ނޭޕާލްގައި ބަހެއް ފުރޮޅާލައި، 11 މީހަކު މަރުވެއްޖެ

މިއަދުގެ ހާދިސާގައި ފުރޮޅާލި ބަސް -- ފޮޓޯ: އޭއެފްޕީ

ނޭޕާލްގައި ބަހެއް ފުރޮޅާލި ހާދިސާގައި 11 މީހަކު މަރުވެ، 100 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެއްޖެ އެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ހާދިސާ ހިނގީ ހިންދޫންގެ ފެސްޓިވަލެއް ފާހަގަ ކުރަން ކަތަމަންޑޫ އަށް ދަތުރު ކުރަމުން ދިޔަ މަގުމަތީގަ އެވެ.

އެ ހާދިސާގައި ފަރުބަދަމަތީ ސަރަހައްދަކުން އެ ބަސް ވަނީ 50 މީޓަރު ތިރިއަށް ވެއްޓިފަ އެވެ. އަދި މަރުވި 11 މީހުންގެ ތެރެއިން ހަ މީހަކު ވަގުތުން މަރުވި ކަމަށާއި ބާކީ ފަސް މީހުން މަރުވީ ފަރުވާ ދެމުންދަނިކޮށެވެ.

ނޭޕާލްގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ އެ ހާދިސާގައި ޖުމްލަ 108 މީހުންނަށް އަނިޔާވިކަން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އޭގެ ތެރެއިން ބޮޑެތި އަނިޔާތައް ލިބިގެން ފަރުވާ ދެމުންގެންދަނީ 39 މީހުންނަށެވެ.

ނޭޕާލްގައި އެކި ފެސްޓިވަލްތައް އޮންނަ ދުވަސްވަރަކީ އަބަދުވެސް މިފަދަ އެކްސިޑެންޓްތައް ހިނގާ ދުވަސްވަރެކެވެ. އަދި މިފަދަ އެކްސިޑެންޓްތަކުގައި އާންމުކޮށް އުޅަނދުތައް ދަތުރުކޮށްފައި ވަނީ އެކަށީގެން ނުވާ ވަރަށް މީހުން އަރުވައިގެންނެވެ.

comment ކޮމެންޓް