އެމްއީއެސް އިމާރާތް ހުސްކުރަންޖެހި އެމްއެންޔޫގެ ކޯސްތަކެއް ހުުއްޓާލަން ޖެހުމުގެ ބިރު

އެމްއީއެސް ހިންގި އިމާރާތް -- ސަން ފޮޓޯ: ފަޔާޒު މޫސާ

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ބައެއް ފެކަލްޓީތަކުގައި ކިޔަވައިދޭ ކޯސްތައް ހިންގަމުންދާ ކުރީގެ މާލޭ އިންގްލިޝް ސްކޫލު ހިންގި އިމާރާތް ހުސްކުރަންޖެހި، އެމްއެންޔޫގެ ބައެއް ކޯސްތައް ހުއްޓާލަން ޖެހިދާނެ ކަމުގެ ބިރު ހީވެއްޖެ އެވެ.

އެމްއެންޔޫގެ ވައިސް ޗާންސެލަރު މުހައްމަދު ޝަރީފް މިއަދު "ސަން" އަށް ވިދާޅުވީ މިހާރު ފެކަލްޓީއޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީސް އާއި ފައުންޑޭޝަން ކޯސްތައް ހިންގަމުންދާ އިމާރާތް ހުސްކުރަން އެޑިއުކޭޝަން މިނިސްޓްރީ އިން މީގެ ކުރިންވެސް އަންގާފައިވާ ކަމަށެވެ. އަދި މިފަހުން އަނެއްކާ ވެސް އެކަން ހަނދާން ކޮށްދީ މިނިސްޓްރީގެ ސިޓީއެއް ޔުނިވަސިޓީއަށް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަނެއްކާވެސް ހަނދާން ކޮށްދޭން ސިޓީ ފޮނުއްވާފައި އޮތީ. އަންނަ ނޮވެމްބަރު ތެރޭގައި އިމާރަތް ހުސްކުރަން،" ޝަރީފް ވިދާޅުވި އެވެ.

އެމްއެންޔޫގެ ލޯ ފެކަލްޓީ އާއި ފެކަލްޓީ އޮފް އާޓްސް އަދި ފައުންޑޭޝަން ކޯސްތައް ހިންގި ބާ ޖަމާލުއްދީން އިމާރާތުން ނިކުންނަން ޖެހުނީ އިމާރާތް ބާވެ ބޭނުން ކުރަން ރައްކާތެރި ނުވުމުގެ ސަބަބުންނެވެ. އެ އިމާރާތުން ނިކުންނަން ޖެހުމުން އެ ތިންް ފެކަލްޓީގެ ކޯސްތައް ކުރީގެ އެމްއީއެސް އިމާރާތާއި ޓޫރިޒަމް ފެކަލްޓީ ހިންގާ އިމާރާތުގައި ކުރިއަށް ގެންދިޔަ އެވެ.

އެެމްއެންޔޫގެ ބައެއް ކޯސްތައް ހިންގި ސޮލާހުއްދީން ބިލްޑިން ވެސް ބާވުމުގެ ސަބަބުން ވަނީ ހުސްކޮށްފަ އެވެ.

"މިހާރު ޖާގައިގެ ދަތިކަން ވަރަށް އެބައޮތް. އަޅުގަނޑުމެން މިތިބީ ގޮތް ހުސްވެފައި،" ވައިސް ޗާންސެލަރު ވިދާޅުވި އެވެ.

"މިހާރު ޕްލޭނިން މިނިސްޓްރީ އާއި ވާހަކަ ދައްކަމުން މިދަނީ ސޮލާހުއްދީން ބިލްޑިން ހުރި ތަނުގައި އިމާރާތެއް އެޅުމަށް،" ވައިސް ޗާންސެލަރު ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ޖާގައިގެ ދަތިކަމާހުރެ އެމްއީއެސް އިމާރާތުގައި ކުރިއަށްގެންދިޔަ ބައެއް ކޯސްތައް ހުއްޓާލަން ވެސް ޖެހިދާނެ ކަމަށެވެ.

"އެ ކޯސްތަކުގައި މިހާރު ކިޔަވާ ދަރިވަރުންނަށް ދެރަގޮތެއް ނުވާނެހެން މަސައްކަތް ކުރާނީ. އިތުރަށް އެ ކޯސްތަކަށް ކުދިން ނުނަގަފާނެ،" ޖާގައިގެ ދަތިކަން އެމްއެންޔޫ އަށް ވަރަށް ބޮޑުކަން ފާހަގަ ކުރައްވަމުން ވައިސް ޗާންސެލަރު ކުރެއްވި އެވެ.

މީގެ ކުރިން އެމްއެންޔޫގެ ކެމްޕަހެއް އެޅުމަށް ހުޅުމާލެއިން ބިމެއް ހޯދން އެޗްޑީސީ އާއެކު މަޝްވަރާ ކުރިއެވެ. ނަމަވެސް އެ މަސައްކަތް ވެސް އޮތީ ހުއްޓިފަ އެވެ.

https://sun.mv/110205

އެމްއީއެސް ހިންގި އިމާރާތް ހުސްކުރަން އެމްއެންޔޫ އަށް އަންގާފައިވަނީ ސަރުކާރުގެ ސްކޫލެއް އެއްދަންފަޅިއަށް ހިންގުމަށް ކަމަށް އަންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މާލޭގައި މިހާރު ސަރުކާރުގެ އެއްވެސް ސްކޫލެއް އެއްދަންފަޅިއަކަށް ނުހިންގަ އެވެ. މާލޭގެ ސްކޫލުތަކުގެ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް އިތުރު ސްކޫލުތައް އަޅަންޖެހޭކަމަށް އެޑިއުކޭޝަން މިނިސްޓަރު މިފަހުން ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް