ރާއްޖޭގެ ފިޓްނަސް އެމްބެސެޑަރަކަށް ސުނިލް ޝެޓީ

ސުނިލް ޝެޓީ --

ރާއްޖޭގެ ފިޓްނަސް އެމްބެސެޑަރަކަށް ބޮލީވުޑްގެ ތަރި ސުނިލް ޝެޓީ ހަމަޖައްސައިފިއެވެ.

ޔޫތު، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވާމެންޓް މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދިވެހިންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅި ޕްރޮމޯޓު ކުރުމަކީ މިނިސްޓްރީގެ އަމާޒެއް ކަމަށެވެ.

ރާއްޖެއަކީ "ފިޓާ ނޭޝަން" އަކަށް ހެދުމަށް ކުރާ މަސައްކަތުގެ ދަށުން "މިޝަން ފިޓް މޯލްޑިވްސް" ގެ ނަމުގައި ފަށާ ޕްރޮގްރާމުގައި ސުނިލް ޝެޓީ އާއި އޭނާގެ ޓީމުން މަސައްކަތް ކުރާނެ ކަމަށް ޔޫތު މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

ރާއްޖޭގެ ވެލްނެސް އެމްބެސެޑަރުގެ ހައިސިއްޔަތުން ރާއްޖޭގެ ފިިޓްނަސް އިންޑަސްޓްރީގެ ޕްރޮފެޝަނަލުންނާއެކު ސުނިލް ޝެޓީ މަސައްކަތް ކުރާނެ ކަމަށާއި އަމާޒަކީ ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން އެންމެ ދުޅަހެޔޮ އެއް ގައުމަށް ހެދުން ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

ސުނިލްޝެޓީ އަކީ އިންޑިއާގެ "މިޝަން ފިޓް އިންޑިއާ" މޫމަންޓުގައި އިސްކޮށް މަސައްކަތްކުރާ މީހެކެވެ. އިންޑިއާގެ އެކި ސަރަހައްދުތަކުގައި އުޅޭ މީހުންނަށް އަމާޒުކޮށްގެން ފިޓްނަސް ޕްރޮގްރަމުތައް މިދިޔަ އަހަރުވެސް ސުނިލް ޝެޓީ ވަނީ ކުރިއަށް ގެންގޮސްފައެވެ.

ރާއްޖޭގެ ފިޓްނަސް އެމްބެސެޑަރަކަށް ހަމަޖެއްސުމާ ގުޅިގެން ސުނިލްޝެޓީ ބުނީ މިއީ ލިބުނު ފަހުރެއް ކަމަށާއި ދުޅެހެޔޮ ގައުމަކަށް ރާއްޖެ ހެދުމަށް ކުރާ މަސައްކަތަށް އެއްބާރުލުން ދޭނެ ކަމަށެވެ.

"ދިވެހި ސަރުކާރުގެ މި މުހިއްމު ޕްރޮގްރާމުގެ ހިއްސާއަކަށް ވުމަކީ އުފަލެއް. ޕްރޮގްރާމު ކަމިޔާބު ކުރުމަށް އެއްބާރުލުން ދޭނަން،" ސުނިލްޝެޓީ ބުނެފައިވެއެވެ.

މިޝަން ފިޓް މޯލްޑިވްސް ޕްރޮގްރާމުގެ މަގުސަދަކީ ދިވެހިންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިއެއް ގާއިމްކުރުމާއި ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަކީ އުނދަގޫ ކަމެއް ނޫންކަން އަންގައިދިނުމެވެ.

މި ޕްރިގްރާމާ ގޫޅޭގޮތުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވީ ދިވެހިންގެ މެދުގައި ވެލްނެސް އަދި ހެލްދީ ލައިފްސްޓައިލް ޕްރޮމޯޓު ކުުރުމަކީ ސަރުކާރުގެ އަމާޒު ކަމަށާއި މި ޕްރޮގްރާމުގެ ދަށުން ކޮންމެ ރަށެއްގައި މިހާރު ސްޕޯޓްސް ކައުންސިލަރުންވެސް ތިބޭނެ ކަމަށެވެ.

ރާއްޖޭގެ މީހުން އުޅޭ 61 ރަށެއްގައި އައުޓް ޑޯ ޖިމް ގާއިމް ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށާއި އަމާޒަކީ ކުރިއަށް އޮތް ދެ އަހަރުގެ ނިޔަލަށް ހުރިހާ ރަށެއްގައި މިފަދަ ޖިމްތައް ގާއިމް ކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިޝަން ފިޓް މޯލްޑިވްސްގެ އެމްބެސެޑަރުކަން ސުނިލް ޝެޓީ ގަބޫލު ކުރުމުން އެކަމަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވައިފައެވެ. މި ޕްރޮގްރާމު ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް