޓްރީގައި ބޭއްވި އެ ބައްދަލުވުމުގައި މިހާރު ޑްރާފްޓްކޮށްފައިވާ ފޮރިން ސާވިސްގެ ބިލަށް އިތުރަށް ގެންނަން ފެންނަ ބަދަލުތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށް މިނިސްޓަރަށް ވަނީ ލަފާ އަރުވާފައެވެ.

ފޮރިން ސާވިސްގެ ގާނޫނެއް އެކުލަވާލުމުގެ ބޭނުމަކީ، ކުރިއަރާފައިވާ އެހެން ގައުމުތަކައިވެސް އޮންނަ ގޮތަށް ފޮރިން ސާވިސް އަކީ، ދައުލަތުގެ ވަކި ސާވިސްގެ އެއްގެ ގޮތުގައި ގައިމުކުރުން ކަމަށް ފޮރިން މިނިސްޓްރީއިން ބުންޏެވެ. އަދި ފޮރިން ސާވިސްގައި މުވައްޒަފުން ގާބިލު ބަޔަކަށް ހެދުމަކީވެސް އަމާޒެއް ކަމަށް އެ މިނިސްޓްރީއިން ބުންޏެވެ.

ފޮރިން ސާވިސް ބިލެއް އެކުލަވާލައި އަމަލު ކުރަން ފެށުމުން ރާއްޖޭގެ މިނިވަންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށް އިތުރު ބާރަކަށް ވެގެން ދާނެ ކަމަށް ފޮރިން މިނިސްޓްރީއިން ބުންޏެވެ. އަދި ބައިނަލްއަގުވާމީ ގައުމުތަކުން ރާއްޖެއަށް ކުރާ އިހުތިރާމު އިތުރުވެގެން ދާނެ ކަމަށްވެސް އެ މިނިސްޓްރީއިން ބުންޏެވެ.

ޕްރޮފެޝަނަލް ފޮރިން ސާވިސްއެއް އެކުލަވާލުމުގެ މަސައްކަތަކީ ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ފަތުހުﷲ ޖަމީލް 1990 ވަނަ އަހަރު ފެއްޓެވި މަސައްކަތްޕުޅެކެވެ. އަދި އޭގެ ފަހުން، އެކި ސަރުކާރުތަކުން އެކި ފަހަރުމަތިން ފޮރިން ސާވިސް ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވާފައިވެއެވެ.

comment ކޮމެންޓް