އެމްޑީއެންއަކީ އަބޫޖަހުލަށް ވުރެ ދަށު ދަރަޖައިގެ ބައެއް: މުއިއްޒު

މިރޭ ޖަލްސާގައި މުއިއްޒު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިސްލާމްދީނަށް ހަޖޫ ޖަހާ، ކީރިތި ރަސޫލާއަށް ފުރައްސާރަ ކޮށްފައިވާ ވާހަކަތަކެއް ހިމަނައިގެން ރިޕޯޓު ތައްޔާރުކުރި މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އަކީ މި އުއްމަތުގެ ފިރުއައުނުގެ ލަޤަބު ދީފައިވާ އަބޫ ޖަހުލަށްވުރެ ދަށު ޖަރައިގެ ބައެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"އަންނަނީ އަންނަނީ" ގެ ނަމުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އެމްޑީއެންއިން ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް، އިސްލާމްދީންގެ އަސްލުތަކާއި ފުށޫއަރާ ފަދަ ނުކުތާތަކެއް ހިމަނައިގެން ތައްޔާރުކުރި ރިޕޯޓާ މެދު ވިސްނަން ޖެހޭ ކަމަށާއި އެއީ އާދައިގެ ކަމެއްގެ ގޮތުގައި ދެކިގެން ނުވާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ކީރިތި ރަސޫލާއަކީ ތެދުވެރި، އަމާނާތްތެރި އަދި އިތުރުފުޅު ނުހައްދަވާ ބޭފުޅެއްކަން މި އުއްމަތުގެ ފިރުއައުނުގެ ލަޤަބު ދީފައިވާ އަބޫޖަހުލު ވެސް ގަބޫލުކުރި ކަމަށެވެ.

އެމްޑީއެންގެ ރިޕޯޓުގައި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ހިމަނާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށް މުއިއްޒު ވިދާޅުވީ އެ ރިޕޯޓު ތައްޔާރުކުރި މީހުން، ކީރިތި ރަސޫލާއާ ބެހޭ ކަންތައްތައް އަބޫ ޖަހުލު ޤަބޫލުކުރާ މިންވަރަށް ވެސް ޤަބޫލު ނުކުރާ ކަމަށެވެ. އެހެންކަމުން އެމީހުންނަކީ އަބޫ ޖަހުލަށްވުރެ ދަށު ދަރަޖައަކަށް ވެއްޓިފައިވާ ބައެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ އެމްޑީއެންގެ ރިޕޯޓުގައި ހިމަނާފައިވާ ވާހަކަތަކާއި ވިސްނުންތަކަކީ މީގެ އެތައް އަހަރެއް ކުރީއްސުރެ މިޤައުމުގައި ފަތުރަން މަސައްކަތްކޮށްފައިވާ ވިސްނުމެއް ކަމަށެވެ. އަދި އެމްޑީއެންއިން ބޭނުންވަނީ ތުއްތު ކުދިންގެ ކިޔަވާ ފޮތްތަކުގައި ވެސް އެ ވިސްނުން ހިމަނަން ކަމަށާއި އެކަމާ މެދު ފާރަވެރިވެ ތިބެން ޖެހޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ރައްޔިތުންނާއެކު މިޤައުމުގައި ތިއްބަވާ ދީނީ އިލްމުވެރިންނާއި ޝެއިހުން ވެސް އިސްލާމްދީން ހިމާޔަތް ކުރަން ނިކުމެވަޑައިގަތުމަށް މުއިއްޒު ގޮވާލެއްވި އެވެ.

"އަޅުގަނޑު މި ދައްކަނީ ޑިޕްލޮމެޓިކް ޕާސްޕޯޓަކަށް ދީން ވިއްކާލާ ޝައިޚުންގެ ވާހަކައެއް ނޫން." މުއިއްޒު ވިދާޅުވި އެވެ.

އެމްޑީއެންއިން ނެރުނު ރިޕޯޓަށް މުއިއްޒު ފާޑުވިދާޅުވެފައިވާއިރު، އެ ރިޕޯޓަކީ 2015 ވަނަ އަހަރު ތައްޔާރުކުރި ރިޕޯޓެއް ކަން ފާހަގަކޮށްލެވެ އެވެ.

comment ކޮމެންޓް